އުމުރުން ދުވަސްވީ ޗައިނާ އަންހެނަކު އަންހެން ދަރިއަކު ބޭނުންވެގެން އިސްތިހާރެއް ޖަހައިފި އެވެ.
ޗައިނާގެ ހެނާން ޕްރޮވިންސްގައި މި އިސްތިހާރު ޖަހާފައިވާ މީހާ ބުނެފައި ވަނީ އޭނާ އަކީ 68 އަހަރުގެ ޑޮކްޓަރެއް ކަމަށާއި ދަރިއެއްގެ ގޮތުގައި އުޅެން، އޭނާ ބޭނުންވާ ފަދަ އަންހެނަކު ލިބިއްޖެ ނަމަ އޭނާގެ މުދަލުން އެއް ބައި ވެސް ދޭނެ ކަމަށެވެ.
އުުމުރުން ދުވަސްވީ މީހާ ބުނެފައި ވަނީ އޭނާގެ ހަތަރު ގެއާއި ކްލިނިކެއް ހުންނަ ކަމަށެވެ. ދަރިއެއްގެ ގޮތުގައި ބޭނުމީ 40 އަހަރުން ދަށުގެ އަންހެނެއް ކަމަށާއި ބޭނުންވާ ސިފަތައް ހުރި މީހަކު ދަރިއެއްގެ ގޮތުގައި އުޅެން ލިބިއްޖެ ނަމަ ދެ ގެއާއި ކްލިނިކް ދޭނެ ކަމަށް ވެސް އިސްތިހާރުގައި ބުނެފައިވެ އެވެ.
މި އިސްތިހާރު ޖެހި މީހާގެ ފިރިމީހާ މިހާރު އޮތީ ވާގިނެތި ބަލި އެނދުގަ އެވެ. އެހެންވެ މިހާރު ބޭނުންވަނީ ނިކަމެތި ވެފައިވާ މި އާއިލާ އަށް ކޮންމެ ދުވަހަކު ޒިޔާރަތްކޮށް ދަރިއެއްގެ ގޮތުގައި އުޅެ އެކަނިވެރިކަން ފިލުވައިދޭނެ ރަނގަޅު މީހެއް ކަމަށް އިސްތިހާރުގައިވެ އެވެ.
މި އިސްތިހާރުގެ ވާހަކަ ޗައިނާގެ މީޑިއާގައި އާންމުވުމާ އެކު ޗައިނާގެ ސޯޝަލް މީޑިއާގައި ދަނީ މި މުސްކުޅި މީހާއާ މެދު ހަމްދަރުދީ ފާޅުކުރަމުންނެވެ.