ދުނިޔެ

ބަންގްލަދޭޝްގެ ރަސްމީ ދީން ބަދަލުކުރަން ހުށަހެޅި ޕެޓިޝަން ބޭރުކޮށްފި

ބަންގްލަދޭޝްގެ ރަސްމީ ދީނަކީ އިސްލާމްދީން ނޫން ކަމަށް ކަނޑައެޅުމަށް އެ ގައުމުގެ ހައިކޯޓަށް ކޯޓަށް ހުށަހެޅި ޕެޓިޝަން އެ ކޯޓުން ބޭރުކޮށްލައިފި އެވެ. އެ ޕެޓިޝަން ކޯޓުން ބޭރުކޮށްލީ މިއަދު އެވެ.

އިސްލާމް ދީނަކީ ރަސްމީ ދީން ނޫން ކަމަށް ކަނޑައެޅުމަށް ހުށަހެޅި ޕެޓިޝަން ހައިކޯޓުން ބޭރުކޮށްލީ، އެ ޕެޓިޝަން ހުށަހެޅީ އެ ހައްގު ލިބިގެންވާ ބަޔަކަށް ނުވާތީ އެވެ.

ބަންގްލަދޭޝްގައި އުޅޭ އެހެން ދީންތަކުގެ މީހުން މިޕެޓިޝަން ހުށަހަޅާފައިވާއިރު އެހެން ދީންތަކުގެ މީހުންނަކީ އާބާދީގެ 10 ޕަސަންޓު މީހުންނެވެ. އެއީ ހިންދޫންނާއި، ނަސާރާއިން އަދި ބުޑިސްޓުންނެވެ. ބަންގްލަދޭޝްގެ އާބާދީގެ 90 ޕަސަންޓު މީހުންނަކީ މުސްލިމުންނެވެ. މި ޕެޓިޝަން އެހެން ދީންތަކުގެ މީހުން ހުށަހެޅީ، ބަންގްލަދޭޝްގައި އުޅޭ ހައްދު ފަހަނައަޅާފައިވާ ޖަމާއަތްތަކުން އެހެން ދީންތަކުގެ މީހުންނަށް ހަމަލާތައް ދޭތީއެވެ. އަދި އެޖަމާއަތްތަކުން ހައްދުފަހަނަ އަޅާފައިވާ އައިއެސް ޖަމާއަތާއި ގުޅި ހަނގުރާމައަށް ދާ މީހުންގެ އަދަދުވެސް އިތުރުވެފައިވާތީ އެވެ.

ހައިކޯޓުން މި ޕެޓިޝަން ބޭރުކޮށްލާފައި މިވަނީ ބަންގްލަދޭޝްގެ ޖަމާއަތީ އިސްލާމް ޕާޓީން ޕެޓިޝަނާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ގައުމީ ފެންވަރުގައި ކުރަމުން ދަނިކޮށެވެ.

ބަންގްލަދޭޝްގެ ރަސްމީ ދީނަކީ އިސްލާމްދީން ކަމަށް ކަނޑައެޅީ 1988 ވަނަ އަހަރެވެ.