ބޮލީވުޑް

އެންމެ ފަހުން އަރްބާޒް އާއި މަލައިކާ ވަރިވެއްޖެ

Mar 29, 2016
1

ބޮލީވުޑްގެ މަޝްހޫރު ޖޯޑު ކަމަށްވާ އަރްބާޒް ޚާން އާއި އަންހެނުން މަލައިކާ އަރޯރާ ޚާންއާ ދެމެދު މައްސަލަތަކެއް ޖެހި އެދެމީހުންގެ 18 އަހަރުވީ ކައިވެނި ނިމުމަކަށް ގެންނަން އުޅޭ ކަމުގެ ވާހަކަތަކެއް ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

އަރްބާޒްގެ ބޭބެ، ސަލްމާން ޚާންގެ އިތުރުން އޭނާގެ އާއިލާގެ މެމްބަރުންނާއި މަލައިކާގެ އާއިލާގެ މެމްބަރުންވެސް މި ދެ މީހުންގެ ދެމެދުގައި ޖެހިގެން އުޅޭ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރި ނަމަވެސް ވަނީ ނާކާމިޔާބުވެފަ އެވެ. އެންމެފަހުން މަލައިކާ އާއި އަރްބާޒް ވަނީ އެދެމީހުން ވަރިވެފައިވާ ކަމަށް ބުނެފަ އެވެ.

މިދެމީހުން އިއްޔެ ނެރުނު ސްޓޭޓްމަންޓެއްގައި ވަނީ އެ ދެމީހުން ވަރިވެފައިވާ ކަމަށާއި މި ދަނޑިވަޅުގައި އެ ދެމީހުން ބޭނުންވާ ޕްރައިވެސީ ދިނުމަށް އެދިފަ އެވެ.

އަރްބާޒް ކައިރިން ވަރިވުމަށް މަލައިކާ ގާނޫނީ ވަކީލެއްގެ އެހީ ހޯދި ކަމަށް ބުނާ ވާހަކަތައް ވެސް މި ދެމީހުން ވަނީ ދޮގު ކޮށްފަ އެވެ. އަދި އެ ދެމީހުން ވަކިވީ ދެ މީހުންގެ ދެމެދުގައި ޖެހިގެން އުޅޭ މައްސަލަތައް ހައްލުކުރުމަށް ބްރޭކެއް ނެގީ ކަމަށް ވެސް ވަނީ އެސްޓޭޓްމަންޓްގައި ބުނެފަ އެވެ.

މީގެއިތުރުން ވެސް އެދެމީހުން ވަކިވުމުގެ ފަހަތުގައި ދެމީހުންގެ ދޭތެރެއަށް ތިން ވަނަ މީހެއް ވަނީ ކަމަށް ދެކެވޭ ވާހަކަތައް ވެސް ވަނީ ދޮގުކޮށްފަ އެވެ. އެގޮތުން މަލައިކާ ދުބާއީ އަށް ނިސްބަތްވާ ވިޔަފާރިވެރި އަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ވެސް ދޮގެއް ކަމަށް ވަނީ ބުނެފަ އެވެ. އަދި އަރްބާޒް މަލައިކާ އާއި އޭނާގެ ފިރިހެން ދަރިފުޅަށް ހަރަދުނުކުރާ ކަމަށް ބުނެ މަލައިކާ އޭނާ ކައިރިން ވަރިވާން އުޅުނު ކަމަށް ބުނާ ވާހަކައަކީ ވެސް ދޮގެއް ކަމަށް ވަނީ ބުނެފަ އެވެ.

