ލައިފްސްޓައިލް

ދަރިފުޅު ސްލީޕް އޯވާ އަށް ފޮނުވާނެ ކަމެއް ނެތް!

ދަރިފުޅު ފުރާވަރަށް އަރައި ބާރަ ތޭރަ އަހަރަށް އެޅީ ދޯ އެވެ. ދެން ތިޖެހުނީ ބޮޑު ކަމަކާ އެވެ. ރައްޓެހިން ގިނަ ވާނެ އެވެ. އެމީހުންނާ އެކީ ބޭރަށް ދާން ވާނެ އެވެ. ނޫނީ އެމީހުންގެ ގެއަށް ދާން ވާނެ އެވެ. ހާއްސަކޮށް ސްލީޕްއޯވާ އަށެވެ. މިކަމަކާ ކުސްތަޅާ ކޮންމެ ދުވަހަކު ބޮޑާ ހާކާނެ އެވެ. ހަމަ އަސްލަށްވެސް މިހެން ވެއެއް ނޫން ހެއްޔެވެ؟ އެއުމުރުގައި އަހަރެންވެސް އުޅުނީ އެހެންނެވެ. އަބަދުވެސް ރައްޓެހި ގުރޫޕުގަނޑު ކައިރިއަށް ނުދެވިގެންނެވެ.

ދުވާލަކު 10 ގަޑިއިރު އުޅެވުނަސް އެވަރު މަދުވެގެންނެވެ. ދައްކާ ބަހަނާތައްވެސް އެހާ ފައްކާ ވާނެ އެވެ. ކޮންމެސް ގުރޫޕު މަސައްކަތަކަށެވެ. ނޫނީ ގުރޫޕު ސްޓަޑީ އަކަށެވެ. އެކަމަކު ހަމަ އެދަރިފުޅަކީ ޓެސްޓު އައިސް ބޮލުގައި އިށީނުމުން ނޫނީ ފޮތުގައި އަތް ނުލާ ކުއްޖާ އެވެ. އެދުވަހެއްގައި މީހަކު ހިނގާލި އަޑު އިވުނަސް "ޑިސްޓްރެކް"ވެ ކިޔަވަން އުނދަގުވާ ކުއްޖާ އެވެ.



ދަރިފުޅަށް ކުރެވޭ އިތުބާރަކުން ކަމެއް ނުވަތަ ދަރިފުޅު މާވަރަކަށް ކިޔާތީ ނޫން ކަމެއް ނޭނގެ އެވެ. ހުއްދަ ދެވޭ ފަހަރުވެސް އާދެ އެވެ. އެކަމަކު ވިސްނާލަ ބަލާށެވެ. އެގެއަކީ ކޮންކޮން ބައެއް އުޅޭ ގެއެއްކަން ތިމާ އަށް އެނގޭ ހެއްޔެވެ؟ ގިނަ ފަހަރަށް ތިމާއަށް އެނގޭނީ ދަރިފުޅުގެ އެކުވެރިޔާ އެވެ. އެވެސް އަބަދު އެކުއްޖެއްގެ ވާހަކަ ދައްކާތީ އެކުއްޖެއްގެ ނަމެވެ. އެއީ ކޮން މިޒާޖެއްގެ ކުއްޖެއްކަންވެސް ގިނަ ފަހަރަށް އޮންނާނީ ނޭނގި އެވެ. ކޮންމެ މީހަކީވެސް ތަފާތު މިޒާޖެއްގެ މީހެކެވެ. އެގޭގައި އުޅޭނީ ކޮން މިޒާޖެއްގެ ބައެއް ހެއްޔެވެ؟ އެމީހުން އުޅެނީ ކިހިނެއް ހެއްޔެވެ؟ މިހުރިހާ ސުވާލަކަށްވެސް ހިތުގައި ޝައްކެއް ނެތް މިންވަރަށް ޖަވާބު ލިބިއްޖެ ހެއްޔެވެ؟

