އެމްޓީސީސީ

އެމްޓީސީސީއިން ވިއްކާ ބައެއް ސާމާނު ތިލަފުށިން ލިބޭ ގޮތް ހަދައިފި

Mar 29, 2016
  • މެރިން ކުލަ އާއި ގޭސް މިހާރު ލިބޭނެ
  • ސްޓޮކް ހުސްނުވެ ލިބެން ހުންނާނެ
  • ކުރިއަށް އޮތް ތާނގައި ގިނަ ސާމާނު ލިބޭނެ

އެމްޓީސީސީ ކަށަވަރު ފިހާރަ އިން ވިއްކާ ބައެއް ސާމާނު ތަލަފުށިން ލިބޭ ގޮތް ހަދައިފި އެވެ.

"އެމްޓީސީސީ ކަށަވަރު ފިހާރަ" ގެ ހިދުމަތް ފެށުމަށް ތިލަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ފައްޓަވައި ދެއްވީ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދު ރައްޒާގު ހަލީމެވެ.

މި ހިދުމަތް ފައްޓަވައި ދެއްވުމަށްފަހު ހަލީމް ވިދާޅުވީ އެ ކުންފުނީގެ މަގުސަދަކީ ރައްޔިތުންނާއި ގާތުން ހިދުމަތް ދިނުން ކަމަށެވެ.

"މިދިޔަ އަހަރު ބައެއް ޕްރޮޑަކްޓްތަކާއި ރަށްރަށުން ލިބޭނެ ގޮތް ވާނީ ހަމަޖައްސާފަ. މީއީވެސް އޭގެ ތެރެއިން ކުރެވޭ އެއް ކަންތައް. ތިލަފުއްޓަކީ ގްރޭޑާ މާލެ ރީޖަންގައި އެންމެ ބޮޑަށް އިންޑަސްޓިއަލް މަސައްކަތް ކުރާ އެއް ރަށް،" ހަލީމް ވިދާޅުވި އެވެ.

ތިލަފުށިން ގަންނަން ލިބޭ ގޮތަށް އެމްޓީސީސީން މިއަދު ހަމަޖައްސާފައިވަނީ އިންޑަސްޓްރިއަލް ގޭހާއި ސިގްމާ ދަވާދެވެ.

ހަލީމް ވިދާޅުވީ މީގެ އިތުރުން އުޅަނދުފަހަރު ބަނުމަށް ބޭނުންކުރާ ބައެއް ސާމާނުވެސް ތިލަފުށިން ތިބޭނެ ގޮތް ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓީމުން ކުރިސާވޭތަކުން ފާހަގަ ކުރެވުނީ ކަށަވަރު ޝޯރޫމުން މި އެއްޗިހިތައް ގަނެވެގެން ލޮރީއެއްގައި މި ސާމާނު ބަނދަރަށް ގެނެސް ތިލަފުއްޓަށް ގެންނަން ދަތިތައް ހުރިކަން. އެހެންވެ ކަސްޓަމަރުންނާ ވެސް މަޝްވަރާ ކޮށްގެން މިކަން މި ކުރެވުނީ،" ހަލީމް ވިދާޅުވި އެވެ.

ތިލަފުށިން ލިބޭނެ ގޮތަށް އެމްޓީސީސީން މިއަދު ހަމަޖެއްސި ސިންމާ މެރިން ކޯޓިންގްސްއަކީ ކަނޑު އުޅަނދު ފަހަރުގައިލުމަށް ބޭނުންކުރާ އެންމެ ކޮލިޓީއެއް ދަވާދެވެ.