ވަކިވިކަން ޔަގީންކޮށް ދެމުން ސްޓޭޓްމަންޓެއް ނެރުނު ސަބަބު ބަޔާންކުރަމުން މަލައިކާ އާއި އަރްބާޒް ވަނީ "މިހާތަނަށް ވެސް އަހަރުމެން ވަކިވުމާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދައްކަން. ނަމަވެސް އެކަމުގެ ސަބަބުން އޮޅުމާއި އުނދަގޫތައް ދެފަރާތުގެ އާއިލާއަށް ވެސް ދިމާވަމުން އަންނަނީ. އަދި އަހަރުމެންގެ ގުޅުމާއި ބެހޭގޮތުން ދެކެެވެމުން އަންނަ ތާކުންތާކު ނުޖެހޭ ވާހަކަތައް ހުއްޓުވުމަށް ސްޓޭޓްމަންޓެއް ނެރުނީ. އަހަރުމެންގެ ގާތް އެކުވެރިންނަށް ވެގެެން ވެސް ގިނަފަރާތްތަކަކުން ވަނީ ހަގީގަށް އޮޅޭ ފަދަ ގޮތަށް ދޮގު މައުލޫމާތުތައް މިޑީއާތަކާއި ހިއްސާކޮށްފައި. މިފަދަ ވާހަކަތަކުން އަހަރުމެންގެ އަގުވެއްޓުނު ނަމަވެސް އެކަމާއި ގުޅިގެން އެއްޗެއް ބޭނުންނުވީ މިއީ އަހަރެމެންގެ ޒާތީ ކަމަކަށް ވާތީ. އަހަރުމެން ދެމީހުން ކުއްޖެއް އެބަހުރި އަދި މިކަމުން ދެފަރާތުގެ އާއިލާއަށް ވެސް އަސަރުތަކެއް ކުރާނެ. މިހާތަނަށް ވެސް މިކަމާއި ގުޅިގެން އެއްވެސް ވާހަކައެއް ނުދެއްކިއޭ ކިޔާފައި އެއްވެސް ފަރާތަކަށް އަހަރުމެންނާއި ގުޅޭ ގޮތުން ދޮގު ވާހަކަ ފެތުރުމުގެ ހުއްދައެއް ނުލިބޭނެ" ކަމަށް ބުނެފަ އެވެ.

އަރްބާޒް އާއި މަލައިކާއާ ދެމެދު މައްސަލަތަކެއް ޖެހިގެން އުޅޭ ކަމުގެ އަޑުތަކެއް އަރާފައިވަނީ މިދެމީހުން އެކުގައި ހޯސްޓް ކުރަމުން އައި ރިއަލިޓީ ޝޯ "ޕަވާ ކަޕްލް" ތެރެއިންނެވެ. މިޝޯގެ ވަކި ހިސާބަކުން މަލައިކާ ޝޯއަށް އައުން ހުއްޓާލުމުން ޝޯގެ ޕްރޮޑިއުސަރުން ވާހަކަދައްކައިގެން މަލައިކާ ޝޯގައި ބައިވެރިވި ނަމަވެސް އަރްބާޒް އާއި ދެމީހުން ޝޯގެ ޝޫޓިން އައިސްފައި ވަނީވަކިންނެވެ. އަދި ޝޯގެ ތެރޭގައި ވެސް ދެމީހުން އެކަކު އަނެކަކާ ވާހަކަ ނުދައްކާ އިރު، ޝޯ ނިންމާލުމަށްފަހު ގެއަށް ގޮސްފައިވަނީ ވެސް ވަކިންނެވެ.

އޭގެފަހުން އަރްބާޒްގެ އައިލާގެ އެއްވެސް ހަފްލާއަކުން މަލައިކާ ފެނިފައިނުވާއިރު، އަރްބާޒް ދެކެ ރުޅިއައިސްގެން މަލައިކާ ވަނީ އެދެމީހުންގެ 14 އަހަރުގެ ފިރިހެން ދަރިފުޅު ގޮވައިގެން ގެއިން ނިކުމެގެން ގޮސް ވަކި ދިރިއުޅެން ފަށާފަ އެވެ.

މިދެމީހުން ވަކިވާން އުޅޭކަމުގެ ވާހަކަތައް ދެކެވެނިކޮށް ނޫހަކަށް ދިން އިންޓަވިއުއެއްގައި އަރްބާޒް ވަނީ މަލައިކާ ދެކެ އޭނާ ވަރަށް ލޯބިވާ ކަމަށާއި އަދި މަލައިކާއާ ވަކިވުމަކީ އޭނާގެ ހިޔާލަށް ގެންނަން ވެސް އުނދަގޫ ކަމެއް ކަމަށް ބުނެފަ އެވެ.

އަރްބާޒް އާއި މަލައިކާއާ ދެމެދު މައްސަލަޖެހި، މަލައިކާ އެގެއިން ނިކުމެ ވަކިން ދިރިއުޅެން ފަށާފައިވާ ކަމުގެ އަޑުތަކެއް އަރާފައި ވަނިކޮށް ވެސް މިދިޔަ ހަފްތާގެ ތެރޭގައި މިދެމީހުން އެކުގައި ރެސްޓޯރެންޓަކަށް ކާން ގޮސްގެން އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވަނީ އާންމުވެފަ އެވެ.

މަލައިކާ އާއި އަރްބާޒް ކައިވެނިކޮށްފައިވަނީ 1988 ގަ އެވެ.