ދުނިޔެ

އިޒްރޭލުން ފަލަސްތީނުގެ 14 އަހަރުގެ އަންހެން ކުއްޖަކު ޖަލަށް ލައިފި

އިޒްރޭލު ސިފައިންގެ ވެހިކަލަކާ ދިމާލަށް ގާއުކި ކަމަށް ބުނެ ފަލަސްތީނުގެ 14 އަހަރުގެ އަންހެން ކުއްޖަކު ޖަލަށް ލުމަށް އިޒްރޭލުން ހުކުމް ކޮށްފި އެވެ.

މަލަކް އަލް ޚާތިބު ނަމަކަށް ކިޔާ މި ކުއްޖާ ދެ މަސް ދުވަހަށް ޖަލަށް ލުމުގެ އިތުރުން 1528 ޑޮލަރުން ވަނީ ޖޫރިމަނާ ވެސް ކޮށްފަ އެވެ.

ގްރޭޑް 8 ގައި ކިޔަވާ މަލަކް ހައްޔަރުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު އޭނާގެ ސްކޫލް ކައިރީގައި އިޒްރޭލު ސިފައިންނާ ދިމާލަށް ގާއުކި ކަމުގެ ތުހުމަތުގަ އެވެ. ފުރަތަމަ ހައްޔަރުކުރި ފަހުން އިޒްރޭލު ސިފައިން ދެ ފަހަރެއްގެ މަތިން ވަނީ މަލަކްގެ ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ.

މި ހުކުމާ އެކު ސޯޝަލް މީޑިއާގައި ދަނީ އިޒްރޭލަށް ވަރަށް ބޮޑަށް ފާޑު ކިޔައި، މަލަކް މިނިވަންކުރުމަށް ގޮވާލައި ކެމްޕޭނުތައް ހިންގަމުންނެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނަމުން ދަނީ މަލަކް ހައްޔަރުކޮށްފައި ގިނަ ދުވަސްތަކެއް ވަންދެން ބެހެއްޓުމުގެ ސަބަބުން އެ ކުއްޖާ އަށް ނަފްސާނީ ގެއްލުންތައް ވެސް ލިބިފައިވާ ކަމަށެވެ.