ވިޔަފާރި

އައިފޯން އެސްއީ ޕްރިއޯޑާ ކުރުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފި

މިހާރު ދުނިޔޭގެ ބާޒާރުގައި އެންމެ ފަހުގެ ސްމާޓް ފޯނު ލިބެން ހުރި އަގުތަކަށްވުރެ ހެޔޮ އަގެއްގައި އައިފޯންގެ އެސްއީގެ ޕްރީ އޯޑަރަށް ދިރާގުން ހުޅުވާލައިފި އެވެ. ދިރާގުން ބުނީ އެންމެ 7،799 ރުފިޔާ އަށް އައިފޯން އެސްއީ ވިއްކަން ނިންމާފައިވާ ކަމަށެވެ.

އައިފޯން އެސްއީގެ 16 ޖީބީގެ ފޯނު އިންސްޓޯލްމަންޓަށް ގަންނަ ނަމަ ދައްކަން ޖެހޭނީ 3،999 ރުފިޔާ އެވެ. އަދި ބާކީ އަގު ފުރަހިމަ ކުރަން ޖެހޭނީ 12 މަސް ދުވަހަށް ބަހާލައިގެންނެވެ. އަދި އިންސްޓޯލްމަންޓަށް ނޫން ނަމަ ދައްކަން ޖެހޭނީ 7،799 ރުފިޔާ އެވެ.

އައިފޯން އެސްއީގެ 64 ޖީބީގެ ފޯނު އިންސްޓޯލްމަންޓަށް ގަންނަން 5،499 ރުފިޔާ ދައްކަން ޖެހޭއިރު އިންސްޓޯލްމަންޓަށް ނޫންނަމަ ދައްކަން ޖެހޭނީ 9،699 ރުފިޔާ އެވެ. އިންސްޓޯލްމަންޓަށް ފޯނު ގަންނަ ފަރާތްތަކަށް އަގު ފުރިހަމަ ކުރަން 12 މަސް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.

އިންސްޓޯލްމަންޓުގެ ދަށުން ފޯނު ދޫކުރާއިރު ހާއްސަ ޕޯސްޓްޕެއިޑް ޕްލޭނެއް ދިރާގުން ވަނީ ތައާރަފްކޮށްފަ އެވެ. އެޕްލޭންގެ ފަށުން ހާއްސަ ޕޯސްޓްޕެއިޑް ޕެކޭޖަކާއިއެކު އެސްއެމްއެސް އާއި، އެއް ޖީބީގެ ޑާޓާ އާއި 1500 މިނެޓުގެ ޓޯކްޓައިމް އެލަވަންސެއްގެ އިތުރުން ހިލޭ ގުޅޭ އެއް ނަންބަރުވެސް ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނީ ރެއިން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ހަ ވަނަ ދުވަހުން ފެށިގެން ޝަރުތު ހަމަވެ ފައިސާ ދައްކަވާ ފަރާތްތަކަށް ފޯންތައް ހަވާލުކުރަން ފަށާނެ ކަމަށެވެ. އެހެނިހެން ނެޓްވޯކްތަކުގެ ކަސްޓަމަރުންނަށްވެސް އެއް އަގުތަކެއްގައި ތަފާތު ކުރުމެއްނެތި ޕްރީ އޯޑަރު ކުރެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ އެންމެ ފަހުގެ ފޯން ތަކާއި ހިދުމަތްތައް ކަސްޓަމަރުންނަށް ވީހާވެސް އަވަހަކަށް، އެންމެ ހެޔޮއަގުގައި ފޯރުކޮށްދޭޏް ކަމަށާއި އައިފޯން އެސްއީގެ ޕްރީ އޯޑަރަށްވެސް ހުޅުވާލީ ދިރާގު ކަސްޓަމަރުނަކީ މި ފޯނު ލޯންޗް ވެގެންދާއިރު އެންމެ ފުރަތަމަ ފޯން ލިބޭ ކަސްޓަމަރުންގެ ގޮތުގައިވުމުގެ ފުރުސަތު ހޯދައިދޭން ކަމަށެވެ.