ބޭރު ކުޅިވަރު

ޗެލްސީގެ ކީޕަރަކަށް ގެންނަ ޑޯނަރޫމާގެ އަގަކީ 120 މިލިއަން: އޭޖެންޓް

ޗެލްސީގެ ކީޕަރަކަށް ގެނައުމަށް އެކުލަބުން މަސައްކަތްކުރާ އިޓަލީގެ ކީޕަރު ޖިއާންލުއިޖީ ޑޯނަރޫމާގެ އަގަކީ 120 މިލިއަން ޕައުންޑް ކަމަށް އޭނާގެ އޭޖެންޓް ބުނެފި އެވެ.

ނަމަވެސް އޭސީ މިލާނުގެ 17 އަހަރުގެ އިސްކޮޅުން ދިގު ކީޕަރު ގަތުމަށް ޗެލްސީން ހުށަހަޅާނީ 30 މިލިއަން ޕައުންޑެވެ. އޭނާގެ އޭޖެންޓް 120 މިލިއަން ކަމަށް ބުނީ ޑޯނަރޫމާގެ އުމުރާއި އޭނާ ދައްކަމުން އަންނަ މޮޅު ކުޅުމަށް އިޝާރާތްކޮށެވެ.

ޑޯނަރޫމާ އަކީ އިޓަލީގެ ގައުމީ ކީޕަރު ޖިއާން ލުއިޖީ ބުފޮން އަށް ފަހު ގައުމީ ކީޕަރުކަން އަދާކުރާނެ ކީޕަރު ކަމަށް ގިނަބަޔަކު އެއްބަސްވާ ކީޕަރެވެ.

އޭނާ ގަތުމަށް ޗެލްސީން މަސައްކަތް ކުރަނީ އެ ޓީމުގެ މިހާރުގެ ކީޕަރު ބެލްޖިއަމްގެ ތިބައޫ ކޯޓުއާ ވިއްކާލުމަށްފަހު އެވެ. ކޯޓުއާ ވަނީ ޗެލްސީގެ އާކޮންޓްރެކްޓްގައި ސޮއިކުރަން ދެކޮޅު ހަދައިފަ އެވެ. އަދި އޭނާ އަކީ ކުރިއަށް އޮތް ސީޒަނަށް ސްޕޭނުގެ ރެއާލް މެޑްރިޑުން ބޭނުންވާ އެއް ކީޕަރެވެ. ހުސްވި ސީޒަނުގައި ކޯޓުއާ ޗެލްސީއާ ގުޅުނީ ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑުގައި ތިން އަހަރު މޮޅަށް ކުޅުމަށްފަހު އެވެ.

ނަމަވެސް މެންޗެސްޓާ ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހެޔާ އަކީ ވެސް ރެއާލް މެޑްރިޑުން ޓާގެޓްކުރާ ކީޕަރެކެވެ. އޭނާ ރެއާލް އަށް ހިނގައްޖެނަމަ ޔުނައިޓެޑުން ވެސް ބޭނުންވާ ކީޕަރަކީ ޑޯނަރޫމާ އެވެ.