ފިނިޕޭޖް

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލެއް ބާއްވަނީ

"ފޮލޮވިން ދަ އީކުއޭޓަރ" ނަމުގައި އިންޓަނޭޝަންލް ފިލްމް ފެސްޓިވަލް އެއް ބާއްވަން އިރުފުށި މޯލްޑިވްސް އިން ނިންމައިފި އެވެ. މި އިވެންޓް އޮންނާނީ އަންނަ ޖުލައި މަހު 10 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހަށެވެ.

މޫކައި ހޮޓަލްސް ގައި މިއަދު ބޭއްވި ޕްރެސް ކޮންފަރަންސް އެއްގައި، އިރުފުށި މޯލްޑިވްސްގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރު އިވްޖީނިއާ ބޮޔަންކޮވަ ވިދާޅުވީ މިއީ ޔޫރަޕާއި އޭޝިއާގެ ފިލްމް ފެސްޓިވަލްތަކާއި ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އިންޓަނޭޝަނަލް ފިލްމް ފެސިޓިވަލް ކަމަށެވެ. އަދި މިފަދަ ފެސްޓިވަލް އެއް ބާއްވަނީ ރާއްޖޭގެ ސަގާފަތާއި ދިރުއުޅުން ބައިނަލްލަގުވާމީ މާކެޓުތަކަށް ދައްކުވައިދޭން މިކަމަށް ޝައުގުވެރިވާ ދިވެހި ފިލްމް ހަދާ ފަރާތްތަކަށް ފުރުސަތުތަކެއް ހޯދައި ދިނުމަށް ކަމަށާއި އަދި ދިވެހި ފިލްމް ހަދާ ފަރާތްތަކަށް ބައިނަލްލަގުވާމީ ފެންވަރުގައި ވާދަ ކުރުމަށް މަގުފަހި ކޮށްދިނުން ކަމަށެވެ.

"މިހާރު ވީޑިއޯ ހަދާލެވޭނެ ކޮންމެ މީހަކަށް ފޯނަކުން ވެސް. ކޮންމެހެން ޕްރޮފެޝަނަލް މީހަކަށް ވާކަށް ނުޖެހޭނެ މީގަ ބައިވެރިވާން. އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް ގިނަ ބަޔަކު އެގޮތަށް ވީޑިއޯތައް އެއްކޮށްގެން އަޅުގަނޑުމެންނާއި ހިއްސާ ކުރަން. އަދި ވަނަ އެއް މި ފެސްޓިވަލްގައި ހޯދުން،" އިވްޖީނިއާ ވިދާޅުވި އެވެ.

ފޮލޮވިން ދަ އީކުއޭޓާ އަށް ހުށެހެޅޭ ވީޑިއޯތަކުގެ ތެރެއިން އެނިމޭޝަންއާ، ޑޮކިއުމެންޓްރީ، ކްލިޕް އަދި ފީޗާ ފިލްމްގެ އިތުރުން އެއް މިނެޓުގެ ކުރު ފިލްމް ވެސް ހިމެނެއެވެ. އިވްޖީނިއާ ވިދާޅުވީ މި ފިލްމް ފެސްޓިވަލްގައި ކޮންމެ މީހަކަށް ވެސް ބައިވެރިވާ ފުރުސަތު އޮތް ކަމަށާއި އެފަރާތްތަށް ހުށަހަޅައި ފިލްމްތަކުގައި ހުންނަން ޖެހޭނީ އެއް މިނެޓާއި 13 މިނެޓުގެ ދިގުމިނެއްގައި ކަމަށެވެ.

މި ފެސްޓިވަލް ބާއްވަން ސަން ޝިޔާމް އިރުފުށި މޯލްޑިވްސްގެ އިތުރުން ބައިވެރިވާ އެމްއެމްޕީއާރްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ، މި ފެސްޓިވަލްގެ ވާހަކަ ނިމިގެން ދިޔަ އައިޓީބީ ފެއާގައި ވެސް ދައްކާފައިވާނެ ކަމަށާއި އަދި ބައިނަލްލަގުވާމީ ގޮތުންނާއި ރާއްޖޭގައި މި ޕްރޮމޯޓު ކުރުމަށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

މި ފެސްޓިވަލް ގައި ރާއްޖޭގެ އިތުރުން ރަޝިޔާ، ފިން ލޭންޑް، ސްޕެއިން، ގްރީސް، ފްރާންސް، ޔޫކޭ، މިޑިލް އީސްޓް، ޗައިނާގެ އިތުރުން އިޓަލީވެސް ބައިވެރިވެ އެވެ. އަދި މި ފެސްޓިވަލްގައި ބޭރުގެ ތަރިން ވެސް ބައިވެރި ވާނެ އެވެ.