ރާއްޖެ ކުޅިވަރު

ނާއިޒްގެ ލަނޑުން ފަހަތުން އަރައި ބޫޓާން އަތުން ރާއްޖެ އަށް މޮޅެއް

ދެ ޓީމު ހަމަހަމަވެފައި ވަނިކޮށް ހަސަން ނާއިޒް ޖަހައިދިން ހިތްގައިމު ލަނޑާއެކު ފަހަތުން އަރައި ބޫޓާން 4-2އިން ބަލިކޮށް، ވޯލްޑް ކަޕް ކޮލިފައިން ހަ ޕޮއިންޓާއެކު ރާއްޖެ ނިންމާލައިފި އެވެ.

2018 ވަނަ އަހަރު ރަޝިޔާގައި ބާއްވާ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ އަށް ލިބުނު ހަ ޕޮއިންޓަކީ ވެސް ދެ ފަހަރެއްގެމަތީން ބޫޓާން ބަލިކޮށްގެން ލިބުނު ހަ ޕޮއިންޓެވެ. ގަތަރާއު ޗައިނާ އަދި ހޮންކޮން އަތުން ރާއްޖެވީ ބައްޔެވެ.

މެޗުން ރާއްޖެ މޮޅުކޮށްދިން ލަނޑު ދެ ޓީމު ހަމަހަމަވެފައިވަނިކޮށް ޖަހައިދިނީ ޓީސީގެ ޒުވާން ފޯވަޑް ހަސަން ނާއިޒް (ދާދު) އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތްތާ މާގިނައިރެއް ނުވަނީސް ނެގި ކޯކަރު ބޮލުން އޭނާ ގޯލުގެ މަތީ ކަނަށް ފޮނުވާލީ އެއްވެސް ކުޅުންތެރިއަކަށް ފުރުސަތުނުދީ އެވެ.

މިރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ގިނަވަގުތު ރަނގަޅަށް ކުޅުނީ ވެސް ބޫޓާނެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި ޗެންޗޯ ގްޔެލްޝެން އެވެ. އޭނާ މިލަނޑު ޖެހުމުގެ ކުރިން ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި އަސަދުﷲ އަބުދުﷲ އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތައް ލިބުނެވެ.

ރާއްޖެއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ހުސްވި ދެ އަހަރުގެ މޮޅު ކުޅުންތެރިޔާ އަސަދުﷲ އެވެ.
ދެ ވަނަ ފަހަރަށް ބޫޓާން ލީޑް ނެގީ ފަހު ހާފު ފަށައިގެން ލިބުނު ޕެނަލްޓީއަކުން ޝެރިން ޑޯޖީ އެވެ. މި ލަނޑާއެކު ކުރިއަށް ޖެހިގެން ކުޅުނު ރާއްޖެ އަށް ނަތީޖާ ހަމަހަކަށްދިނީ ލިބުނު ޕެނަލްޓީއަކުން ދަގަނޑޭ އެވެ. މެޗުގެ އިތުރު ވަގުތުގައި ރާއްޖޭގެ ފަހު ލަނޑު ވެސް ޖެހީ ދަގަނޑޭ އެވެ. ރާއްޖެ އަށް ޕެނަލްޓީ ލިބުނީ ވެސް އޭނާ ވައްޓާލުމުންނެވެ.