މޯލްޑިވިއަން އައިޑޮލްގެ ޖަޖު، އައްމަޑޭ ބުނަނީ ކީކޭކަން އެންމެނަށް ވެސް އެނގެ އެވެ. ލުކްސް ވަރަށް މުހިންމު ވާހަކަ އެވެ. ފެޝަން ޑިޒައިނަރުންނާއި ސްޓައިލިސްޓުންނާއި ފަހާ މީހުން މި ޝޯއަކަށް މުހިންމުވެގެންދާ އެއް ސަބަބަކީ ވެސް މިއީ އެވެ.
އާޓިސްޓެއް ނަމަ ގޮތެއް ހުންނަން ޖެހޭނެ އެވެ. އެ ގޮތްގަނޑު ދައްކުވައިދޭން ތަންކޮޅެއް ޕްރޮފެޝަނަލް އެހީ ވެސް އެބަ ބޭނުންވެ އެވެ. ކޮންމެއަކަސް ޕީއެސްއެމް އިން މޯލްޑިއަން އައިޑޮލްގެ "ލުކްސް" ފުރިހަމަކުރުމަށް ނަގާފައިވާ ފެހުންތެރިންނާއި ޑިޒައިނަރުންނަކީ ޔަގީނަށް ވެސް މިވަގުތަށް މާލެއިން ހޮވާލެވެން ތިބި އެންމެ ހުނަރުވެރި ނަންތަކެވެ.
އެމީހުންގެ ހުނަރުވެރިކަމުގައި ހުރި އާދަޔާހިލާފުކަމެއް އެ ގެންދަނީ ޕިއާނޯ ރައުންޑާ ހަމައިން އަހަރެމެން އެންމެނަށް ދައްކަމުންނެވެ. ތިން ޖަޖުންނާއި ޝޯގެ ދެ ހޯސްޓުން އަދި ޕިއާނޯ ރައުންޑުން ފެށިގެން ޝޯގައި ލަވަ ހުށަހަޅައިދެމުން އަންނަ ބައިވެރިންނާއި އެހިސާބުން ފެށިގެން ޝޯއާ ވަކިވި ކުދިން ވެސް ތިއްތިކުރުމުގައި އެންމެ މުހިންމު ރޯލެއް ކުޅެފައި ވަނީ ޝޯގެ ފެޝަން ޑިޒައިނަރުންނެވެ.
އެއީ މަޝްހޫރު ފެހުންތެރިޔާ އަދި ޑިޒައިނަރު ޖާދުﷲ އިސްމާއިލް (ޖާދު) އާއި ރަޒީނާ ތައުފީގް (ރަޒީ) އަދި ގިނަ ބައެއްގެ މެދުގައި މިފަހުން ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ޑިޒައިނަރު ސެރިން މަންސޫރެވެ. މި ތިން ޑިޒައިނަރުންނަކީ ޖުމްލަ ގޮތެއްގައި ޝޯގެ ޖަޖުންނާއި ޕްރެޒެންޓަރުން އަދި ލަވަކިޔުންތެރިންގެ ހެދުންތައް ފަރުމާކޮށް ފެހުމުގައި އިސްކޮށް އުޅޭ ފަރާތްތަކެވެ.
އެންމެ ބުރަކޮށް އުޅެނީ ޖާދު!
މިއީ ދިވެހި ސިނަމާ އަށް ޝައުގުވެރިވާ މީހުންނާ ވެސް ރައްޓެހި މޫނެކެވެ. ވަރަށް ގިނަ ފިލްމުތަކާއި ލަވަތަކަށް އަދި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކަށް އަބަދުވެސް ކޮސްޓިއުމް ތައްޔާރުކޮށްދޭ އެންމެ އިސް މީހާ އެވެ.
ފެހުންތެރިއެއްގެ ގޮތުގައި އަދި ހެދުންތައް ޑިޒައިންކުރުމުގެ އިތުރުން ޖުމްލަ ގޮތެއްގައި މި ވިޔަފާރީގައި އަދި މަސައްކަތުގައި ޖާދުގެ ތަޖުރިބާ ވަރަށް ވެސް ބޮޑެވެ. އޭނާ މި ދާއިރާގައި ފޫހިކަމެއް ނެތި މަސައްކަތްކުރާތާ 19 އަހަރުވީ އެވެ. ޔަގީނަށް ވެސް ތައުރީފު ހައްގެވެ!!
