ފިނިޕޭޖް

ނަހުލާގެ "4426" ލޯންޗުކޮށްފި، ޝޫޓިން އަންނަ މަހު ފަށަނީ

ނަހުލާގެ ހާއްސަ ލޯބީގެ ސްޓައިލާ ތަފާތުކޮށް ހަދާ "4426" ގެ މަސައްކަތް އަންނަ އޭޕްރިލް މަހުގެ ފަސް ވަނަ ދުވަހު ފަށާނެ ކަން އިއުލާނުކޮށްފި އެވެ. މިރޭ ސަލްސާ ރޯޔަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނަހުލާ ވަނީ މި ފިލްމް ލޯންޗްކޮށްފަ އެވެ.

ނަހުލާ ބުނީ މި ފިލްމުގެ ޝޫޓިން އަންނަ މަހު ފަށާ، 30 ދުވަހުގެ ތެރޭގައި ފިލްމު ޝޫޓުކޮށް ނިންމާނެ ކަމަށެވެ. އަދި ޕޯސްޓްޕްރޮޑަކްޝަންގެ މަސައްކަތަށް ހަތަރު ނުވަތަ ފަސް މަސް ދުވަސް ހޭދަވި ނަމަވެސް ފިލްމު މިއަހަރުތެރޭ ރިލީޒް ކުރާނެ ކަމަށެވެ. ނަހުލާ އާއެކު މި ފިލްމުގެ ޑައިރެކްޝަނުގައި ދެން ހަރަކާތްތެރިވާނީ އަހްމަދު ޝިނާނެވެ.

ނަހުލާގެ އެހެން ފިލްމްތަކާއި މި ފިލްމް ތަފާތުވާ އެހެން ސަބަބެއްވެސް އެބައޮތެވެ. އެއީ ބިރުވެރި އަދި ލޯބީގެ ރަހަ ހިމެނޭ މި ފިލްމުގައި ލިޕް ސިންގް ކުރާ އެއްވެސް ލަވައެއް ނެތުމެވެ. ފިލްމު ފެށިގެން ނިމޭއިރުވެސް އެއްވެސް ލަވައެއް ނުހުންނާނެ އެވެ. އެކަމަކު ފިލްމްގެ ޕްރޮމޯޝަނަލް ލަވަތައް ހިމެނޭނެ ކަމަށް ނަހުލާ ބުންޏެވެ.

އޯޕެން ބަޖެޓަކުން މި ފިލްމް ހަދާއިރު މި ފިލްމަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ނަހުލާ ލަފާކުރެ އެވެ. މި ފިލްމުގެ މެއިން ސްޕޮންސާއެއް އަދި ހޮވާފައި ނުވިޔަސް މިހާރު އެކި ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށް ނަހުލާ ބުންޏެވެ. އޭނާ ބުނީ ފިލްމް ސްޕޮންސާ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި ފިލްމުގެ މަންޒަރުތަކެއް މާލެ އާއި މާލެ ކައިރީގެ ދެރަށެއްގައި ނަގާއިރު އެދެރަށްވެސް އޮތީ ސިއްރެއްގެ ގޮތުގަ އެވެ. މި ފިލްމް މާލޭގައި ޝޫޓު ކުރަން ހަމަޖެހިފައިވަނީ ފިލްމަށް ހާއްސަކޮށް ޑިޒައިން ކޮށްފައިވާ ހަތަރު ބުރީގެ އިމާރާތެއްގަ އެވެ.

މިފިލްމުގައި ހަރަކާތްތެރިވާ ތަރިންނަށް ބަލާއިރު ދިވެހި ފިލްމް އިންޑަސްޓްރީގެ އެންމެ އުހުގައި ފިޔަޖަހަމުންދާ ތަރިންވެސް އެބަތިއްބެވެ. އެގޮތުން ޔޫސުފް ޝަފީއު (ޔޫއްޕެ)، ޝީލާ ނަޖީބު، އަދި ފައިސަލް ވެސް ހިމެނެ އެވެ. އަދި އަރަމުން އަންނަ ތިން ތަރިން ކަމަށްވާ މަރިޔަމް އައްޒަ އާއި ޖުމެއިހް އަދި ޖުމައްޔިލް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

"މި ފިލްމަށް ތަރިން ހޮވުމުގައި ބަލާފައި ހުންނާނީ ސްކްރިޕްޓާއި އެންމެ ގުޅޭ ތަރިންނަށް. އަދި ސީނިއާ ތަރިންނާއި އެކުގައި މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލުކުރާ ތަރިން ހިމަނަން އިސްކަން ދިނިން،" ނަހުލާ ބުންޏެވެ.