ސައުދީ އަަރަބިއްޔާ

ސައުދީ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފަށަން ސޮއިކޮށްފި

Mar 29, 2016

ސައުދީ އަރަބިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ސައުދީ އެއާލައިން "ސައުދިއާ"ގެ ދަތުރުތައް ސައުދީން ސީދާ ރާއްޖެއަށް ފެށުމަށް އެއްބަސްވެސް މިއަދު ސޮއިކުރީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގަ އެވެ.

އެ އެއްބަސްވުމުގައި ރާއްޖެއިން ސޮއި ކުރެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ. ސައުދީން ސޮއިކުރެއްވީ އެ ގައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަންގެ ރައީސް ސުލައިމާން އަލް ހަމްދާނެވެ.

ރަސްމީކޮށް މިއަދު ސޮއިކުރި އެ އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް ފެށުމަށް ސައޫދީިއަރަބިއާގެ ޖިއްދާގައި 2014 ވަނަ އަހަރު ސޮއިކުރި ރަމްޒީ އެއްބަސްވުމެވެ. މި އެއްބަސްވުމުގެ ދަށުން ރާޢްޖޭގެ އެއާލައިންތަކަށް ސައޫދީ އަރަބިއާގެ ޖިއްދާ، ރިޔާދު އަދި މަދީނާ އަށް ހަފުތާއަކު 14 ފްލައިޓް އޮޕަރޭޓް ކުރާނެ އެވެ. އަދި އެގައުމުގެ ދައްމާމަށް ރާއްޖޭގެ އެއާލައިންތަކުން ބޭނުން އަދަދަކަށް ފްލައިޓް އޮޕަރޭޓްކުރެވޭނެ އެވެ.

މި އެއްބަސްވުމުގެ ދަށުން "މެގަ މޯލްޑިވްސް" ގެ ފަރާތުން މިހާރުވެސް ސައޫދީގެ ޖިއްދާއަށް ޑައިރެކްޓް ދަތުރު ކުރެއެވެ.

ރަސްމިއްޔާޓުގައި ވާހަކަފުޅު ދައްކަވަމުން ސުލައިމާން އަލް ހަމްދާން ވިދާޅުވީ، ދެގައުމަށް ދަތުރުފަތުރުގެ މަގުން ގުޅާލުމަކީ ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމެއް ކަމަށެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ، އެ އެއްބަސްވުމުގެ ސަބަބުން ސައުދީ އިން ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ރާއްޖެ އިން އެކި ބޭނުންތަކަށް ސައުދީއަށް ދަތުރުކުރުމަށް ދިވެހިންނަށް ފަސޭހަވާނެ ކަމަށެވެ. އަދި ސައުދީއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ.

މީގެ އިތުރުން ސައޫދީ ސަރުކާރުން ވަނީ އެގައުމުގެ ގައުމީ އެއާލައިން ކަމަށްވާ "ސައޫދީ އަރަބިއަން އެއާލައިން"ގެ ދަތުރުތައް ވެސް މާދަމާ ރާއްޖެއަށް ފަށަން ނިންމާފަ އެވެ.