"ސްކޫލް ނިންމާލާފައި ސިފައިންގެ ބޭންޑްގައި މަސައްކަތްކުރަމުން ދިޔައީ އެންމެ ފުރަތަމަ އަޅުގަނޑު. އެއަށް ފަހު އަމިއްލަ ވިޔަފާރިއެއް ފަށަން ވެގެން ވެގެން ފަހާތަނެއް ހުޅުވީ. އެކަމަކު ފެޝަން ޑިޒައިން އާއި މިކަހަލަ އެއްވެސް ކަމަކަށް ޝައުގެއް ނުހުރޭ އޭރަކު،" އައިޑޮލްއާ އެކު ފެހުމާއި ޑިޒައިންކުރުމުގައި އާ އުސްމިނަކަށް އަރައިގެން ދިއުމުގެ މާ ކުރިން އުޅުނު ގޮތުގެ ވާހަކައިން ފަށައިގަންނަމުން ޖާދު ބުންޏެވެ.
އެންމެފަހުން އޭނާ މޮޅު ފެހުންތެރިޔަކަށް އަދި ހެދުން ޑިޒައިންކުރާ މީހާކަށް ބަދަލުކޮށްލި ގޮތް އެނގޭ ހެއްޔެވެ؟ އެހުރިހާ ހުނަރެއްވީ އޭނާގެ އެތެރެހަށީގައި ފޮރުވިފަ އެވެ. އެންމެފަހުން ފަހާ މީހަކަށް ޖާދު ބަދަލުކޮށްލީ ހިންގަމުން ދިޔަ ފަހާތަނުގައި ހުރި ބޭރު މީހާ ފުރައިގެން ދިއުމުން އަމިއްލަ އަށް ފަހަން މަޖުބޫރުވި ހިސާބުންނެވެ.
އެހިސާބުން ފެށިގެން މިއަދާ ހަމަ އަށް އޭނާ އުޅެނީ ވަރަށް ވެސް އަވަދިނެތި އެވެ. އަދި ވަކިން ހާއްސަކޮށް މޯލްޑިވިއަން އައިޑޮލްގައި އޭނާ އަކީ އެންމެ ބުރަކޮށް މަސައްކަތްކުރަމުން އަންނަ އެއް ޑިޒައިނަރެވެ.
ޖާދުގެ ހެދުންތައް ޝޯގައި ދައްކާލާ ފަރާތްތަކުގެ ތެރޭގައި:
- ޖަޖު އައްމަޑޭ
- ޖަޖު ކުޑަ އިއްބެ
- އިޝާން
- އަޒްލީމާ
- ރިހާނީ
- ނަޒީހް
މި ހުރިހާ މަސައްކަތްތަކެއް ކުރަމުން އަންނައިރު އޭނާ މި ދުވަސްކޮޅު އައިޑޮލްގެ މަސައްކަތް ނޫން އިތުރު މަސައްކަތަކާ ހަވާލެއް ވެސް ނުވެ އެވެ. އަދި ޖާދު ބުނަނީ މިއީ އޭނާގެ ކެރިއަރުގެ އެންމެ ފަހުރުވެރި ހިސާބު ކަމަށެވެ.
"މޯލްޑިވިއަން އައިޑޮލް އަކީ އަޅުގަނޑުގެ މި 19 އަހަރުވީ މަސައްކަތުގައި ލިބުނު އެންމެ ބޮޑު ކުރިއެރުމޭ ބުނެވިދާނެ،" ޖާދު ބުންޏެވެ.
އެއަށް ފަހު އޭނާ ބުނީ އަމާޒުވާ ފާޑުކިޔުންތައް ބަލައިގަންނަނީ ކުރިއެރުމެއްގެ ގޮތުގައި ކަމަށެވެ. އޭނާ ބުނީ އައިޑޮލް ޝޯ އަށް ހާއްސަކޮށްގެން ބެޑްޝީޓް ފޮތިން ފެހި ހެދުންތަކަކަށް ބަޔަކު މީހުން ޖޯކު ޖެހިޔަސް އެކަމަކާ ލަދެއް ނުގަންނަ ކަމަށެވެ.
