މޯލްޑިވިއަން އައިޑޮލް

އެމީހުންގެ ހަރަކާތްތައް ސިޔާސީ ކެމްޕޭނަކަށްވުރެ ފޯރިގަދަ!

މޯލްޑިވިއަން އައިޑޮލްގައި އާދަޔާހިލާފު ހުނަރުވެރިކަމެއް ދައްކަމުން އަންނަ ގއ. ކޮލަމާފުށީ، ކެނެރީގޭ އަބްދުﷲ ސޯދިގުއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ގޮސް އެންމެފަހުން ސަމާސާ ރާގެއްގައި އޭނަގެ ސަޕޯޓަރަކު ބުނީ "ދާއިރާގެ ގޮނޑި ވެސް މިހާރު ސޯދިގަށް" ކާމިޔާބުކުރެވިދާނެ ކަމަށެވެ.

"އެހާ ވެސް އޭނަގެ މަގްބޫލުކަން ބޮޑުވެފައި މި އޮތީ މި ދުވަސްކޮޅު. މި ދުވަސްކޮޅު ބައި އިލެކްޝަނެއް ބާއްވައިގެން އޭގައި ސޯދިގު ވާދަކޮށްފި ނަމަ ދާއިރާގެ މަޖިލިސް ގޮނޑި އޭނާ އަށް ނުލިބެންވީ ހަމަ އެއްވެސް ސަބަބެއް ނެތް،" ލާނެތް ގޮތަކަށް ހެމުންހެމުން ގޮސް އެ ސަޕޯޓަރުގެ ވާހަކަ ނިންމާލި އެވެ.

މި ސަޕޯޓަރުގެ ވާހަކަ މުޅިއަކުން ގޯހެއް ނޫނެވެ. މޯލްޑިވިއަން އައިޑޮލްގެ ކޭމްޕްގައި ދުވަސްގަނޑެއް ކޮށްލާފައި ސޯދިގު މި ހަފުތާގައި އެނބުރި އާއިލާ އާއި ރައްޓެހިން އަދި ވަޒީފާ އަދާކުރާ މާހައުލަށް އެނބުރި ދިއުމުން އޭނާ އަށް ގއ. އަތޮޅުން ކީ މަރުހަބާ އަކީ ފަހުގެ ތާރީޚެއްގައި ސިޔާސީ ވެރިއަކަށް ވެސް އެމީހުން ނުކިޔާ ވަރުގެ ހޫނު މަރުހަބާ އެކެވެ. އެހެންވީމަ އަދި މި ސޯދިގަކަށް މޯލްޑިވިއަން އައިޑޮލް ލިބިއްޖެ ނަމަ ކިހާ ފޯރިއެއް ހުންނާނެ ހެއްޔެވެ؟

އެކަމަކު މިއީ ހަމައެކަނި ސޯދިގުގެ ސަޕޯޓަރުންގެ މެދުގައި އޮތް ރޫހެއް ނުވަތަ ފޯރިއެއް ނޫނެވެ. ޕީއެސްއެމް ކުރިއަށް ގެންދާ މޯލްޑިވިއަން އައިޑޮލްގައި މިހާތަނަށް ވާދަކުރި އަދި މިއަދާ ހަމަ އަށް ބާކީ ތިބި ހަތް ބައިވެރިންގެ ސަޕޯޓަރުންނާއި އާއިލާ އަދި އެކުވެރިންގެ މެދުގައި ވެސް އޮތީ މިވަރުގެ ފޯރިއަކާއި ރޫހެކެވެ.

އެހެންވީމަ ރޫހު ވަނީ ހަމައެކަނި ތިނަދު އަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ މުހައްމަދު ޒަލީފްގެ ސަޕޯޓަރުންގެ މެދުގައޭ ވެސް ބުނެވޭކަށް ނެތެވެ.

އެކަމަކު ޒަލީފްގެ ޓްރޮފީ ހަރުގަނޑާ ވާދަކޮށްލެވޭނެ ހެއްޔެވެ؟

މޯލްޑިވިއަން އައިޑޮލްގެ ތެރެއިން ގެނެސްދޭ ރިއާލިޓީ ސެގްމަންޓްގެ ޝޫޓިންއަކަށް ސޯދިގު އާއި ޒަލީފް އެމީހުންގެ ރަށަށް ކުރި ދަތުރުގައި ފެނުނު އެންމެ އާދަޔާހިލާފު އެއް މަންޒަރަކަށް ވެފައި އޮތީ ޓްރޮފީތަކުން ފުރާލާފައިވާ ސިޓިންރޫމެއްގައި ޒަލީފް ހުއްޓިލައިގެން ހުއްޓައި ނަގާފައިވާ ފޮޓޯތަކެކެވެ.

