ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރާއި އަނބިކަނބަލުން އަނގައިން ނުބުނާތާ 28 އަހަރު!

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީގެ އަނބިކަނބަލުންގެ ވާހަކަ މޮދީ ބޮޑުވަޒީރު ކަމަށް ވާދަކުރެއްވި އިރު ވެސް ފެންމަތިވި އެވެ. މޮދީ އަކީ އަނބިކަނބަލުންނަށް އަޅާނުލާ ބޭފުޅަކަށް ވާއިރު ގައުމެއްގެ އަންހެނުންގެ ހައްގުތައް ހިމާޔަތްކޮށްދެވޭނެތޯ މޮދީގެ ވާދަވެރިން ސުވާލުކުރި އެވެ. މި ވާހަކަ އަނެއްކާވެސް ފެންމަތިވެފައި މި ވަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ދެ ކަނބަލުން އިންޑިއާ އަށް ވަޑައިގެންއިރު މޮދީގެ އަރިހުގައި އޭނާގެ އަނބިކަނބަލުން ނެތުމުންނެވެ. އަނބިކަނބަލުން ކޮބައިތޯ އަނެއްކާވެސް އެ ދަނީ ސުވާލުކުރަމުންނެވެ.

މޮދީ އަކީ ހުސްހަށިބައި ބޭފުޅެއް ނޫނެވެ. އުމުރުން 18 އަހަރުގައި ކުރެއްވި ކައިވެެނި އަދިވެސް ނުރޫޅެ އެވެ. މޮދީ ކައިވެނިކުރައްވައިގެން އުޅޭކަން ވެސް ރައްޔިތުންނަށް އެނގުނީ އާންމު އިންތިހާބަށް ކުރިމަތިލެއްވުމަށް ބޭނުންވާ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުންނެވެ. އެ ފޯމުތަކުގައި ކައިވެނީގެ ހައިސިއްޔަތު ކަމަށް ބުނެފައި ވަނީ ކައިވެނިކޮށްގެން އުޅުއްވާ ކަމަށެވެ. އަނބިކަނބަލުންގެ ނަން ވެސް ޖަހާފައިވެ އެވެ.

މޮދީގެ އަނބިކަނބަލުންގެ ނަމަކީ ޖަޝޯދަބީން ޝިމަންލާލް މޮދީ އެވެ. މޮދީއާ ކައިވެނި ބައްލަވައިގަތީ އުމުރުން 17 އަހަރުގަ އެވެ. ނަމަވެސް ކައިވެންޏަށް ތިން އަަހަރު ފުރުނުތަކާ މޮދީ ވަނީ އަނބިކަނބަލުންނާ އެކަހެރިވެ ވަޑައިގެންފަ އެވެ. މަޝްއޫލްވެ އުޅުއްވަން ފެއްޓެވީ ހިންދޫ ވަތަނީ ސިޔާސީ ޕާޓީއެއްގެ ކެމްޕޭނު ހަރަކާތްތަކުގަ އެވެ. އަނބިކަނބަލުން ވެ ވަޑައިގަތީ ޓީޗަރަކަށެވެ. މީގެ ފަހުން ދެ ކަނބަލުންގެ ގުޅުމެއް ނެތެވެ. އެކަމަކު ދެ ކަނބަލުންގެ ތެރެއިން އެއްވެސް ބޭފުޅަކު އިތުރު ކައިިވެންޏެއް ވެސް ނުކުރައްވަ އެވެ.