"އަސްލު ހަގީގަތަށް ބުނާ ނަމަ ފާޑުކިޔުމަކީ ކުރިއެރުމެއް. މިހައި ހިސާބަށް އައިއިރު ވަރަށް ބައިވަރު ފާޑުކިޔުން ލިބި މި ކަމުގައި އެހީތެރިވެދޭ މީހުން ވެސް އެބަތިބި،" ޖާދު ބުންޏެވެ.
"ފާޑުކިޔުންތަކަށް ބަލާއިރު ބެޑްޝީޓް އައިޑޮލްއޭ ކިޔައިގެން އުޅުނު މިދޭތެރެއަކުން. ހަގީގަތަކީ ބެޓްޝީޓުން އެގޮތަށް ހެދުންތައް ފަހަން ފެއްޓީ ޖާދު. އެކަމަކާ ލަދުގަންނާކަށް ނުޖެހޭ. ހަގީގަތުގައި އެ ފެންނަނީ މީހާގެ މޮޅުކަން. އަމިއްލަ އަށް މޮޅޭ ބުނަނީކީއެއް ނޫން."
"އެކަމަކު ކޮންމެ އެއްޗެއް ބޭނުންކޮށްގެން ވެސް އެމީހެއްގެ ޓެލެންޓް ދެއްކިދާނެކަން ސާބިތުކޮށްދެނީ. އަޅުގަނޑު ހުންނާނެ ކުޝަން ފޮތި ބޭނުންކޮށްގެން ވެސް ހެދުން ފަހައި ދީފައި އައިޑޮލް އަށް. ބައެއް މީހުން ހުންނާނެ ގޯނިން ވެސް ހެދުން ލައްވާފައި. ދެން ހަމަ ގޯނި އައިޑޮލް ވެސް ކިޔަންވީތާ."
"އެކަމަކު އެގޮތަކަށް ނޫން އެކަންތައް ބަލައިގަންނަންވީ. މީހެއްގެ ގައިގައި ހުންނަ ހުނަރެއްގެ ގޮތުގައި."
ރަޒީގެ މުޅިން އާ ސްޓައިލްތަކެއް!
މަޝްހޫރު ފެހުންތެރިޔާ އަދި ޑިޒައިނަރު ރަޒީނާ ތައުފީގު ބުނަނީ މިހެންނެވެ. ކުރިން އޭނާ އަކީ ވެޑިން ޑްރެސްތަކަށް މަޝްހޫރު ނަމެކެވެ. ނަމަވެސް މޯލްޑިވިއަން އައިޑޮލް އިން ލިބުނު ފުރުސަތާ އެކު އޭނާ މި ވަނީ މުޅިން އަލަށް ކަހަލަ ގޮތަކަށް ފިރިހެނުންނަށް ހާއްސަކޮށްގެން ޑިޒައިންކޮށް ފަހަައިދޭން ފަށައިފަ އެވެ.
ރަޒީގެ ހެދުން އަޅަނީ:
- ހޯސްޓް މޫސާ ވަސީމް
- ފާލިހް
- މުއައްޒިން
ރަޒީ ބުނީ ގާތްގަނޑަކަށް މުޅިން އަލަށް ކަހަލަ ގޮތަކަށް ފިރިހެނުންނަށް ހެދުންތަކެއް ތައްޔާރުކޮށްދޭން ޖެހުމުންނާއި އައިޑޮލްގެ މުޅި ތަޖުރިބާއާ ގުޅިގެން ގިނަ އެއްޗެހިތަކެއް ދަސްވެއްޖެ ކަމަށެވެ.
"ފިރިހެން އެއްޗެހި އަޅުގަނޑު މިގޮތަށް ފަހައެއް ވެސް ނޫޅެން. އެކަމަކު މި ދުވަސްކޮޅު ފިރިހެން ކުދިންގެ ސްޓައިލްތައް ވަރަށް ހޯދައި ބަލަން އެބަޖެހޭ،" ކުރިއަށް އޮތް ޝޯތަކުގައި ތަފާތު ދައްކާލާނެ ކަމަށް ބުނެ ވާހަކަ ދައްކަމުން ރަޒީ ބުންޏެވެ.
އޭނާ ވެސް ބުނީ ފާޑުކިޔުން ބަލައިގަންނަނީ ހިތުގެ ފުންމިނުން ކަމަށެވެ.
