މިސްރު

މިސްރުގެ މަތިންދާ ބޯޓެއް ހައިޖެކް ކޮށްފި

  • ބޯޓު ހައިޖެކް ކުރުމުން ސައިޕްރަސްއަށް ވަނީ ޖައްސާފައި
  • ބޯޓުގައި ތިބި ގިނަ ޕަސެންޖަރުން ވަނީ ދޫކޮށްލާފައި
  • ހައިޖެކް ކުރި މީހާ ބޭނުން ވަނީ ކުރީގެ އަނބިމީހާއާ ބައްދަލުކުރަން

އެލެގްޒަންޑްރިއާއިން ކައިރޯއަށް ދަތުރުކުރަމުންދިޔަ އީޖިޕްޓް އެއާގެ މަތިންދާ ބޯޓެއް ހައިޖެކްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކައިރޯއަށް ދަތުރުކުރަމުން ދިޔަ މި ބޯޓު ހައިޖެކް ކުރުމާ ގުޅިގެން އެމެޖެންސީގައި ސައިޕްރަސްގެ ދެކުނުގައި އޮންނަ ލަނާކާ އެއާޕޯޓަަށް ވަނީ ލޭންޑްކޮށްފަ އެވެ.

ސައިފްރަސްގެ ގައުމީ ރޭޑިއޯއިން ބުނެފައިވާ ގޮތުގައި ބޯޓުގައި ހަތިޔާރު އެޅި ފިރިހެނަކު ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެމީހާ އެއްވެސް ޑިމާންޑެއް ކޮށްފައިނުވާ ކަމަށް އީޖިޕްޓް އެއާގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. އީޖިޕްޓިއަން ސިވިލް އޭވިއޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ބޯޓުގައި ތިބީ 56 ޕަސެންޖަރުންނާއި ހަތް ކުރޫ މެންބަރުން އަދި އެއް ސެކިއުރިޓީ އޮފިސަރެއް ކަމަށެވެ.

ބޯޓު ސައިފްރަސްއަށް ޖައްސާފައިވާއިރު، މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއްވެފައިވާ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެ އެވެ. ސައިފްރަސްގެ އޮފިޝަލަކު ވިދާޅުވެފައިވާ ގޮތުގައި، ބޯޓުގައި ހަތިޔާރާއެކު ހަރަކާތްތެރިވަމުންދާ މީހާ ހުރީ ގޮވާ އެއްޗެހި ހަރުކޮށްފައިވާ ބެލްޓެއް އަޅައިގެންނެވެ.

ލަނާކާ އެއާޕޯޓް މިހާރު ވަނީ ބަންދުކޮށްފަ އެވެ. ބޯޓުގެ ކުރޫއިނާއި ހަތަރު ޕަސެންޖަރެއް ފިޔަވާ އެހެން އެންމެން ބޯޓު ފޭބުމުގެ ހުއްދަ ހައިޖެކްކުރި މީހާ ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބޯޓުގައި 10 އެމެރިކާ މީހަކާއި 8 އިނގިރޭސިވިލާތުގެ މީހުން ވެސް ތިއްބެވެ.

"ބޯޓުގެ ޕައިލެޓް ބުނީ، ޕަސެންޖަރަކު އޭނާގެ ބެލްޓްގައި ގޮވާޒާތުގެ އެއްޗެހި ހަރުކޮށްފައިވާ ކަމަށް ބުނި، އަދި އޭނާ ބޯޓު ޖައްސަން މަޖުބޫރުކުރި،" އީޖިޕްޓިއަން ސިވިލް އޭވިއޭޝަނުން ނެރުނު ބަޔާނުގައިވެ އެވެ.

މިސްރުގެ ގައުމީ ޓީވީން ހަތިޔާރު އެޅި މީހާގެ ނަން ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް އެމީހާގެ އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ. ބޯޓު ހައިޖެކްކޮށްފައިވަނީ އިބްރާހިމް ސަމާހާ ކިޔާ މީހެކެވެ.

ބޯޓު ހައިޖެކްޓްކުރި މީހާ ވަނީ އަރަބި ބަހުން ލިޔެފައިވާ ހަތަރު ސަފުހާގެ ލިޔުމެއް ސައިފްރަސްގައި ދިރިއުޅޭ އަންހެނަކާ ހަވާލުކުރުމަށް ދީފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ އަންހެން މީހާއަކީ އެމީހާގެ ކުރީގެ އަނބިމީހާ އެވެ.

ބޯޓު ހައިޖެކް ކުރި ކަމަށް ބުނާ އިބްރާހިމް ސަމާހާގެ ފޮޓޯއެއް ވަނީ އާންމު ކޮށްފަ އެވެ. އޭނާ ޑިމާންޓް ކުރަނީ ކުރީގެ ސައިޕްރަސްގައި ދިރިއުޅޭ އޭނާގެ ކުރީގެ އަނބިމީހާއާ ބައްދަލުކުރުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބޯޓު ހައިޖެކް ކުރި މީހާއަކީ އެލެގްޒަންޑްރިއާ ޔުނިވާސިޓީއެއްގެ ޕްރޮފެސަރެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ބޯޓު ހައިޖެކް ކުރި މީހާ ބައްދަލުކުރުމަށް ޑިމާންޑް ކުރީ އޭނާގެ ކުރީގެ އަނބިމީހާއާ ބައްދަލުކުރާށެވެ. އެ އަންހެން މީހާއަށް ހަވާލުކުރުމަށް ހަތަރު ސަފުހާގެ ސިޓީއެއް ވެސް އެމީހާ ގެންގުޅުނެވެ.އެ އަންހެން މީހާ އެއާޕޯޓަށް ދިޔުމަށް އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. އަންހެން މީހާ އެއާޕޯޓަށް ގެންދިޔުމަށް އެމީހާއާ ވާހަކަ ދައްކާފައިވަނީ ސައިޕްރަސްގެ އޮފިޝަލުންނެެވެ.

ހައިޖެކް ކުރި ބޯޓުގައި 8 އެމެރިކާ މީހުންނާއި ހަތަރު އިނގިރޭސިވިލާތު މީހުންނާއި ދެ ބެލްޖިއަންގެ މީހުންނާއި އެއް އިޓަލީ މީހެއް އަދި ހަތަރު ޑަޗް މީހުން ތިއްބެވެ. އޭގެއިތުރުން 30 މިސްރު މީހުން ވެސް ބޯޓުގައި ތިއްބެވެ.