ދުނިޔެ

ކުއްޖާގެ ބޯ ކަނޑާލުމާ ގުޅިގެން މުޅި ތައިވާން ޝޮކެއްގައި!

"މަންމައަކަށް އޭނާގެ ދަރިފުޅު ސަލާމަތެއް ނުކުރެވުން ދަރިފުޅުގެ ކައިރީގައި ހުރި އިރުވެސް، ކޮން ޔަގީން ކަމެއް އޮތީ އަހަރެމެންގެ ދަރިންނަށް ރައްކާތެރިކަން އޮތް ކަމުގެ،" ތައިވާންގެ މަންމައަކު ބުނީ މިހެންނެވެ.

ތައިވާންގައި ހިނގާދިޔަ ހާދިސާއާ ގުޅިގެން މުޅި އެ ގައުމު އޮތީ ޝޮކެއްގަ އެވެ. މަގުމަތީ ބައިސިކަލެއްގައި އިން އަންހެން ކުއްޖެއްގެ ބޯ މީހަކު ކަނޑާލީ އެވެ. ހަތަރު އަހަރުގެ މައުސޫމް އަންހެން ކުއްޖެކެވެ.

މަރުވި ތުއްތު ކުއްޖާގެ މަންމަ ބުނި ގޮތުގައި، އޭނާގެ ދަރިފުޅު ދިޔައީ ކުރިމަތިން ބައިސްކަލު ދުއްވާފަ އެވެ. ނަމަވެސް ވަކި ހިސާބުން ފުރޮޅަށް ކޮންމެސް ކަމެއް ވެގެން، އެ ކުއްޖާ މަންމަ އަންނަން ދެން މަޑުކޮށްގެން އިން ކަމަށެވެ. އެއާއެކު ފެނުނީ، ފިރިހެނަކު އޭނާގެ ދަރިފުޅު ކައިރިއަށް ގޮސް ވަޅިން ބޯ ކަނޑައިލިތަން ކަމަށެވެ. އެމީހާ ދުރަށް ޖައްސަން ކޮއްޕާލެވުނީ ދަރިފުޅުގެ ބޯ ކަނޑާލިފަހުން ކަމަށް ވެސް ބުންޏެވެ.

މަރާލި ތުއްތު ކުއްޖާގެ މަންމަ ހަޅޭއްލަވާތަން އަޑު އިވުމުން، އެ ސަރަހައްދުގައި ތިބި މީހުން އެއްވެ ހަމަލާ ދިން މީހާ ހިފެހެއްޓިއެވެ. ފުލުހުންވަނީ 33 އަހަރުގެ އެ މީހާ ހައްޔަރުކޮށްފަ އެވެ.

ކުށެއް ނެތް މައުސޫމްގެ ކުއްޖެއް މި މަރާ ގުޅިގެން އެ ގައުމުގައި ވަނީ ހިތާމަ ފާޅުކޮށްފަ އެވެ. އެތައް ބަޔަކު ކުއްޖާގެ ޖަނާޒާގައި ބައިވެރިވެފައިވާއިރު ކުއްޖާގެ އާއިލާއަށް އެންމެންގެ ހަމްދަރުދީ ދަނީ ލިބެމުންނެވެ.

ތައިވާންގެ ރައްޔިތުންނަށް މިކަން ބޮޑު ޝޮކަކަށް ވެގެން ދިޔައީ އެ ގައުމަކީ އެފަދަ ކުށްތައް ގިނަ ގައުމަކަށް ނުވާތީ އެވެ. ދުނިޔޭގެ ފެންވަރުގައި ހަދާފައިހުރި ސާވޭތަކުން ދައްކާ ގޮތުގައި ތައިވާނަކީ ދުނިޔޭގައި އޮތް ދެވަނައަށް އެންމެ ސުލްހަ، އަމާން ތަނެވެ.

"މިއީ ކްރައިމް މައްސަލައެއް ނޫން، މިއީ އިޖްތިމާއީ މައްސަލައެއް،" ތައިވާންގެ ޕޮލިސް އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނަރަލް ހުންގް ވިދާޅުވި އެވެ.

ކުއްޖާގެ ބޯ ކަނޑާލި މީހާއަކީ ޑްރަގް ނެގުމުގެ ރިކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

"އަހަރެން ބަލަންވީ ނަފްސާނީ ބަލިތަކަށް ފަރުވާދެވޭ ރަނގަޅު ނިޒާމެއް ގައުމުގައި ގާއިމުވެފައިވޭތޯ، އަހަރެން އެދެނީ ރައްޔިތުން މައިތިރިވާން ރުޅި މަޑުކުރަން، ތައިވާންގެ ކުށް މަދުކުރުމުގެ ނިޒާމްގައި މައްސަލައެއް ނެތް، ކުށް ކުރުން ދަނީ ވެސް މަދުވަމުން،" ޑެޕިއުޓީ ޑިރެކްޓަރު ޖެނަރަލް ވިދާޅުވި އެވެ.

ތައިވާންގެ ރައްޔިތުން ރުޅި ގަދަވެފައިވާއިރު، ރައްޔިތުން ގޮވަނީ އެމީހާ މަރާލުމަށެވެ. ތައިވާނަކީ މަރުގެ ހުކުމް ތަންފީޒުކުރާ ގައުމެކެވެ. މިކަމުގެ ސަބަބުން އެ ގައުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އަދި ޔޫރަޕިއަން ޕާލިމެންޓްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. ނަމަވެސް މަރުގެ ހުކުމް ތަންފީޒުކުރުމަކީ ތައިވާންގެ ގިނަ ރައްޔިތުން ސަޕޯޓްކުރާ ކަމެކެވެ.

ތައިވާންގެ ހިނގާދިޔަ މި ހާދިސާއާ ގުޅިގެން އެ ގައުމުގައި ބޮޑެތި ބަހުސްތައް ވަނީ ފެށިފަ އެވެ. އެގޮތުން އެ ގައުމުގައި ނަފްސާނީ ބަލިތައް އިތުރުވާ ކަމަށް ބަޔަކު ވަނީ ބުނެފަ އެވެ. އެކަން އެގޮތަށް މެދުވެރިވަނީ ބެލެނިވެރިން ކުދިންނަށްކުރާ ޕްރެޝަރެއްގެ ސަބަބުން ކަމަށް ބުނެ އެވެ. ކާމިޔާބު މީހަކަށްވުމަށް ކުދިންނަށް ވަރަށް ބޮޑު ޕްރެޝަރެއް އޮންނަ ކަމަށް އެމީހުން ބުނެ އެވެ. މި ހާދިސާއަކީ އެފަދަ ކަމެއްގައި އެ ފިރިހެން މީހާއަށް އޮތް ޕްރެޝަރެއްގައި ދިމާވި ނަފްސާނީ މައްސަލަތަކެއްގެ ސަބަބުން ހިނގާފައިވާ ހާދިސާއެއް ކަމަށް އެމީހުން ދެކެ އެވެ.