ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންއާ ގުޅޭ އިތުރު މައުލޫމާތުތައް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވެއްޖެ އެވެ.
ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަވާޒު ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ރިލްވާން ގެއްލުނު މައްސަލާގައި ތަުހުގީގަށް ލިބިފައިވާ އިތުރު މައުލޫމާތުތައް ހިއްސާކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. ރިލްވާންގެ މައްސަލާގައި ތަހުގީގު ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ފުލުހުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ސުވާލު ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އުމަރު މީގެ ކުރިން ވިދާޅުވެފައިވެއެވެ. އުމަރު ވިދާޅުވެފައި ވަނީ ރިލްވާންއަށް ވީގޮތް ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި އެކަމަށް ފުލުހުން ކުރާ ތަހުގީގު ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ދާކަމަށް މިނިސްޓަރު ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން ރިލްވާންގެ އާއިލާއާ ވެސް ބައްދަލު ކުރައްވައި ރިލްވާނަށް ވީގޮތް ހޯދުމަށް ކުރެވެން އޮތް ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން އުމަރު ވަނީ ދެއްވައިފަ އެވެ.
އެ މައްސަލައިގައި މީގެ ކުރިން ވެސް އެކި ފަރާތްތަކުން ވަނީ އަދީބަށް ތުހުމަތު ކޮށްފަ އެވެ. ބައެއް ފަރާތްތަކުން ބުނެފައި ވަނީ ރިލްވާން ގެއްލުވާލީ އަދީބާ ގުޅޭ ބައެއް މައުލޫމާތުތައް އޭނާގެ އަތުގައި ހުރުމުން އެކަން މީޑިއާއަށް ހާމަކޮށްފާނެތީ އެވެ. އެހެން ނަމަވެސް އަދީބު ވަނީ އޭރު އެ ކަންކަމަށް އިންކާރު ކުރައްވައިފަ އެވެ.
ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގުގައި އެންމެ ބޮޑަށް ޝައްކު ކުރެވޭ މީހަކީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ތުހުމަތު ކުރެވުނު އަޒްލިފް ރައޫފް ކަމަށާއި، މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްއާ ވެސް އެ މައްސަލައިގައި ފުލުހުން ސުވާލުކޮށްފައިވާ ކަމަށް ވެސް އުމަރު ވިދާޅުވެފައިވެއެވެ.