ރާއްޖޭގެ މިއުޒިކް ސީންގައި އެންމެ ބުރަކޮށް މަސައްކަތްކުރާ ނުވަތަ އެގޮތުގައި ދެގޮތެއް ނުވެ ދެމިއޮތް އެންމެ ދުވަސްވީ އެއް ބޭންޑަކީ ކޮބައިތޯ ސުވާލުކޮށްފި ޖަވާބުގައި ބުނަން ޖެހޭނީ، އެމީހުންނަކީ "ޑިޓިއުން ބޭންޑް" އޭ އެވެ. މިއީ އެމީހުންގެ 10 ވަނަ އަހަރެވެ.
މި މުނާސަބަތަކާ އެ އުފާވެރިކަމެއް ބައްދަލުވެ، ޖަޒުބާތުތައް ބަންޑުންވެގެން އަންނައިރު އެމީހުންނަށް މި ވަނީ އެހެން އުފަލެއް ވެސް ހާސިލުވެފަ އެވެ. އެމީހުންގެ އަލަތު އަލްބަމް، "ވަން ޑައުން" ގައި ހިމެނޭ ހިތްގައިމު ލަވަ "ނޫން ނޫން ނުދޭ" އަށް އިތުރު ހިތްގައިމުކަމެއް ގެނެސް މުޅިން އާ އޯޑިއެންސަކަށް އެ ލަވަ އާއި ޑިޓިއުން ތައާރަފްވުމެވެ.
ހުރިހާ ވެސް ޝުކުރެެއް ކާމިޔާބު ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމަންޓަށެވެ. އެމީހުން އަންނަ އެޕްރީލް މަހުގެ ފަސް ވަނަ ދުވަހު ޕްރިމިއާކުރަން ތައްޔާރުވަމުން އަންނަ ރޮމޭންޓިކް ކޮމެޑީ "ވާށޭމަށާ އެކީ" ގައި "ނޫން ނޫން ނުދޭ" ހިމަނައި އެ ލަވައާ އެކު ފިލްމުގެ ޕްރޮމޯޝަނަލް ވީޑިއޯ އާންމުކުރި ހިސާބުން ޑިޓުއުން އަށާއި އެމީހުންގެ ލަވަ އަށް ދަނީ ހިފެހެއްޓުމެއް ނެތް ތައުރީފު އޮހެމުންނެވެ.
ޑާކް ރެއިންގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އަށް ޝުކުރު އަދާކުރަން ޑިޓިއުން ބޭނުންވަނީ ވެސް މި ސަބަބާ ހެދި އެވެ. ޑިޓިއުން އިން ބުނަނީ ޑާކް ރެއިންހާ ޕްރޮފެޝަނަލް ޕްރޮޑަކްޝަން ހައުސްއަކާ އެކު މީގެ ކުރިން މަސައްކަތްކުރެވިފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ވެސް ވަރަށް ގިނަ މީހުންނާ އެކު ތަފާތު އެކި މަސައްކަތްތައް ކުރެވިއްޖެ. އެކަމަކު ބުނެވޭނީ ޑާކްރެއިންހާ ޕްރޮފެޝަނަލް ބަޔަކާ އެކު އަދި މިފަދަ މަސައްކަތެއް ނުކުރެވެޔޭ،" ޑާކް ރެއިން އާއި މޮގާ އަށް ތައުރީފު އޮއްސަމުން ބޭންޑްގެ އެއް ވޯކަލިސްޓް އަދި ގިޓަރިސްޓެއް ކަމުގައިވާ ފާތިމަތު ފެޒްލީން (ފެޒޫ) ބުންޏެވެ.
"ފިލްމަކަށް އަލަށް މި ދިނީ އަޅުގަނޑުމެންގެ ލަވައެއް. ވަރަށް ހިތްހަމަޖެހިފައި މި ތިބީ ޑާކް ރެއިންއާ އެކު ކުރެވުނު އެކްސްޕީރިއަންސާ މެދު."
ޑާކް ރެއިންނަށް "ނޫން ނޫން ނުދޭ" ބޭނުންކުރުމުގެ ހުއްދަ ދީފައި ވަނީ ހަމައެކަނި އެމީހުންގެ ފިލްމުގަ އާއި އޭގެ ޕްރޮމޯޝަނުގައި ލަވަ ބޭނުންކުރުމަށެވެ. ފެޒޫ ބުނީ ފިލްމަކަށް އަލަށް އެމީހުންގެ ލަވައެއް ދީގެން ލިބޭ ތަރުހީބާ މެދު ވެސް ބޭންޑްގެ މެމްބަރުން ވަރަށް ހިތްހަމަޖެހިފައިވާ ކަމަށެވެ.
"ނޫން ނޫން ނުދޭ" އަކީ ޑިޓިއުން އިން ހަ ލަވައާ އެކު 2014 ވަނަ އަހަރު ނެރުނު އަލްބަމް "ވަން ޑައުން" ގައި ހިމެނޭ ދިވެހި ހަތަރު ލަވައިގެ ތެރެއިން ލަވައެކެވެ. ރިސޯޓް މާކެޓަށް އަމާޒުކޮށްގެން ބޭންޑުން ނެރެފައިވާ މި އަލްބަމަކީ މިހާރު ވެސް ޓުއަރިސްޓުންގެ މެދުގައި ފުދޭވަރަކަށް މަގްބޫލު އަލްބަމެއް ކަމަށް ބޭންޑްގެ ފަރާތުން ބުނެ އެވެ.
ލަވައާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަމުން ފެޒޫ ބުނީ ލަވައިގެ ލިރިކްސް އާއި މެލޮޑީ ކޮމްޕޯސްކޮށްފައި ވަނީ ބޭންޑްގެ ލީޑް ވޯކަލިސްޓް އަހުމަދު ފުރުގާން (ފޫޖީ) ކަމަށާއި ވަރަށް ގާތް މީހަކާ ވަކިވާން ޖެހުމުގެ އިހްސާސްތައް ބަންޑުންކޮށްލަދޭ މި ލަވައަކީ ސީދާ ފުޖީގެ ހަޔާތުގައި އޭނާ އަށް ކުރެވިފައިވާ ތަޖުރިބާއަކުން އުފެދިގެން އައި ލަވައެއް ކަމަށެވެ.
ޑާކް ރެއިންއާ އެކު "ނޫން ނޫން ނުދޭ" އަށް އިތުރު މަޝްހޫރުކަމަކާއި މަގްބޫލުކަމެއް ލިބިގެން ގޮސްފައިވާއިރު މި ލަވަ "ވާށޭ މަށާ އެކީ" ގެ އެންމެ މަގްބޫލު ލަވަ އަށް ވުމުގެ ފުރުސަތު ވެސް އެބައޮތެވެ. މިހާރު ވެސް ލަވަ އަށް ލިބެމުންދާ ތަރުހީބަށް ބަލާއިރު އެހެން ވެސް ބުނެވިދާނެ އެވެ.
އެކަމަކު ޑިޓިއުން ބޭނުން އެ ވާހަކަ އަދި ގަބޫލެއް ނުކުރެ އެވެ. އެހެން ނަމަވެސް އެމީހުން ތިބީ ޑާކް ރެއިންގެ އިތުރު ފިލްމުތަކެއްގައި ވެސް މަސައްކަތްކުރުމަށް ނިކަން ކެތްމަދުވެފަ އެވެ.