ސީއެމްޑީއޭ

ލަންކާގައި ހިއްސާ ވިއްކަން ދިވެހި ކުންފުނިތައް ޝައުގުވެރިވެއްޖެ

Mar 30, 2016

"ކޮލަމްބޯ ސްޓޮކް އެކްސްޗޭންޖް" ގައި ހިއްސާގެ މުއާމަލާތް ކުރުމަށް ދިވެހި ކުންފުނިތަކަށް ހުޅުވާލާފައިވާ ފުރުސަތުގައި ދިވެހި ދެތިން ކުންފުންޏަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭ އިން ބުނެފި އެވެ.

ސީއެމްޑީއޭގެ ޗީފް އެގްޒެކްޓިވް އޮފިސަރު އަހުމަދު ނަސީރު މިއަދު "އަވަސް" އަށް ވިދާޅުވީ ކޮމަލްބޯ ސްޓޮކް އެކްސްޗޭންޖްގައި ދިވެހި ކުންފުނިތަކަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ އަމިއްލަ 22 ކުންފުންޏެއްގެ 30 މަންދޫބަކު ބައިވެރިވި ކަމަށެވެ.

ނަސީރު ވިދާޅުވީ އެ ކުންފުނިތަކުގެ ތެރެއިން، ވަކި ވަކިން ބައްދަލުކޮށް އެކަމާ ގުޅޭ މައުލޫމާތު ސާފު ކުރި ކުންފުނިތަކުގެ ތެރެއިން ދެތިން ހަތަރު ކުންފުންޏަކުން އެކަމަށް ވަރަށް ސީރިއަސްކޮށް ޝައުގުވެރިވެ މައުލޫމާތުތައް ވަނީ އޮޅުން ފިލުވައިފަ އެވެ. އެވެ. އެ ކުންފުނިތަކުން ކޮލަމްބޯ އެކްސްޗޭންޖްހައި ލިސްޓް ކުރަން ބޭނުން ކަމުގެ ޝައުގުވެރިކަން ފާޅު ކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އިތުރު ކުންފުނިތަކުން ވެސް އެކަމަށް ޝައުގުވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނަސީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓް ކޮށްފައި ނެތް ކުންފުންޏަކުން ލަންކާގައި ލިސްޓް ކުރާ ނަމަ ތަންކޮޅެއް ޕްރޮސެސް ދިގުވާނެ އެވެ.

"މިހާރު ލިސްޓްކޮށްފައި ހުރި ކުންފުނިތަކަށް ފަސޭހަވާނެ. އެހެން ނަމަވެސް އަޅުގަނޑުމެން ބޮޑަށް މައުލޫމާތު މި ދިނީ ލިސްޓްކޮށްފައި ނެތް ޕްރައިވެޓް ކުންފުނިތަކަށް. އަސްލު ރާއްޖޭގައި މިކަމަށް އެހާ ޕޮޓެންޝަލް މާކެޓެއް ނެތް ނަމަވެސް ލަންކާ މާކެޓަށް ގޮސްގެން ކުންފުނިތަކަށް އެބަހުރި ކެޕިޓަލް ރެއިޒް ކުރެވެން. އެ ދޮރު އަޅުގަނޑުމެން މި ހުޅުވަދިނީ. ކުންފުންޏަކުން ލިސްޓެއް ކުރަން އަދި ވަގުތު ނަގާނެ. ވަގުތަކުން އެކަމެއް ނުވާނެ. އުންމީދު މި ކުރަނީ ގިނަ ދިވެހި ކުންފުނިތަކުން ލިސްޓް ކުރާނެ ކަމަށް،" ނަސީރު ވިދާޅުވި އެވެ.

ފޯރަމްގައި ބައިވެރިވި ކުންފުނިތަކަކީ، ޓޫރިޒަމާއި ކޮންސްޓްރަކްޝަން އަދި އެހެން ވެސް ބައެއް ދާއިރާތަކަށް ނިސްބަތްވާ ކުންފުނިތަކެވެ. މޮރިޝިއަސްގައި އިންވެސްޓް ކުރުމަށް ދިވެހި ކުންފުންޏަކުން ޝައުގުވެރިވި، އެ ކަމުގެ މަސައްކަތްތައް ވެސް މިހާރު ވަނީ ފަށައިގެންފަ އެވެ.

ނަސީރު ވިދާޅުވީ މޮރިޝިއަސްގެ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓް ކުރަން ބޭނުން ވެގެން ހުށަހެޅީ މިހާރު ވެސް ރާއްޖޭގައި ލިސްޓް ކޮށްފައި އޮތް ކުންފުންޏެއް ކަމަށެވެ. ރާއްޖޭގައި މިހާރު ހިއްސާ ގަނެ ވިއްކަނީ ހަތް ކުންފުންޏަކުންނެވެ. އެއީ އަމާނާ ތަކަފުލް، ބީއެމްއެލް، އެސްޓިއޯ، އެމްޓީސީސީ، އެޗްޑީއެފްސީ، ދިރާގު އަދި އެމްޓީޑީސީ އެވެ.

ލަންކާ އަދި މޮރިޝަސްގެ ސްޓޮކް އެކްސްޗޭންޖްތަކުގައި ސިންގަޕޫރު އަދި އޭޝިޔާގެ މުއްސަދި ގައުމުތަކުގެ ވިޔަފާރިވެރިން ޓްރޭޑް ކުރާ ކަމަށް ނަސީރު ވިދާޅުވި އެވެ. އޭގެ ސަބަބުން ދިވެހި ކުންފުނިތަކަށް ބޮޑެތި އަދަދުތަކުގެ ކެޕިޓަލް ހޯދުމަށް ރަނގަޅު ފުރުސަތުތަކެއް ހުޅުވޭނެ ކަމަށް ނަސީރު ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން މާލީ އެކި އިންސްޓްރޫމަންޓްތަކަށް ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖް ހުޅުވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.