ވިޔަފާރި

ކުންފުންޏާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅަން މިނިސްޓްރީން ތައްޔާރުވެއްޖެ

ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކޮށްދޭން ވިޔަފާރިއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅަން އިކޮނޮމިކް މިނިސްޓްރީން ހާއްސަ ވޯކްޝޮޕެއް ފަށައިފި އެވެ.

މި ވޯކްޝޮޕް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން އިމްނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކޮށްދީ، ބޭރު ގައުމުތަކުގައި ވިޔަފާރީގެ ކަންކަން ދިރާސާ ކުރާ ފަރާތްތަކުގެ ލަފަޔާއި އެއްގޮތަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުންފުންޏާބެހޭ ގާނޫނު އިސްލާހު ވެގެން އަންނަ އިރު ވިޔަފާރި ޕާޓްނަރުންގެ މަސައްކަތްތައް މޮބިލައިޒް ކުރެވޭ ގޮތަށް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ވިޔަފާރިއާބެހޭ އޮޑިޓެއް ވަރަށް ފަހުން ކޮށްފައިވާނެ ކަމަށާއި ފަސޭހަތަކެއް ގެނެވޭނީ ކޮންކޮން ނަތީޖާތަކެއް ނެރެގެންތޯ ބަލަން ދިރާސާ ވެސް ކޮށްފައިވާނެ ކަމަށެވެ.

މީގެ އިތުރުން މިިނިސްޓަރު ވިދާޅުވީ މިނިސްޓްރީން ދޭ ހިދުމަތްތައް މިހާރު އައުޓްސޯސް ކުރެވިދާނެތޯ ބަލަމުން އަންނަ ކަމަށާއި ފޮރިން އިންވެސްޓާއި ބެހޭ އާ ގާނޫނެއްގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

ލޯ ފާމް ތަކުގައި އަދި ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ 10 ވަރަކަށް ގާނޫނީ ވަކީލުންނާއި، އެކައުންޓެންޓުން އަދި ވިޔަފާރީގެ ދާއިރާގައި ފަންނީ ހިދުމަތްދޭ ފަރާތްތަކާއެކު ފެށި ވޯކްޝޮޕްގައި ގާނޫނުގައި އިސްލާޙު ކުރަންޖެހޭ ކަންތައްތަކަކީ ކޮބައިތޯ ބަލާނެ އެވެ. އަދި ފާއިތުވެދިޔަ 20 އަހަރުގެ ތަޖުރިބާއަށް ބަލައި އިސްލާހު ކުރަންޖެހޭ ކަންކަން ދެނެގަންނާނެ އެވެ.

ކުންފުނިތަކުގެ ރަޖިސްޓްރާ މަރިޔަމް ވިސާމް މިއަދު ވިދާޅުވީ ފާއިތުވި 20 އަހަރުގެ ތަޖުރިބާއަށް ބަލާފައި އިސްލާހު ކުރަންޖެހޭ ކަންތައްތަކަކީ ކޮބައިތޯ ބެލައި ގާނޫނަށް އިސްލާހު ހުށަހެޅުމުގެ މަސައްކަތް ކުރާތާ މިހާރު ދޮޅު އަހަރު ވެއްޖެ ކަމަށާއި ނޫނަށް އިސްލާހު ހުށަހެޅުމުގައި ބަލާފައި ހުންނާނީ ކުންފުނި އުފެދުމާއި ކުންފުނިން ދާއިމީ ގޮތެއްގައި ރަޖިސްޓްރީ ކުރުމާއެކު ފުރިހަމަ ކުރަންޖެހޭ ކަންތައް އިތުރުން ކުންފުނި އުވާލުމުގައި އަމަލު ކުރަންޖެހޭ ކަންތައްތަކަށް ކަމަށެވެ.

"މިގާނޫނަށް އިސްލާޙު ހުށަހެޅުމުގެ މަގްސަދު ތަކުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކުރާ ކުންފުނިތަކުގެ ތެރޭގައި އެކި ބާވަތްތަކުގެ ކުންފުނިތައް އުފެއްދުން. އޭގެ ތެރޭގައި ލިމިޓެޑް ލައިބިލިޓީ ކުންފުނިތައް އުފެއްދުމާއި އަންލިމިޓެޑް ލައިބިލިޓީ ކުންފުނިތައް ހިމެނޭ،" އޭނާ ވިދާޅުވި އެވެ. "އޭގެ އިތުރުން މިހާރު އަމަލުކުރަމުންދާ ކުންފުނިތަކާ ބެހޭ ގާނޫނަށް ބަލާއިރުގައި ޕްރައިވެޓް ކުންފުންޏަކުން ދަރަންޏަށް ފައިސާ ހޯދުމުގައި ދަތިތައް އެބަހުރި. ޕަބްލިކް ކުންފުނިތަކުގައިވެސް. އަދި ޒަމާނުއްސުރެ ޕްރެކްޓިސް ކުރަމުން މިއަންނަނީ ގާނޫނުގެ އެއްބައި. މިސާލަކަށް ކުންފުންޏެއް އުވާލުމުގައި ގިނަ ފަރާތްތަކަށް އެހާ އަހުލުވެރިގޮތަކަށް ހުރި އިޖުރާއަތްތަކެއް ނޫން ހުރީއަކީ،"