އަވަސް އަށް ކުރިން ދިން އިންޓަވިއުއެއްގައި ވެސް ޒަލީފް މި ޓްރޮފީތަކެއްގެ ވާހަކަ ކޮންމެވެސް ވަރަކަށް ކިޔައިދިނެވެ. ސްކޫލްގައި ބާއްވާ އެކިއެކި މުބާރާތްތަކުން އޭނާ އަށް ލިބިފައިވާ ވަނަތަކަމަށް މި ޓްރޮފީ ހަރުގަނޑު ހެކިވާނެ ކަމަށް އޭރު ވެސް ބުންޏެވެ. އެންމެފަހުން އޭނާގެ ޓްރޮފީ ހަރުގަނޑު އެ ވަނީ އެންމެނަށް ހާމަކޮށްފަ އެވެ.

ޒަލީފަކީ އެންމެ ކުޑައިރު ވެސް ޗެމްޕިއަނެކެވެ. ވަކިން ހާއްސަކޮށް ލަވަކިޔުންތެރިއެއްގެ ގޮތުގައި އޭނާ ހާސިލުކޮށްފައިވާ ކާމިޔާބީތައް އައިޑޮލްގެ އެހެން ބައިވެރިޔަކަށް އެމީހުންގެ އުމުރުގެ އެ ހިސާބުގައި ލިބިފައިވާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ޒަލީފަކީ އޭރު ނިކަން ބޮޑު ވާދަވެރިކަމެއް އުފެދިފައި އޮތް، އިންޓަ އެޓޯލް ސިންގިން ކޮމްޕެޓިޝަންގައި ޖައްސަޖައްސައިގެން ތިން އަހަރު، މުބާރާތުގެ އެންމެ މޮޅު ލަވަކިޔުންތެރިޔާގެ އެވޯޑް ގެންދިޔަ ފަރާތެކެވެ.

އޭގެ ފަހުން އޭނާ ލަވަކިޔުމުން ބްރޭކެއް ނެގިޔަސް މިހާރު މި ވަނީ އަނެއްކާވެސް އެނބުރި އައިސްފަ އެވެ. ބުނެވޭ ގޮތުގައި ޒަލީފްގެ ކެމްޕޭނުގައި ވެސް ވަކި ފޯރިއެއް ކުޑައެއް ނޫނެވެ. އެހެން ނަމަވެސް ވަރަށް ގިނަ ބަޔަކު ބުނާ ގޮތުން އެންމެ ފީކަޅާ ކެމްޕޭނެއް ކުރިއަށް ދަނީ ޒަލީފްގެ އެވެ. އަދި އޭނާ ޝޯގައި އެހާ މޮޅަށް ލަވަކިޔަމުންދާއިރު ބޮޓަމް ތްރީ އަށް ވެއްޓެން ޖެހުމުގެ އަސްލަކީ ވެސް އެއީ އެވެ.

އެހެން ނަމަވެސް ރަށަށް ކުރި ދަތުރުގައި ފެނިގެން ދިޔައީ އެ މަންޒަރެއް ނޫނެވެ. މުޅި ރަށް އޮތީ ޒަލީފްގެ އިސްތިގުބާލަށް ދެ އަތް ދިއްކޮށްލައިގެންނެވެ.

ޝަލަބީ ހަމަ މަގްބޫލީ! ކެމްޕޭނެއް ނުކުރަން!

މިއީ އައިޑޮލްގެ ފެވަރިޓެއް ކަމަށް ބެލެވޭ ޝަލަބީ އިބްރާހިމްގެ ސޯޝަލް މީޑިއާ ކެމްޕޭންގައި އިސްކޮށް އުޅޭ މީހަކު ބުނި ވާހަކަ އެކެވެ. އޭނާ ބުނަނީ ޝަލަބީ އަށް ލިބޭ ތަރުހީބުގައި ކެމްޕޭނެއްގެ މާ ބޮޑު ރޯލެއް ނެތް ކަމަށާއި އެއީ ޖެނުއިން ސަޕޯޓަރުންގެ ލޯބި ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް ޚަރަދެއް ނުކުރަން ވޯޓްލުމަކަށް އަދި ސިމްކާޑުތަކަކަށް. ޝަލަބީގެ ފޭނުން ހަމަ ގިނައީ. މިއީ އަޅުގަނޑުމެންނަށް ގަބޫލުކުރަން ދަތި ކަމެއް ހަގީގަތުގައި،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ ޝަލަބީ އަށް އެމީހުން މާ ބޮޑު ކެމްޕޭނެއް ނުކުރާ ކަމުގެ ހަގީގަތަކީ ކެމްޕޭނުގައި އިސްކޮށް އުޅޭ މީހުން ވެސް ފޮނުވާލާ މަދު ވޯޓްތަކެކެވެ.

