ވިޔަފާރި

ދެ އަހަރަށްފަހު ރާއްޖެ އަންނަ ރަޝިޔާ ޓޫރިސްޓުން އިތުރުވެއްޖެ

  • ރަޝިޔާ މާކެޓު 13 ޕަސެންޓް އިތުރުވި
  • ރަޝިޔާ ގިނަ ބަޔަކު ގެސްޓް ހައުސްތަކަށް އާދޭ
  • ރަޝިޔާ އިން މިދިޔަ އަހަރު 44،323 ޓޫރިސްޓުން އައި

ރަޝިޔާ އިން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވެފައި އޮންނަތާ، އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓުން އަދަދު ވަރަށް ބޮޑުތަން އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ޓޫރިސްޓު އެރައިވަލް ހިސާބުތައް ދައްކާ ގޮތުން އިގްތިސާދު ހީނަރުވުމުގެ ސަބަބުން ބޭރަށް ދަތުރުކުރުން މަދުވެފައިވާ ރަޝިޔާ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފަ އެވެ.

މި ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ރާއްޖެއަށް ޒިޔާރަތް ކުރީ 2،882 ޓޫރިސްޓުންނެވެ. މިއީ މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް ޒިޔާރަތް ކުރި 3،274 ޓޫރިސްޓުންނާ އަޅާ ބަލާއިރު 13.6 ޕަސެންޓުގެ އިތުރުވުމެކެވެ. ނަމަވެސް މުޅި އަހަރަށް ބަލާއިރު ބަލާއިރު ވަނީ އެއް ޕަސެންޓު ދަށްވެފަ އެވެ. މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް 8،546 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. ނަމަވެސް މިދިޔަ އަހަރު ޒިޔާރަތްކުރީ 8،672 މީހުންނެވެ.

ރަޝިޔާ މާކެޓު ދަށަށް ގޮސްފައިވަނީ އެ ގައުމުގެ ފައިސާގެ އަގު ދަށަށް ދިއުމުގެ ސަބަބުންނެވެ. ނަމަވެސް ރަޝިޔާ މާކެޓު ރަނގަޅުވުމަކީ ރާއްޖޭގެ ޓޫރިޒަމަށް އޮތް އުފާވެރި ހަބަރެކެވެ. ހާއްސަކޮށް ރާއްޖޭގެ ގެސްޓް ހައުސް މާކެޓާއި ޓޫރިޒަމްގެ މަތީ ފަންތީގެ ރިސޯޓުތަކަށް ރަޝިޔާގެ ގިނަ ޓޫރިސްޓުން އާދެ އެވެ.

ރާއްޖޭން ވަނީ ރަޝިޔާ މާކެޓު ރަނގަޅު ކުރުމަށް މިދިޔަ އަހަރު ވެސް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. މި މަހުގެ ވެސް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން އިން ވަނީ މޮސްކޯ އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް (އެމްއައިޓީޓީ) ފެއާގައި ވަނީ ބައިވެރިވެފައިވެ އެވެ.

ރަޝިޔާ އިން މިދިޔަ އަހަރު ރާއްޖެ އަށް 44،323 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ.