ބޮލީވުޑް

ހަމަ އެކަނި ގަބޫލުކުރެވޭ އެވޯޑަކީ ނެޝަނަލް އެވޯޑް: ކަބީރް ޚާން

Mar 30, 2016

މިދިޔަ އަހަރު ނިކުތް ޑައިރެކްޓަރު ކަބީރް ޚާންގެ ބްލޮކްބާސްޓާ ފިލްމު "ބަޖްރަންގީ ބައިޖާން" އަށް ވަނީ އަހަރުގެ އެންމެ މަގުބޫލު ފިލްމުގެ ނެޝަނަލް އެވޯޑް ލިބިފަ އެވެ.

ހޯމަ ދުވަހު އިއުލާންކުރި 63 ވަނަ ނެޝަނަލް އެވޯޑުގެ އެންމެ މަގުބޫލު ފިލްމަކަށް ކަބީރްގެ ފިލްމު "ބަޖްރަންގީ ބައިޖާން" ހޮވުމުން ނޫހަކަށް ދިން އިންޓަވިއުއެއްގައި ވަނީ އިންޑިއާގައި މިހާރު ދެމުން އަންނަ ހުރިހާ އެވޯޑްތަކުގެ ތެރެއިން ހަމައެކަނި ގަބޫލުކެރެވޭ އެވޯޑަކީ ނެޝަނަލް އެވޯޑް ކަމަށެވެ. އަދި ނެޝަނަލް އެވޯޑަކީ ފިލްމުތަކުގެ ކޮންޓެންޓަށް އެކަނި ބަލައިގެންދޭ ހަމައެކަނި އެވޯޑް ކަމަށެވެ.

މިއީ ކަބީރަށް ލިބުނު ދެވަނަ ނެޝަނަލް އެވޯޑެވެ. މީގެކުރިން ވަނީ އޭނާގެ ފިލްމު "ކާބުލް އެކްސްޕްރެސް" އަށް ވެސް ނެޝަނަލް އެވޯޑެއް ލިބިފަ އެވެ.

ސަލްމާން ޚާން އާއި ކަރީނާ ކަޕޫރު ލީޑްރޯލުް ފެނިގެންގޮސްފައިވާ މިފިލްމަށް ނެޝަނަލް އެވޯޑެއް ލިބުމުން އުފަލުން ހުރި ކަބީރް ވަނީ މިފިލްމު ރިލީޒްކުރި ހިސާބުން ފެށިގެން ވެސް މިފިލްމަކީ ގިނަބަޔެއްގެ ލޯބި ލިބުނު ފިލްމެއް ކަމަށެވެ. އަދި މިފިލްމަކީ ލޯތްބާއި މުޖުތަމައުގެ ތެރޭގައި އޮންނަ ތަފާތުކުރުންތަކުގެ ވާހަކަ ގެނެސްދީފައިވާ ފިލްމެއް ކަމަށް ވެސް ކަބީރް ވަނީ ބުނެފަ އެވެ.

"މިފިލްމަށް ބޮކްސް އޮފީހުގެ ކާމިޔާބީ އާއި ނެޝަނަލް އެވޯޑެއް ލިބުމުން މިއީ ބޮޑު އުފަލެއް" ކަބީރް ބުނެފައިވެ އެވެ.

"ބަޖްރަންގީ ބައިޖާން" އަށް ބޮކްސް އޮފީހުގައި އެހާ ބޮޑު ކާމިޔާބީއެއް ކަބީރް ދެކޭ ގޮތުގައި ލިބުނީ އެފިލްމުގައި ސަލްމާން އުޅޭތީވެ އެވެ. ސަބަބަކީ ބޮޑެތި ސިނަމާތަކުގެ ބާރަކީ މަޝްހޫރު ތަރިންނެވެ.

ނެޝަނަލް އެވޯޑުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ބަތަލަކަށް "ޕީކޫ" އިން އާމީތާބު ބައްޗަން އަށް ލިބުނުއިރު. އެންމެ މޮޅު ބަތަލާގެ އެވޯޑް "ތަންނޫ ވެޑްސް މަންނޫ ރިޓާންސް" އިން ގެންދިޔައީ ކަންގަނާ ރަނާވަތު އެވެ.