ފިނިޕޭޖް

އެންމެ ފަހުން ނަހުލާއަށް ވަގު ބުޅަލެއް ލިބިއްޖެ!

މިދޭތެރެއިން އެންމެ ގިނައިން ދެކެވުނު އެއް ވާހަކަ އަކީ ނަހުލާ އަލަށް ހަދާ ފިލްމް "4426" އަށް ވަގު ބުޅަލެއް ހޯދާ ވާހަކަ އެވެ. އެ ވާހަކަ އަޑުއިވުމާއެކު ވަރަށް ގިނަ ބަޔަކު ދުއްވައިގަތީ ނަހުލާއަށް ބުޅަލެއް ހޯދައިދޭށެވެ. އެންމެ ފަހުން ގިނަ ބައެއްގެ އެއްބާރުލުމާއެކު ނަހުލާއަށް މިހާރު އޭނަ ބޭނުންވި ކަހަލަ ބުޅަލެއް ލިބިއްޖެ އެވެ. ނަހުލާ ބުނަނީ އޭނާ ބޭނުންވި ގޮތަށް ނިކަން ކަޅު ބުޅަލެއް ލިބިއްޖެ ކަމަށެވެ.

ނަހުލާ މިހެން ބުނީ "4426" ލޯންޗް ކުރަން ސަލްސާ ރޯޔަލް ރެސްޓޯރެންޓުގައި މިރޭ ބޭއްވި ހަފްލާއެއްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެމުންނެވެ.

"މާލޭން ވެސް އަދި ކައިރި ބައެއް ރަށްރަށުން ވެސް ބުޅާ ލިބުނު، މިހާރު މި ފިލްމަށް އެންމެ އެކަށީގެންވާ ބުޅާ ވާނީ ހޮވާފައި،" ނަހުލާ ބުންޏެވެ.

ވަކި ހާއްސަ އެއް ބުޅާ ހޮވާފައިވާއިރު އެ ބުޅަލަކީ މި ފިލްމަށް އެންމެ އެކަށީގެންވާ ބުޅަލަކަށް ވާނެ ކަމާމެދު ނަހުލާ ޝައްކެއް ނުކުރެ އެވެ.

ނަހުލާގެ 4426 ގައި ކަޅު ބުޅާގެ ފަރާތުން ސަޕްރައިޒެއް ދޭނެ ކަމަށް ވެއެވެ. އަދި ބުޅަލާ ހަވާލުވަނީ ބިރުވެރި ރޯލެއް ކަމަށް ވެއެވެ.