ބޮލީވުޑް

"ތުމް ބިން 2" އަށް ޒުވާން ތަރިން ތަކެއް

Mar 29, 2016
1

މީގެ ފަނަރަ އަހަރު ކުރިން 2001 ވަނަ އަހަރު ނިކުތް ކާމިޔާބު ފިލްމު "ތުމް ބިން"ގެ ދެވަނަ ބައިގެ ޝޫޓިން އެޕްރީލް ހަތަރު ވަނަ ދުވަހު ސްކޮޓްލޭންޑްގެ ގްލަސްގޯގައި ފަށާނެ ކަމަށް މިފިލްމުގެ ޑައިރެކްޓަރު އަނޫބަވް ސިންހާ ބުނެފި އެވެ.

އާދީއްތަ ދުވަހު "ތުމް ބިން 2"ގެ ފުރަތަމަ ޓީޒާ ޕޯސްޓަރު އާންމުކޮށްފައިވާއިރު، މިފިލްމުގެ ލީޑްތަރިން ވެސް މިހާރު ވަނީ ހާމަކޮށްފަ އެވެ.

އަނޫބާވް މިފިލްމުގެ ޓިޒާ ޕޯސްޓަރު އާންމުކުރަމުން ވަނީ މިތިން އެކްޓަރުންނަކީ މާދަމާގެ ތަރިން ކަމަށާއި އަދި މިއީ އޭނާއާ ބުޝަން މީގެ ފަނަރަ އަހަރުކުރިން ފެށި ދަތަުރެއް ކަމަށެވެ.

މިފިލްމުގެ ލީޑްރޯލުތަކުން ފެނިގެންދަނީ ވަރަށް އާ އަދި ޒުވާންތަރިންނެވެ. ބަތަލާގެ ރޯލުން "ކްރޫކް" އާއި "ޔަންގިސްތާން" އިން ފެނިގެން ގޮސްފައިވާ ނޭހާ ޝަރްމާ ފެނިގެންދާއިރު، ބަތަލުގެ ރޯލުން ފެނިގެންދަނީ 2014 ވަނަ އަހަރު ނިކުތް "ޕުރާނީ ޖީންސް" އިން ފެނިގެންގޮސްފައިވާ އަދިތްޔަ ސީލް އާއި ބޮލީވުޑަށް މުޅިން އަލަށް ނިކުންނަ އާޝިމް ގުލާޓީ އެވެ.

ގިނަބައެއްގެ މެދުގައި މަޝްހޫރު ވެގެން ގޮސްފައިވާ ލޯބީގެ މިފިލްމުގެ ދެވަނަ ބައިގައި ބޮލީވުޑްގެ މަޝްހޫރު ތަރިން ހިމެނުމުގެ ބަދަލުގައި އާމޫނުތަކެއް ހިމެނުމާ ބެހޭގޮތުން ނޫހަކަށް ދިން އިންޓަވިއުއެއްގައި ޑައިރެކްޓަރު އަނޫބާވް ވަނީ އޭނާ އުފެއްދި ފިލްމު "ދަސް" އާތަރިން ހިމަނައިގެން ނުއުފެއްދުނީސް ކަމަށާއި އަދި "ތުމް ބިން 2" މަޝްހޫރު ތަރިން ހިމަނައިގެން ނުއުފެއްދޭނެ ކަމަށެވެ.

މިފިލްމުގެ ލީޑްރޯލު ކުޅޭ ތިންތަރިން ކަނޑައަޅާފައިވަނީ 1500 އެއްހާ ސްކްރީން ޓެސްޓް ހެދުމަށްފަހު ކަމަށް ވެސް އަނޫބަވް ވަނީ ބުނެފަ އެވެ. އަދި ފިލްމުގައި ފެނިގެންދާ ސަޕޯޓިން އެކްޓަރުންނަކީ ވެސް އާމޫނުތަކެއް ކަމަށާއި އަދި މިސިލްސިލާގެ ފުރަތަމަ ފިލްމުގައި ހިމެނުނު އެއްވެސް ތަރިއެއް މިފިލްމުގައި ފެނިގެންނުދާނެ ކަމަށް ވެސް އަނޫބަވް ބުނެފައިވެ އެވެ.

އިތުރަށް އަނޫބަވް ވަނީ ފުރަތަމަ ފިލްމެކޭ އެއްގޮތަށް މިފިލްމަކީ ވެސް ލޯބީގެ އަސަރުގަދަ ވާހަކައެއް ކަމަށެވެ. މިިފިލްމު ގްލަސްގޯގެ އިތުރުން އެޑިންބާގް ގައި ވެސް ޝޫޓްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަންނަ ހަފްތާގައި ޝޫޓިން ފަށާއިރު، މެއި މަހުގެ ނިޔަލަށް މިފިލްމުގެ ޝޫޓިން ނިމޭއިރު ނޮވެމްބަރު މަހުގެ 18ވަނަ ދުވަހު މިފިލްމު ރިލީޒްކުރާނެ ކަމަށް ވެސް އަނޫބަވް ބުނެފައިވެ އެވެ.

މިފިލްމުގެ މިއުޒިކް ތައްޔާރުކުރުމަށް އަންކިތް ތިވާރީއާ ހަވާލުކޮށްފައިވާއިރު، ފިލްމުގެ ބައެއް ލަވަތައް އަންކިތް ކިޔާނެ ކަމަށް ވެސްވެ އެވެ.