ދުނިޔެ

ހާލިދާ ޒިއާ ހައްޔަރުކުރުމަށް އަމުރެއް ނެރެފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރާ ހާލިދާ ޒިޔާ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފި އެވެ. ހާލިދާ ހައްޔަރުކުރުމަށް މިއަދު އަމުރެއް ނެރެފައިމިވަނީ، މިދިޔަ އަހަރު އެ ގައުމުގައި ހިނގި ހަމަނުޖެހުމެއްގައި ހާލިދާގެ އަތެއްވާ ކަމަށް ތުހުމަތުުކޮށްފަ އެވެ.

ހާލިދާގެ އިތުރުން އެކަމަނާގެ ޕާޓީ "ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ"ގެ އިސް 27 ލީޑަރު ހައްޔަރުކުރުމަށް ވެސް ވަނީ އަމރު ނެރެފަ އެވެ. އިދިކޮޅު ޕާޓީގެ އިސް ލީޑަރުން ހައްޔަރުކުރުމަށް މި އަމުރުތައް ނެރެފައިވަނީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެ ޕާޓީ ބޭއްވި މުޒާހަރާއެއްގެ ތެރޭގައި ބަހެއްގައި ބޮމެއް ގޮވި މައްސަލާގަ އެވެ. އެ ބަހުގައި ބޮން ގޮވުމުގެ ސަބަބުން 120 މީހުން މަރުވެ، އެތައް ސަތޭކަ ބައެއް ޒަހަމްވެފައިވެ އެވެ.

އެގައުމުގެ ޕަބްލިކް ޕްރޮސެކިއުޓާ ޝާހް އާލަމް ވިދާޅުވެފައިވަނީ އެމީހުން ހައްޔަރުކުރުމަށް ކޯޓު އަމުރު ނެރުނީ، ދައުވާ އުފުލާ އެ މައްސަލަ ކޯޓުން ބަލައިގަތުމުން ކަމަށެވެ.

މިކަމާ ގުޅިގެން ހާލިދާ އަދި އެއްވެސް އެއްޗެއް ވިދާޅުބެފައިނުވާއިރު ގައުމުގެ މިހާރުގެ ބޮޑު ވަޒީރު ސޭހް ހަސީނާ އާއި ހާލިދާގެ ވާދަވެރިކަން މިހާރު ވަނީ ވަރަށް ބޮޑުވެފަ އެވެ. ހާލިދާ އިސްނަގައިގެން މިދިޔަ އަހަރު ކުރި އެ މުޒާހަރާއަކީ ވެސް ހަސީނާގެ ސަރުކާރާ ދެކޮޅަށް ސަރުކާރު ވައްޓާލުމުގެ މަގުސަދުގައި ކުރި މުޒާހަރާއެކެވެ.