ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކް ހަނިމާދުއާއި ކުޅުދުއްފުށީގައި ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހދ. ހަނިމާދޫއާއި ކުޅުދުއްފުށީގައި ސެލްފް ސާވިސް އޭޓީއެމްތަކެއް ބަހައްޓައިފި އެވެ.

ރާއްޖޭގެ ގައުމީ ބެންކުން ބުނީ އެކުންފުނިން މިއަހަރު ހިނގައި 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން މިއަދު ހަނިމާދޫއާއި ކުޅުދުއްފުށީގައި 24 ގަޑިއިރު ހިދުމަތް ދޭ ސެލް ސާވިސް އޭޓީއެމްތަކެއް ގާއިމްކޮށްފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑްރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ އެ ދެ ރަށުގެ ސެލްފް ސާވިސް އޭޓީއެމްތައް ގާއިމް ކުރުމުން އާމުންނަށާއި ވިޔަފާރިވެރިންނަށް ބެންކިން ހިދުމަތް ލިބިގަތުމަށް ގިނަ ފަސޭހަތަކެއް ވެގެންދާނެ ކަމަށާއި މި ހިދުމަތްތައް އަތޮޅުތެރެއަށް ފުޅާވެގެން ދިޔުމަކީ ކުންފުންޏަށް ލިބުނު އުފަލެއް ކަމަށެވެ.

ބީއެމްއެލްގެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރުމަށް އެކުންފުނިން ފަށައިފަވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓު ޕްރޮގްރާމްގެ ދަށުން ދާދި ފަހުން ވަނީ ކ. މާފުއްޓާއި ވ. ފެލިދޫގައިވެސް ސެލްފް ސާވިސް އޭޓީއެމް ގާއިމްކޮށްފަ އެވެ. އަދި އިތުރު ފަސް ބްރާންޗެއް މިއަހަރު ތެރޭ ހުޅުވާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.