"އަޅުގަނޑު ވެސް އޭނާ އަށް މި ފޮނުވާލަނީ އާންމުކޮށް ހައެއްކަ ވޯޓް. ބުނެވޭނީ ޝަލަބީގެ ފޭނުން ހަމަ މާ ގިނައީއޭ،" އެމީހާ ތަކުރާރުކޮށް ބުނަމުން ދިޔައެވެ.

ފަހަރެއްގައި އެއީ ތެދެކެވެ. އައިޑޮލް އޮންނަ ރޭތަކުގައި ޓްވިޓާގެ ދިވެހި ބިމުގައި ނަގާފައިވާ ޝަލަބީގެ ދިދަތަކުން ވެސް އޭނާ ދިވެހިންގެ ހިތްތައް ފަތަހަކޮށްފައިވާ މިންވަަރު ނިކަން ބޮޑަށް ހާމަވެގެންދެ އެވެ.

ހަގީގަތަކީ ލޯބިން ކާން ދީގެން، ނިދާ އެނދުގައި ނިންދަވައިގެން ގެންގުޅޭ ބުޅަލަށް ވެސް ބައެއް މީހުން މިހާރު ޝަލަބީގެ ނަން ދީފައިވާ ކަމެވެ.

ލައިޝާ އަކީ އަންހެނުންގެ ބާރު!

މޯލްޑިވިއަން އައިޑޮލް އަކީ އަންހެނުންގެ ހައްގަށް ވަކާލާތުކޮށް އަންހެނުން ބާރުވެރިކުރުމަށް ކުރިއަށް ގެންދާ ޝޯއެއް ނަމަ ލައިޝާ ޖުނައިދަށް މިހާރު ވެސް އައިޑޮލްގެ ތާޖު ދޭންވީ އެވެ. ހުރިހާ ގޮތަކުން ވެސް އޭނާ އަށް އެ ޝަރަފް ހައްގުވާތީ އެވެ.

އައިޑޮލް ޓޮޕް ސެވަން އަށް ތިރިވެފައިވާއިރު މި ރޭހުގައި މިހާރު ބާކީ ހުރި ހަމައެކަނި އަންހެން ލަވަކިޔުންތެރިޔަކީ މިއީ އެވެ. ފާހަގަކޮށްލަން ޖެހެނީ މިއީ މުބާރާތުގައި ވާދަކުރާ އެހެން ހުރިހާ ލަވަކިޔުންތެރިންނަށް ވުރެ ބޮޑު ފޭން ބޭސްއެއް އެމީހެއްގެ ފަހަތުގައި އޮތް ލަވަކިޔުންތެރިއެއް ކަމެވެ. މި ވާހަކަ އެހެން ލަވަކިޔުންތެރިން ވެސް ހިތުގެ އެންމެ ފުންމިނުން ގަބޫލުކުރާނެކަން ވެސް ޔަގީނެވެ.

ލައިޝާ ޖުނައިދުގެ ފޭސްބުކް ޕޭޖަށް ލައިކްކޮށްފައިވާ މީހުންގެ އަދަދު 20،000 ފަހަނައަޅައި ގޮސްފައިވާއިރު މިއީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ އަޑުގަދަކޮށްލައިގެން އުޅޭ މީހާ އަށް އެހާ ފަސޭހައިން ހާސިލުކުރެވެވިފައިވާ ކާމިޔާބީއެއް ނޫނެވެ.

ލައިޝާއެއްގެ މަގްބޫލުކަމާއި އޭނާގެ ހުނަރުވެރިކަމެއްގެ ވާހަކަ ދައްކާއިރު ކިޔަވަމުން ލަވަކިޔަމުން އަދި ލަވަކިޔުމާ ނުވެސް ގުޅޭ ހުވަފެނެއް ހާސިލުކުރުމަށް ހިތު އަޅައިގެން އުޅޭ ހުނަރުވެރިޔަކީ ވެސް މިއީކަން ފާހަގަކޮށްލެވެ އެވެ.

ޖިމީއާ އެކަންޏެއް ނޫން! ޖޮނީ ޑެޕާ ވެސް މާ ވައްތަރީ!

ނިމިގެން ދިޔަ ހަފުތާ ބަންދަކީ އަބްދުﷲ ފާލިހަށް ހުރިހާ ގޮތަކުން ވެސް އުފާވެރި ހަފުތާ ބަންދެކެވެ. ހުށަހަޅައި ދިން ލަވަ އަށް ތައުރީފު އޮހުނުއިރު ވަރަށް ގިނަ ބަޔަކު ބުނާ ގޮތުން ދެ ވަނަ ރޭގައި ވެސް ފާލިހްގެ ޑުއެޓަކީ އެންމެ ހިތްގައިމު އެއް ޕާފޯމެންސެނެވެ. މީގެ އިތުރުން ކުރިން ސްޓޭޖު މަތީގައި ނިކަން މަޑުމަޑުން ހުރި ފާލިހް މިހާރު އަބަދު ނަށާލާފައި އުޅޭހެން ވެސް ހީވެ އެވެ.

