ބޮލީވުޑް

"މެރި ޕިޔާރީ ބިންދޫ"ގެ ޝޫޓިން އަވަހަށް ފަށަނީ

Mar 31, 2016

ޒުވާން ދެ ތަރިން ކަމަށްވާ ޕަރިނީތީ ޗޯޕްޅާ އާއި އާޔުޝްމާން ކުރާނާ ލީޑްރޯލުން ފެނިގެންދާ ފިލްމު "މެރި ޕިޔާރީ ބިންދޫ"ގެ ޝޫޓިން ޝެޑިައުލްކުރެވިފައިވާ ތާރީހަށް ވުރެ ކުރިން ފަށަން ނިންމައިފި އެވެ.

ކުރިން މިފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި އޮތީ މެއި މަހުގެ ތެރޭގަ އެވެ. ނަމަވެސް މިހާރު މިފިލްމުގެ ޝޫޓިން އެޕްރީލްގައި ފަށާނެ ކަމަށް އާޔުޝްމާން ވަނީ ބުނެފަ އެވެ.

ފިލްމުގެ ޝޫޓިން ކުރިން ހަމަޖެހިފައި އޮތް ތާރީހަށް ވުރެން އަވަސްކުރި ސަބަބު އާޔުޝްމާން ހާމަނުކުރި ނަމަވެސް ބެލެވޭ ގޮތުގައި މިފިލްމަކީ ޔާޝް ރާޖް ބެނާސްގެ ދަށުން އުފައްދާ ފިލްމަކަށް ވުމުން، އަދިތްޔަ ޗޯޕްޅާ ޑައިރެކްޓްކުރާ "ބޭފިކްރޭ"ގެ ޝޫޓިން އާއެކު މިފިލްމުގެ ޝޫޓިން ވެސް ނިންމާލަން ބޭނުންވަނީ އެވެ.

މިފިލްމަކީ ބަތަލާ ޕަރިނީތީ ދެއަހަރުގެ މެދުކެނޑުމަކަށްފަހު ކުޅޭ ފިލްމެކެވެ. މިފިލްމުގެ އޭނާ ލަވަކިުންތެރިއެއްގެ ރޯލުން ފެނިގެންދާއިރު، މިފިލްމަށް އޭނާގެ އަޑުން ލަވައެއް ކިޔައިދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި އާޔުޝްމާން ފެނިގެންދާނީ ބެންގާލީ ފިރިހެނެއްގެ ރޯލުން ކަމަށް ވެސްވެ އެވެ.

"މެރި ޕިޔާރީ ބިންދޫ" އަކީ ލޯބީގެ ފިލްމެކެވެ. ޕެރިހުގައި ޝޫޓްކުރުމަށް ހަމަޖެހިފައިވާ މިފިލްމު ޕްރޮޑިއުސްކުރަނީ މަނީޝް ޝަރްމާ އެވެ. އަދި މިފިލްމު ޑައިރެކްޓުކުރަނީ މުޅިން އަލަށް ޑައިރެކްޝަން ގޮނޑީގައި އިށީންނަ އަކްޝޭ ރޯއި އެވެ.