މަޝްހޫރު ބޯއި ބޭންޑް، ވަން ޑައިރެކްޝަން އިން ވަކިވިތާ އަހަރު ފުރުމާ ދިމާކޮށް އެ ބޭންޑްގެ ކުރީގެ މެމްބަރު ޒޭން މާލިކްގެ ސޯލޯ އަލްބަމް "މައިންޑް އޮފް މައިން" ބާޒާރަށް ނެރެފި އެވެ.
ޖުމްލަ 14 ލަވަ ހިމެނޭ މި އަލްބަމް އެންމެފަހުން ބާޒާރަށް ނެރެފައިވާއިރު އަލްބަމްގެ ފުރަތަމަ ސިންގަލްގެ ގޮތުގައި އާންމުކޮށްފައިވާ ލަވަ، "ޕިލޯޓޯކް" ވަނީ މިހާރު ވެސް އެމެރިކާ އާއި ޔޫކޭގެ ލަވަ ޗާޓުތައް ފަތަހަކޮށްފަ އެވެ. އަދި މިހާތަނަށް އަލްބަމްގެ ހުރިހާ ލަވަތަކަކަށް ވެސް ލިބެމުން ދަނީ ވަރަށް ޕޮޒިޓިވް ހިޔާލުތަކެކެވެ.
ޒޭންގެ މި އަލްބަމަށް ފާޑުކިޔުމެއް އަމާޒުވެފައިވާ ނަމަ އަމާޒުވެފައި ވަނީ އަލްބަމްގެ ކަވަރަށެވެ. އަލްބަމްގެ ކަވަރުގައި ބޭނުންކޮށްފައި ވަނީ ޒޭންގެ ކުޑައިރުގެ ފޯޓޯއެކެވެ. އެ ފޯޓޯއިން ފެންނައިރު އޭނާގެ ގަޔަށް ވަނީ ޓެޓޫ ޖަހައިފަ އެވެ. މިއީ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ލިލް ވޭންގެ އަލަތު އަލްބަމްގެ ކަވަރުގައި އޭނާ ވެސް ދައްކާލާފައިވާ ގޮތެވެ.
މި އަލްބަމް ކަވަރަށް އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެމުން ޒޭން ބުނެފައި ވަނީ އޭނާ އަކީ ރެޕާއަކަށް ވުމަށް މަސައްކަތްކުރާ ލަވަކިޔުންތެރިއެއް ނޫން ކަމަށާއި އޭނާގެ އަލްބަމުގައި ކިޔައިދެނީ އޭނާގެ ދިރިއުޅުމުގެ ވާހަކަ ކަމަށެވެ.
އަސްލު ނަމުން ނަނަ ޒައިން ޖަވާދު މާލިކް އަކީ ޕާކިސްތާނު ދަރިކޮޅުގެ އިނގިރޭސި އެކެވެ. އުމުރުން 17 އަހަރުގައި ޒޭން މަޝްހޫރުވެ ލަވަކިޔުމުގެ ކެރިއަރެއް ފައްކާކުރުމުގެ ފުރުސަތު ލިބިގެން ދިޔައީ ރިއާލިޓީ ޓީވީ ޝޯ "އެކްސް ފެކްޓާ" ގައި ބައިވެރިވެގެންނެވެ.
ޒޭން ވަން ޑައިރެކްޝަން ދޫކޮށްލީ މިދިޔަ އަހަރުގެ މާޗް މަހު އެވެ.