"ކޮންމެ ފާޑުކިޔުމެއް ވެސް ބަލައިގަންނާނަން އަޅުގަނޑު. އެއީ އަޅުގަނޑު ބަލަނީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއްގެ ގޮތުގައި. ވަރަށް ގާތުން ފާޑުކިޔުންތައް ބަލައިގަންނަން އަޅުގަނޑު،" ރަޒީ ބުންޏެވެ.
ރަޒީގެ ވާހަކަ ހެދުން ފެހުމާއި ފެޝަންއާ ގުޅޭ ހިސާބަކީ ނަރުހަކަށް ވާން ކުރި މަސައްކަތް ނާކާމިޔާބުވި ހިސާބުންނެވެ. އެއީ 2001 ވަނަ އަހަރެވެ.
އޭރު ލިބޭ ހުސް ވަގުތުތަކުގައި އޭނާގެ ކަމަކީ ފައިވާންތަކުގައި އެސް ހަރުކޮށްގެން ޖަރީކުރުމެވެ. އޭރު ވަޒީފާ އަށް ދަނީ ވެސް އަމިއްލަ ދެ އަތުން ކަނޑައިގެން ފަހައިގެން ޖަރީކޮށްފައިވާ ހެދުންތައް ލައިގެން ފައިވާނަށް އަރައިގެންނެވެ.
"އެކުގައި ޖޮބްގައި އުޅޭ މީހުން ވެސް ދެން ބުނަން ފެށީ ތިއީ މާ ރަނގަޅު ކަމެއް ނޫން ހެއްޔޭ ކުރަން،" ފެހުންތެރިޔަކަށް ވުމަށް މީހުން ހިތްވަރުދިން ގޮތް އޭނާ ހިއްސާކުރީ މިހެންނެވެ.
އެހިސާބުން އޭނާގެ ހިޔާލު ބަދަލުވީ އެވެ. ލިބުނު މުސާރަ އަށް އޭނާ އެންމެ ފުރަތަމަ ވެސް ގަތީ ފަހާ ފޮއްޓެކެވެ. ޖެނޮމް ބްރޭންޑްގެ އެ ފަހާފޮށި އޭނާގެ މިލްކަކަށް ހެދީ 2،500ރ. އަށެވެ.
ރަޒީގެ ފެށުން އަދި ތަރި އަރައިގެން ދިޔަގޮތަކީ މިއީ އެވެ.
ކުރިން މަޝްހޫރު ޓީޗަރެއް، މިހާރު މަގްބޫލު ޑިޒައިނަރެއް
މިއީ ޗެއިންގެ ވާހަކަ ފެށޭ ހިސާބެވެ. ނުވަތަ ސެރިން މަންސޫރު އެވެ. ގިނަ ބަޔަކު އޭނާ ދަންނަނީ ޗެއިންގެ ނަމުންނެވެ. އެއީ އޭނާގެ ހެދުންތަކުގެ ބްރޭންޑް ނަން ވެސްމެ އެވެ.
ސެރިންގެ މި ދަތުރަށް އަދި މާ ގިނަ ދުވަސްތަކެއް ނުވެ އެވެ. އޭނާގެ ބޭންޑް ރަސްމީކޮށް ލޯންޗުކުރީ މިދިޔަ އަހަރުގެ ބްރައިޑް ފެއާގަ އެވެ. އެހިސާބުން ރަސްމީކޮށް ފެޝަންގެ ދުނިޔެ އަށް ވަދެ ހަމަޖެހިލީ އެވެ.
އެކަމަކު އެނގޭ ހެއްޔެވެ؟ ޝޯގެ ފެވަރިޓެއް ކަމަށްވާ ލައިޝާ ޖުނައިދު ފަދަ ލަވަކިޔުންތެރިންނަށް އާދަޔާހިލާފަށް ހިތްގައިމު ހެދުންތައް ޑިޒައިންކޮށް އެތައް ބައެއް ތައުރީފު ހޯދަމުން އަންނަ ޗެއިން އަކީ ކުރިން ޓީޗަރެކެވެ. އާޓް އަދި ހިސާބު މާއްދާގެ ޓީޗަރެކެވެ. ޖަމާލުއްދީން ސްކޫލާއި ހިރިޔާގައި ވެސް ފަހުން މަސައްކަތްކުރި އެވެ.
އެހެންވީމަ ފެޝަން ޑިޒައިނަރަކަށް އޭނާ ބަދަލުކޮށްލި ގޮތް އެނގޭ ހެއްޔެވެ؟ ކުއްޖަކު ލިބުނު ހިސާބެވެ.
