ޔޫއެން

ރެފިއުޖީ ކްރައިސިސް ހައްލު ކުރަން ދުނިޔެ އިސް ނަގަންޖެހޭ: ބާން

ސީރިޔާގެ ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ ރެފިއުޖީ ކްރައިސިސް އަށް ހައްލެއް ގެންނަން، ހުރިހާ ގައުމަކުން ނުވަތަ ބައިނަލް އަގްވާމީ ކޮމިއުނިޓީއިން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް އދ. ގެ ސެކެޓްރީ ޖެނެރަލް ބާން ކީ މޫން ވިދާޅުވެއްޖެ އެވެ.

ބާން ކީ މޫން މިހެން ވިދާޅުވީ ރެފިއުޖީ ކްރައިސިސްއާއި ގުޅިގެން ރެފިއުޖީންނަށް ރައްކާތެރި ދިރިއުޅުމެއް ހޯދައި ދިނުމުގެ މަގްސަދުގައި ބޭއްވި ކޮންފެރެންސެއްގަ އެވެ. ބާން ވިދާޅުވީ، މިހާރު ދުނިޔެއަށް ޖެހިފައިވާ ރެފިއުޖީ ކްރައިސިސްއަކީ ފަހަކަށް އައިސް ޖެހުނު އެންމެ ބޮޑު އެފަދަ ކްރައިސިސް ކަމަށެވެ. މީގެ އިތުރުން، މިކަމަށް ހައްލެއް ގެންނައުމުގެ ގޮތުން، ހުރިހާ ގައުމަކުން ވެސް އެއްކޮށް މަސައްކަތް ކޮށް އެއީ ސީރިޔަސް މައްސަލައެއް ކަމަށް ދެކި، ރެފިއުޖީއިންނަށް ރައްކާތެރި ދިރިއުޅޭނެ ތަނެއް ފޯރު ކޮށްދިނުމަކީ ގައުމަކުން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އދ. ގެ ރެފިއުޖީއިންނާބެހޭ އޭޖެންސީއިން ހާމަ ކުރާ ގޮތުގައި ސީރިޔާގެ ދާހިލީ ހަނގުރާމައިގެ ސަބަބުން 4.8 މިލިޔަން މީހުން ސީރިޔާ ދޫކޮށް އެކި ގައުމުތަކަށް ވަނީ ހިޖުރަ ކޮށްފައެވެ. އަދި ސީރިޔާގެ ތެރޭގައި ވެސް އިތުރު 6.6 މިލިޔަން މީހުންގެ ގެދޮރު ހަނގުރާމައިގެ ތެރޭ ވަނީ ގެއްލިފައެވެ.

ޖެނީވާ ކޮންފެރެންސްގެ މައިގަނޑު އަމާޒަކީ އެންމެ މަދުވެގެން 10 ޕަސެންޓް މީހުންނަށް އުޅެވޭނެ ތަނެއް ހޯދައިދިނުމެވެ.