ދުނިޔެ

މޮދީގެ ނަން ޖަހައިގެން ހެދި ކޯޓުގެ އަގަކީ މިލިއަނެއްހާ ރުޕީސް!

އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިންޑިއާ އަށް ވަޑައިގެން އިރު އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ އޭނާގެ ނަމުން ޖަރީކޮށްފައިވާ ކޯޓެއް ތުރުކުރެއްވުމުން އަމާޒުވެފައިވާ ފާޑުުކިޔުންތައް އެ ކޯޓުގެ އަގާ އެކު ބޮޑުވެއްޖެ އެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މޮދީގެ ނަން ރޮނގުތަކަކަށްވާ ގޮތަށް ވަރަށް ކުދި އަކުރުން މުޅި ކޯޓުގައި ދަމާފައި ހުންނަ ގޮތަށް ފޮތި ވިޔެ ކޯޓު ފެހުމަށް 16000 އެމެރިކާ ޑޮލަރު ނުވަތަ މިލިއަނެއްހާ އިންޑިއާ ރުޕީސް ހޭދަވާނެ އެވެ.

އޮބާމާއާ އެކު ނިއު ދިއްލީގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި މޮދީ މި ކޯޓު ތުރުކުރައްވައިގެން ހުންނެވި އިރު ދުރުން ހީވަނީ ހަމަ އާދައިގެ ގަދަ ނޫކުލައިގެ ފޮތީގައި ރަން ކުލައިގެ ރޮނގެއް ދަމާފައި ހުންނަހެންނެވެ. ނަމަވެސް ކައިރިން ބަލައިލުމުން އެއީ މޮދީގެ ނަންކަން އެނގެ އެވެ.

ފާޑުކިޔާ މީހުން ބުނަމުން ދަނީ މޮދީގެ ބޮޑާ ކަމާއި ދެއްކުންތެރިކަން މިކަމުން ހާމަވާ ކަމަށެވެ. ސޯޝަލް މީޑިއާގައި މިކަމާ ގުޅުވައިގެން މޮދީ އަށް ޖޯކު ޖެހުން އާންމުވެފައި ވާއިރު އިންޑިއާގެ ބޮޑެތި ނޫސްތަކުން ވެސް ދަނީ މޮދީ އަށް ފާޑު ކިޔަމުންނެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރަމުން ދަނީ އިންތިހާބަށް ކެމްޕޭނުކުރި އިރު މާ އާދައިގެ ބޭފުޅެއްގެ ގޮތުގައި ނިކުމެ ވަޑައިގެން އާދައިގެ ގޮތަކަށް އުޅުމަކީ އެންމެ މޮޅު ގޮތް ކަމަށް ވިދާޅުވެފައި ވާތީ އެވެ.

އަމިއްލަ ނަމުން ފުރާލާފައި އޮތް ކޯޓެއް މޮދީ ތުރުކުރެއްވި އިރު މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް ވެސް ހަމަ މިފަދަ ކޯޓެއް ތުރުކުރެއްވި އެވެ. އެހެންވެ މުބާރަކާއި މޮދީއާ އަޅާކިޔާ މީހުން ވެސް ވަނީ އިތުރުވެފަ އެވެ.