"ކުއްޖަކު ލިބިގެން ވަޒީފާ އިން ކެނޑިގެން ގޭގައި މަޑުކޮށްލާފައި ކަމެއް ފަށަން މި މަސައްކަތް ފެށީ،" ޗެއިން ކިޔައިދިނެވެ.
އޭނާ ބުނީ ކުރިން ޓީވީއެމް އާއި އެހެން ޗެނަލްތަކުގެ ޝޯތަކެއްގައި މަސައްކަތްކޮށްފައިވީ ނަމަވެސް އައިޑޮލްގެ ތަޖުރިބާ މުޅިން ވެސް ތަފާތު ކަމަށެވެ.
"އަސްލު ހީކުރިވަރާ ވަރަށް ތަފާތު. މީގެ ކުރިން އަޅުގަނޑު ހުންނާނެ އެހަނދާން އަދި އެހެން ލަވަ ޝޯތަކުގައި ވެސް މަސައްކަތްކޮށްލާފައި. އެހެންވީމަ ހީކުރެވިފައި އޮތީ އެކަހަލަ ގޮތަކަށޭ މި ޝޯގައި ވެސް އެބައި ކުރިއަށްދާނީ. އެކަމަކު ކޮންމެ ހަފުތާއަކު މި ޖެހެނީ މުޅިން އާ ހެދުމަކާ އެކު ތައްޔާރުވާން،" ޗެއިން ކިޔައިދިނެވެ.
"ވަރަށް ތަފާތު، ވަރަށް ޗެލެންޖިން. ވަަރަށް މަޖާ ވެސް މެ މިކަންތައް. އަދި ވަރަށް ބައިވަރު ވިސްނުންތަކެއް ވެސް ގެންގުޅެން ޖެހޭ. މިސާލަކަށް މިވެނި ކުއްޖަކާ މި ހެދުމެއް ގުޅޭނެއޭ ކިޔާފައި އެ ހިސާބުން އަދި ނިންމާލެވޭކަށް ނޯވޭ މީގައި."
އޭނާ ބުނީ ފާޑުކިޔުން އަމާޒުވިޔަސް ސީދާ އެންމެން ބޭނުންވާ ގޮތަކަށް ހުރިހާ ކަމެއް ނުކުރެވޭނެ ކަމަށެވެ.
"ވަރަށް ގިނަ މީހުންގެ ފާޑުކިޔުން އާދޭ. އަސްލު މިއީ ވަރަށް ޗެލެންޖިން ކަމެއް. ޕަބްލިކް ވެސް ވަރަށް ބޮޑު އެއްޗެއް އެކްސްޕެކްޓްކުރާކަން އަޅުގަނޑުމެންނަށް އެނގޭ. އެކަމަކު މީގައި ބަލަން ޖެހޭ ކުއްޖާ އަށް ވެސް އެންމެ ކަމުދަނީ ކޮން ކަހަލަ ހެދުންތަކެއްތޯ ވެސް،" ޗެއިން ބުންޏެވެ.
"މީހުން ބުނޭ މިވެނި ގޮތަކަށް ނަހަދަނީ ކީއްވެގެން ހެއްޔޭ ވެސް. ބައެއް ފަހަރަށް ހީވޭ ޑިޒައިނަރުން ވަރަށް ގިނައޭ ރާއްޖޭގައި. އެކަމަކު ބަލާލަން ބޭނުން ވަނީ ކުއްޖާ އަށް ފަސޭހަ އަދި ޕީއެސްއެމް އަށް ކަމުދާ ގޮތް. ހަމައެކަނި ސީދާ ޑިޒައިންތަކެއް ވެސް ނެރެނީކީއެއް ނޫން."
"ދެން ބުނެލަން ބޭނުންވަނީ މިއީ ލަވަކިޔުމުގެ މުބާރާތެކޭ. އެއްގޮތަކަށް ވެސް ފެޝަން ޝޯއެއް ނޫނޭ. ހަމައެކަނި ހެދުންތައް ޝޯކޭސްކުރާ ޝޯއެއް ނޫނޭ. އެކަމަކު އެނގޭ ހަމައެކަނި ހެދުންތައް ބަލައިލަން ބޭނުންވާ މީހުން ވެސް މި ޝޯ ބަލާކަން."