މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) އިން ކުރިއަށް ގެންދާ ފިލްމް އެވޯޑްސް ބާއްވަައި ހިންގައިދޭން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ހަވާލުކޮށްފި އެވެ.
ޕީއެސްއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓާ އައިމިނަތު ޝާޔަން ޝާހިދެވެ. އަދި އެމްއެފްއޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ޗެއާ ޕާސަން މުހައްމަދު އަބުދުﷲ (މުހަންމާ) އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެމުން ޝާޔަން ވިދާޅުވީ ފިލްމީ ދާއިރާ ކުރިއަރުވަން މީގެކުރިން ވެސް މިފަދަ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާނެ ކަމަށާއި މިއީ އެ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށެވެ. ފިލްމީ ދާއިރާ ކުރިއެރުވުމަކީ ޕީއެސްއެމްގެ މަގްސަދެއް ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް މިފަދަ އެއްބަސްވުންތަކުގައި ސޮއިކުރަން ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޕީއެސްއެމުން ބޭނުންވަނީ ކެމެރާގެ ފަހަތުގައި ތިބި ފަރާތްތައް ވެސް ކުރިއަރުވައިދޭން އެފަދަ އެފަރާތްތަކަށް ޓްރެއިނިން ދޭން ޕީއެސްއެމުން ނިންމާފައިވާ ކަމަށް އިޝާރާތް ކުރައްވާ ޝާޔަން ވިދާޅުވީ ދެން އެންމެ އަވަހަށް އެމްއެފްއޭ އާއެކު ސޮއިކުރާ އެއްބަސްވުންތަކުން ސަޕްރައިޒެއް ލިބޭނެ ކަމަށެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުހައްމަދު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ. އަދި ޕީއެސްއެމާއި ގުޅިގެން ޕްރޮޑިއުސަރުން ބޭނުންވާ ކަހަލަ ރީތި އަދި ހުނަރުވެރި ތަރިން މި ދާއިރާއަށް ނެރެން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ދެން ކުރެވޭ އެއްބަސްވުމުގެ ދަށުން މިފަދަ ތަރިން ނެރެވޭނެ މުބާރާތެއްގެ މަސައްކަތް ކުރާނެ ކަމަށްވެސް މުހައްމަދު ވިދާޅުވި އެވެ. އަދި އެ ޝޯ އަކީ މިހާރު ޕީއެސްއެމުން ކުރިއަށް ގެންދާ މޯލްޑިވިއަން އައިޑޮލް ކަހަލަ ވަރުގަދަ ޝޯ އަކަށް ހަދަން މަސައްކަތް ކުރާނެ ކަމަށެވެ.
އެމްއެފްއޭ އިން މީ ގެކުރިން ފިލްމް އެވޯޑްސް ދެމުން ދިޔައީ ހައި ރައިޒް އާއި ގުޅިގެންނެވެ. މިއީ ދިވެހި ފިލްމީ ދާއިރާގައި މަގުބޫލު އެވޯޑެކެވެ.