އައިޑޮލް ކާމިޔާބުކުރުމުގެ ފުރުސަތު ފާލިހަށް ހަގީގަތުގައި ވެސް ވަރަށް ބޮޑެވެ. އެހެން ވެއްޖެ ނަމަ އޭނާ އަށް ލިބޭ އުފާވެރިކަން އަދި މިއަށް ވުރެން ވެސް ބޮޑުވާނެ އެވެ. އަދި އޭނާގެ ކާމިޔާބީގެ ވާހަކަ ވެގެންދާނީ "ސްލަމް ޑޯގް މިލިއަނާ" ކަހަލަ ފިލްމެއް ވެސް އުފެއްދިދާނެ ފަދަ ވާހަކަ އަކަށެވެ. އެއް އިރެއްގައި ދަށް ވަޒީފާތަކެއްގައި އުޅެން ޖެހުނަސް އަދި އައިޑޮލްގެ އޮޑިޝަނުގައި ބައިވެރިވިއިރު، ވަޒީފާއެއް ނެތް ސިންގަލް ޑޭޑެއްގެ ގޮތުގައި ހުއްޓަސް މިއަދު އޭނާ އަކީ "ޑޭޑީ ކޫލް" އެކޭ ބުނެވިދާނެ އެވެ. އެވަރަށް އޭނާގެ ދިރިއުޅުން ބަދަލުވެއްޖެ އެވެ.

ދެން މި އޮތީ އޭނާއާ ބެހޭ އެހެން ވާހަކަ އެވެ. މި ޝޯއެއް ފެށިއިރު އޭނާ އެންމެ ވައްތަރީ ފިލްމީ ތަރި ޖިމީއާ ކަމަށް ވަރަށް ގިނަ ބަޔަކު ބުންޏެވެ. ނަމަވެސް މިހާރު އެންމެން ވެސް ކިޔައީ މިއީ ދިވެހި ރާއްޖޭގެ ޖޮނީ ޑެޕް ކަމަށެވެ. ފޮޓޯތަކުން ފެންނައިރު ފާލިހަކާ ޖޮނީ ޑެޕަކާ ހަމަ އެއްވެސް ތަފާތެއް ހަގީގަތުގައި ނެތެވެ.

ދެން ވެސް ތިބީ ރޮކްސްޓާރުން!

މި ޝޯގެ ކެމްޕޭންގެ ފޯރި މެކުހަށް ޖަހާލާފައިވާއިރު ސްޓޭޖު ބިންދަމުން އަންނަ މުހައްމަދު މުއައްޒިންގެ ސަޕޯޓަރުންގެ ހަރަކާތްތައް ވެސް ވަރަށް ބޮޑަށް ފާހަގަކޮށްލެވެ އެވެ. ވަކިން ހާއްސަކޮށް އޭނާ އަށް ބައިއަތު ހިފާފައިވާ ބޮޑުބެރު ގްރޫޕް، ހަބޭސް ފާހަގަކޮށްލެވެ އެވެ. ރާއްޖޭގައި އޮތް އެންމެ ފޭން ބޭސް ބޮޑު ބޮޑުބެރު ގްރޫޕަކީ ހަބޭސް އެވެ. އެކަމަކު އެމީހުންގެ ކޮންމެ ފޭނަކީ މުއައްޒިންގެ ސަޕޯޓަރަކަށް ނުވެދާނެ އެވެ.

އޭނާގެ އާއިލާ އާއި އެކުވެރިންގެ ތެރެއިން ވެސް ވަރުގަދަ ކެމްޕޭނެއް ޖައްސާފައި ވަނީ އެހެންވެ ކަމަށް ވެދާނެ އެވެ.

ޝޯގެ އަނެއް ރޮކްސްޓާ އަކީ މުހައްމަދު އިޝާން އެވެ. މިއީ ރޮކްސްޓާރެއްގެ ގޮތުގައި ޝޯ އަށް އައިސް އަލީ ރަމީޒެއްގެ ގޮތުގައި އަންހެން ކުދިންގެ ހިތްތަކުން ޖާގަ ހޯދާފައިވާ ލަވަކިޔުންތެރިއެކެވެ. އޭނާގެ އެހެރަ ލަދުރަކި ހިނިތުންވުމަކަށާއި ބުޅިތައް އެކުލެވޭ ބޯ އިސްތަށިގަނޑަކަށް ވަދެ ގެއްލިފައިވާ އަންހެން ކުދިންގެ ފުރާނައިގެ އަދަދެއް ވެސް ކިޔައިދޭކަށް ނޭނގެ އެވެ.