ސައުދީ އަަރަބިއްޔާ

ސައުދީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

Mar 30, 2016
1
  • ރާއްޖެއަށް ހަފުތާއަކު ދެ ފްލައިޓް ބާއްވާނެ
  • ސައޫދީ/ރާއްޖޭގެ ގުޅުން ވަރުގަދަވޭ
  • މެދުއިރުމަތީގެ ޓޫރިސްޓުން އިތުރުވޭ

ސައުދީ އަރަބިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމާ ގުޅޭ އެއްބަސްވުމާއެކު މިއަދު ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ. ސައުދީ އެއާލައިން "ސައުދިއާ" ގެ ދަތުރުތައް ސައުދީން ސީދާ ރާއްޖެއަށް ފެށުމަށް އެއްބަސްވުމުގައި ސޮއި ކުރީ އިއްޔެ އެވެ.

ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް ފެށުމަށް ސައޫދީިއަރަބިއާގެ ޖިއްދާގައި 2014 ވަނަ އަހަރު ސޮއިކުރި ރަމްޒީ އެއްބަސްވުމެއް ވެފައި ވެއެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖިއްދާއިން ރާއްޖެއަށް އައި "ސައޫދިޔާ އެއާލައިން" އަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. ފްލައިޓް ޖެއްސުމާއެކު "ވޯޓާ ސެލިއުޓް" ފެނުގެ ކުރުހީނެއް ދީފަ އެވެ. އަދި މި ބޯޓުން އައި މީހުންގެ ޝަރަފުގައި ބޮޑުބެރުގެ އައިޓަމެއްވެސް ބާއްވާފައިވެ އެވެ.

ރާއްޖެއަށް މިއަދު ދަތުރުތައް ފެށި ސައޫދިޔާ އެއާލައިނުން ސައޫދީ އަރަބިއާގެ ޖިއްދާ، ރިޔާދު އަދި މަދީނާ އަށް ހަފުތާއަކު ދެ ފްލައިޓް އޮޕަރޭޓް ކުރާނެ އެވެ. އަދި އެގައުމުގެ ދައްމާމަށް ރާއްޖޭގެ އެއާލައިންތަކުން ބޭނުން އަދަދަކަށް ފްލައިޓް އޮޕަރޭޓްކުރެވޭނެ އެވެ.

މިއަދު ރާއްޖެއަށް ދަތުރުފެށި ސައޫދީ އަރަބިއްޔާގެ ގައުމީ އެއާލައިނުން އެ ގައުމުގެ އެ އެއާލައިންގެ ޑިރެކްޓަރު ޖެނެރަލް ސާލަހް އަލް ޖަސަރު ވެސް ރާއްޖެ ވަޑައިގެންނެވި އެވެ.

އައިއެންއައިއޭ ވީއައިޕީ ލައުންޖުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ މި ދަތުރުތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން ބަދަހި ވެގެންދާނެ ކަމަށެވެ.

"މި ޕާޓްނާޝިޕްގެ ސަބަބުން މެދުއިރުމަތީގެ ގައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ،" އާދިލް ވިދާޅުވި އެވެ.