ޖަރުމަނަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން އެޓޭކިން މިޑްފީލްޑަރު މާރިއޯ ގޮޓްޒާ ގަތުމަށް ލިވަޕޫލުން ވަރަށް ބޮޑަށް ބޮޑަށް އުއްމީދު އާކޮށްފި އެވެ.
ބަޔާން އަށް މި ސީޒަނުގައި އެންމެ ހަތް މެޗު ކުޅެދިން ކުޅުންތެރިޔާ ވަނީ ބޮރޫޝިޔާ ޑޯޓްމުންޑްގައި އޭނާ އަށް ކޯޗުކޮށްދިން ޔާގެން ކްލޮޕްއާއެކު އަލުން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭނާ ކުލަބު ބަދަލުކުރަން ވިސްނާ މައިގަނޑު ސަބަބަކީ ވެސް މެޗު ކުޅެންލިބޭ މިންވަރު މަދުވުމެވެ.
ނަމަވެސް ޖަރުމަނުގެ ކޯޗު ޖޯހިމް ލޯ ވަނީ ޕެޕް ގަޑިއޯލާގެ ބަދަލުގައި އަންނަ ސީޒަނުގައި ބަޔާންއާ ހަވާލުވާ ކޯޗު ކާލޯ އެންޗެލޯޓީއާ މަޝްވަރާކުރުމަށްފަހު ނޫނީ ގޮތެއް ނުނިމަން އެދިފަ އެވެ.
ނަމަވެސް ބަޔާންއާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮތުމުން އޭނާ ވިއްކާ އަސްލު އަގަށްވުރެ ކުޑަކޮށް ކުޅުންތެރިޔާ ލިބޭނެ ކަމަށް ލިވަޕޫލް އޮތީ ވަރަށް ބޮޑު އުއްމީދެއްގަ އެވެ. ގޮޓްޒޭ ވިއްކާލަން ބަޔާންއިން ނިންމާފައިވާ އަގަކީ 30 މިލިއަން ޕައުންޑެވެ. ނަމަވެސް 20 މިލިއަން ޕައުންޑަށް އޭނާ ގަންނަން ލިވަޕޫލް އުއްމީދުކުރެ އެވެ.