ބޮލީވުޑް

"ކަހާނީ 2"ގެ ޝޫޓިން ވިދްޔާ ފަށައިފި

Mar 29, 2016

ދެހާސް ބާރަވަނަ އަހަރު ނިކުތް އެންމެ ކާމިޔާބު ފިލްމު "ކަހާނީ" ގެ ދެވަނަ ބައިގެ ޝޫޓިން ފަށައިފި އެވެ.

ބަތަލާ ވިދްޔާ ބާލަން ލީޑްރޯލުން ފެނިގެންދާ މި ފިލްމުގެ ޝޫޓިން އާދިއްތަ ދުވަހު ފަށާފައި ވަނީ ވެސްޓް ބެންގަލްގެ ފަރުބަދަމަތީގެ އަވަށެއް ކަމަށްވާ ކަލިމްޕޯންގްގަ އެވެ.

ފިލްމުގެ ޝޫޓިން ފެށިކަން އިއުލާން ކުރަމުން ވިދްޔާ ކުރި ޓްވީޓެއްގައި ވަނީ ކަލިމްޕޯންގްގެ ގަސްތަކެއް ފެންނަ ފޮޓޯއެއް ލައި، "ކަލިމްޕޮންގުގެ ގަސްތައް ގުލްޒާރްސާބްގެ މުސާފިރް ހޫނ ޔާރޫން ކިޔާހެން ހީވަނީ،" މިހެން ލިޔެފަ އެވެ.

"ކަހާނީ"ގައި ވިދްޔާ ފެނިގެންދަނީ ބަނޑުބޮޑު އަންހެނެއްގެ ގޮތުގަ އެވެ. އަދި އެފިލްމު ފެށިގެން ގޮސް ނިމެންދެން އޭނާގެ ގެއްލިގެން އުޅޭ ފިރިމީހާ ހޯދުމުގެ މަސައްކަތްކުރާ ތަން ފެނެ އެވެ. މިފިލްމު ހުރިހާ މަންޒަރެއް ވެސް ޝޫޓްކޮށްފައިވަނީ ކޮލްކަތާގަ އެވެ.

"ކަހާނީ 2" އިއުލާން ކުރަމުން މި ފިލްމުގެ ޑައިރެކްޓަރު ސުޖޯއި ޖޯޝް ވަނީ ދެވަނަ ފިލްމުގައި ވިދްޔާ ފެނިގެންދާނީ މުޅިންއާ ސިފައެއްގައި ކަމަށާއި އެގޮތުން މި ފިލްމަށް ވިދްޔާ ބަރުދަން ލުއިކުރާނެ ކަމަށެވެ. އަދި މި ފިލްމުގައި ވިދްޔާގެ ބައެއް އެކްޝަން މަންޒަރުތައް ވެސް ފެނިގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.

ކުރީ ފިލްމެކޭ އެއްގޮތަށް މި ފިލްމުގައި ވެސް ނަވާޒުއްދީން ސިއްދީގީ، ޕްރަމްބްރަތާ ޗަތަރުޖީ، ދްރިތިމަން ޗަތަރުޖީ، އިންދްރަނެއިލް ސެއިން ގުޕްތާ އާއި ސަސްވަތާ ޗެޓްރްޖީ ފެނިގެންދާނެ އެވެ.

މި ފިލްމު ޑައިރެކްޓްކުރުމުގެ އިތުރުން ފިލްމުގެ ވާހަކަ ވެސް ލިޔެފައިވަނީ ސުޖޯއި އެވެ.

ވިދްޔާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އަމީތާބް ބައްޗަން އާއި ނަވާޒުއްދީން ސިއްދީގީ އާއެކު "ޓީން" އިންނެވެ.