މޮދީ އަކީ ގައުމުގެ ބޮޑުވަޒީރަށް ވުމުން ބޮޑު މުސާރަ އާއި އެންމެ ހާއްސަ އިނާޔާތްތައް ލިބުނަސް އޭނާގެ އަނބިކަނބަލުންނަށް މިހާރު ލިިބިވަޑައިގަންނަވަނީ ވަޒީފާ އިން ރިޓަޔާކުރުމުން މަހަކު ލިބޭ 14000 ރުޕީސް (232 އެމެރިކާ ޑޮލަރު) އެކަންޏެވެ. ދިރިއުޅުއްވަނީ ބޭބެއަކާ އެކުގަ އެވެ. ޖަޝޯދަބީން މޮދީއާ ބެހޭ ގޮތުން އެންމެ ފަހުން މީޑިއާގައި ދެއްކެވި ވާހަކަތަކުގައި ވިދާޅުވެފައި ވަނީ މޮދީއާ އެންމެ ފަހުން ވާހަކަ ދެއްކީ 1987 ވަނަ އަހަރު ކަމަށެވެ. މިހާރު އޭގެ ފަހުން 28 އަހަރުވީ އެވެ. އެފަހަރު ވާހަކަ ދެެއްކެވި އިރު ވެސް ވަރިވާން ހުށަހަޅުއްވާފައި ނުވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

މޮދީ އޭނާގެ އަނބިކަނބަލުން ބިކަ ކޮށްލައްވާފައި ވިޔަސް މޮދީއާ ބެހޭ ގޮތުން ގޯސް އެއްވެސް ވާހަކައެއް އަނބިކަނބަލުން ނުދައްކަވާ ކަމަށްވެ އެވެ. އަދި ބޮޑުވަޒީރު ކަމަށް ވާދަކުރައްވާތީ އެކަން ކާމިޔާބު ވޭތޯ ހިންދޫންގެ ހާއްސަ އަޅުކަންތައް ވެސް ކުރި ކަމަށްވެ އެވެ. މި ސަބަބުތަކަށްޓަކައި މޮދީގެ އަނބިކަނބަލުން އިންޑިއާގައި ސިފަކުރަނީ ދީންވެރި ހެޔޮލަފާ އަންބެއްގެ ގޮތުގަ އެވެ. އެކަމަކު އިންޑިއާގެ މީޑިއާގައި ދާދި ފަހުން އަޑު އެރި ގޮތުގައި ޖަޝޯދަބީން ވަނީ އޭނާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސަރުކާރުން ފެށުމާ އެކު، އެކަމުގެ ތަފްސީލް ހޯއްދަވަން ހުށަހަޅުއްވައިފަ އެވެ. އެއީ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީ އަވަހާރަކޮށްލީ ވެސް އެކަމަނާގެ ބޮޑީގާޑުން ކަމަށް ވެފައި ސަލާމަތީ ކަންކަމުގައި އުޅޭ މީހުންގެ މައުލޫތު އެނގެން ބޭނުންވާތީ އެވެ.

"އަހަރެންގެ ކައިރީގައި މިހާރު އަބަދުވެސް ފަސް ބޮޑީގާޑުން ތިބޭ. އެކަމަކު އެ މީހުންނަށް ކާންދީ ނިދާނެ ތަން ދައްކަން މި ޖެހެނީ އަހަންނަށް ނުވަތަ ކޮއްކޮ އަށް. މިއީ ވަރަށް އުނދަގޫވާ ކަމެއް،" ޖަޝޯދަބީން ރޮއިޓާސް އަށް ވިދާޅުވެފައިވެ އެވެ.

އެހެން ގައުމުތަކުގެ ފަސްޓް ލޭޑީންނަކީ ވަރަށް އަރާމުގައި އުޅުއްވާ ބަޔަކަށް ވިޔަސް އިންޑިއާގެ ފަސްޓް ލޭޑީ އަށް އެއިން އެއްވެސް ކަމެއް ނެތެވެ. މޮދީއާ އެކު އުޅުއްވި އިރު ވެސް އުޅުއްވީ ފާހާނާއެއް ވެސް ނުހުންނަ އެއް ކޮޓަރީގެ އެޕާޓްމަންޓެއްގަ އެވެ. ނަމަވެސް ފިރިއަކު ނެތި، އާދައިގެ އާއިލާއެއްގެ ގޮތުގައި ޖަޝޯދަބީން އުޅުއްވުން އިންޑިއާގައި ވެފައި ވަނީ އަންހެނުންނާ މެދު ނިކަމެތިކޮށް ދެކޭ މީހުން ގިނަ އިންޑިއާގައި ނަމޫނާއަކަށެވެ.