ލައިފްސްޓައިލް

ހެނދުނު ފެންވަރަންވީ ފިނި ފެނުންތަ؟

ގަޑިން ހެނދުނު ހަތެއް ޖެހިކަން ފޯނު އިއުލާން ކުރަން ފަށާނެ އެވެ. ކަންނެއް ކަމާއެކު ދުވަސް ފަށަން މިއަދުވެސް ޖެހެނީ އެވެ. ކޮންމެ މީހެއްގެވެސް އެންމެ ގާތް އެނދު ދޫކޮށް ތެދުވަން ޖެހުނީ އެވެ. އެންމެ މިނެޓެއް މަޑުކުރިއަސް ގަޑި ޖެހޭނެ އެވެ. ތެދުވާކަށް ބޭނުމެއް ނޫނެވެ. ވަޒީފާ ހަމަ އެހާ މުހިންމު ހޭ އަމިއްލަ ނަފްސާ ކޮންމެ ދުވަހެއްގެ ވެސް އެ ވަގުތު ސުވާލުކުރަން ޖެހެ އެވެ.

ޝަކުވާ ބޮނޑި ހިތަށް ލައިގެން އަމިއްލަ ނަފްސަށް ކުދި ކިޔަމުން ގޮސް ފާހާނަ އަށް ވަދެ ފެން ފޮދެއްގައި ޖެހުމާއެކު ލިބުނު ހިތްވަރުވެސް އެލިގެންދެ އެވެ. އެހާވެސް ފިންޏެވެ. ދެން މިޖެހެނީ އަނެއް ހަ ކަންތަކާއެވެ. އަނެއްކާވެސް ވިސްނަން ޖެހެނީ އެވެ. ވަޒީފާއަށް ދާނީ ހެއްޔެވެ؟ ނޫނީ ނުގޮސް ނިދާނީ ހެއްޔެވެ؟ ނޫނެކެވެ. ވަޒީފާއަށް ދާނީ އެވެ. ހޫނު ފެނުން ފެން ވެރީމާ ފިންޏެއް ނުވާނެއް ނޫން ހެއްޔެވެ؟

ހޫނު ފެނުން ހެނދުނު ފެންވަރާނެ ކަމެއް ނެތެވެ. ހެނދުނު ގަޑީގައި ވީހާވެސް ފިނި ފެނުން ފެންވެރުމަކީ މީހާގެ ސިކުނޑި ރަނގަޅަށް ހުޅުވާލަދޭ ކަމެކެވެ. ސައިންޓިސްޓުން ވަރަށް ފަހުން ހެދި ދިރާސާއަކުން ވަނީ މި ނަތީޖާ ދައްކާފަ އެވެ. މިއޮއް ހުރިހާ އިރު ސިކުނޑިތެރޭ އެނބުރެމުން ދިޔަ ބޭކާރު ހިޔާލުތައް ފޮހެލައިދީ ދުވަހުގެ މަސައްކަތްތަކަށް މީހާ ތައްޔާރުކޮށްލަ އެވެ.

އެކަމަކު ހާދަ ފިންޏެވެ. މާދަމާ އިން ފެށިގެން ފަށަން މަޑުކުރާނީ ހެއްޔެވެ؟ އަދި މާދަންވެސް އޮތީތާ އެވެ. މިހެން ހިތަށް އަރާނެ އެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ހިތް ބުނާހާ ގޮތަކަށް ހުރިހާ ފަހަރަކު ކަންތައް ކުރާކަށް ނުޖެހެ އެވެ. އެހެން ވީމަ މިފަހަރުވެސް ހިތް ބުނާ ގޮތަށް ނުހަދާ ސިކުނޑި ބުނާގޮތަށް ހަދާށެވެ. މާގިނަ އިރު ވިސްނަން ހަދާނެ ކަމެއް ނެތެވެ. ފެންވަރަން ފަށާށެވެ. މުޅި ދުވަސް އުފާވެރިވާނެ އެވެ. ދުވަހުގެ ފެށުން ރަނގަޅުވެ މަސައްކަތް ފުރިހަމަކުރަން ފަސޭހަ ވާނެ އެވެ.

އެކަމަކު ފިނި ފިނި ފެނުން ފެންވަރަން ތައްޔާރު ނޫނީ ހެއްޔެވެ؟ އެހެން ވިއްޔާ އެންމެ ފުރަތަމަ ހޫނު ފެނުން ކުޑަކޮށް ފެން ވަރާލާ މީހާ ތެމިލާށެވެ. އޭރުން ފިނި ފެނަށް ހަށިގަނޑު ތައްޔާރުވާނެ ކަމަށްވެ އެވެ. ތީ ބާތްރޫމް ސިންގާއެއް ހެއްޔެވެ؟ އެހްނެވިއްޔާ އަދި މާ ފަސޭހަ ވާނެ އެވެ. އުފާވެރި ލަވައެއް ކިޔާލާ ފެންވަރަން ފަށާށެވެ. ބޭކާރު ވިސްނުން ތަކާއި ދުރުވެ މޫޑުވެސް ރަނގަޅުކޮށްލާނެ އެވެ.