ހީނުކުރާ ކިތަންމެ ކަމެއް ދަރިފުޅު ކޮށްފާނެ

ދަރިފުޅަށް ހުއްދަ ތިދިނީ ވަރަށް ވިސްނާފައި ކަން އެނގެ އެވެ. އެކަމަކު އަބަދުވެސް މިބަސް ހަނދާނުގައި ބަހައްޓަންވާނެ އެވެ. "ތިންކް އައުޓް ސައިޑް ދަ ބޮކްސް" އެވެ. އަބަދުވެސް ވިސްނުން ބަހައްޓަން ވާނީ މިހިސާބުގަ އެވެ. ގޭތެރޭގައި އުޅޭ ގޮތާއި ބޭރުތެރޭގައި އަދި ހާއްސަކޮށް ރައްޓެހިންގެ ކައިރީގައި ދަރިފުޅު އުޅޭނީ ވަރަށް ތަފާތު ގޮތަކަށެވެ. ދަރިފުޅުގެ އަސްލު މިޒާޖާއި ސިފަ ގިނަ ފަހަރަށް ފެންނާނީ ރަހުމަތްތެރިންގެ ކައިރީގައި އުޅޭ އިރު އެވެ.

ކިޔެވުމުގައި ނަމުގައި ދިޔަސް ކިޔެވުމަކަށް އެމީހުންގެ ޝައުގުވެރިކަން ވަރަށް ކުޑަވާނެ އެވެ. ގުރޫޕު ހަމަ ވީމަ ދެން އޮންނާނީ ސަކަރާތް ޖެހުމެވެ. މިހެން ސަކަރާތް ޖަހާއިރު ހީނުކުރާ ކިތަންމެ ކަމެއް ދަރިފުޅުކޮށްފާނެ އެވެ. އެރޭ ދަރިފުޅު ހޭދަކުރީ އެގޭގައި ކަމާމެދު ދެވޭނީ ކިތައް ޕަސަންޓުގެ ޔަގީން ކަމެއް ހެއްޔެވެ؟ އެގެއަށް ދަރިފުޅު ގެންގޮސް ލާފައި ދިއުމުން ފަހުން ބޭރަށް ނުނުކުންނަ ކަމެއް ޔަގީނެއް ނުކުރެވޭނެ އެވެ. ގުޅާފައި އެހިދާނެ އެވެ. އެކަމަކު ދަރިފުޅި ދިނީ އެންމެ ތެދު ޖަވާބުކަން އެނގޭނީ ކިހިނެއް ހެއްޔެވެ؟

ތެދެކެވެ ދަރިފުޅަށް އިތުބާރު ކުރަންވާނެ އެވެ. އެކަމަކު ދަރިފުޅުގެ އެކުވެރިންނަށް އެންމެ އިތުބާރެއް ނުކިރެވޭ ނޫން ހެއްޔެވެ؟ އެކުދިން އުޅޭނޫޅޭ ގޮތް ބަލަން އެގޭގެ މީހުންނެއްވެސް ހޭލައެއް ނުތިބޭނެ އެވެ. އަދި ތިމާ އަކަށްވެސް އެގޭ ދޮރުމަތީ ފޯރި މަރާކަށް ނުހުރެވޭނެ އެވެ. އެހުރިހާ ކަމަކަށް ދަރިފުޅުގެ ވިސްނުން ގެންދާނެ އެވެ. ބޭރުތެރެއަށް ނުކުމެ ކޮންމެ ސަކަރާތެއް ޖެހިއަސް ނޭނގޭނެތާ އެވެ.

ގިނަގިނައިން ލިބޭނެ ފުރުސަތަކަށް ނުވާނެތީ ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފާނެ އެވެ. ދެން އުފެދޭ ސުވާލަކީ ދަރިފުޅާއެކު ސްލީޕް އޯވާއަށް ދިޔައީ ކޮން ބައެއް ކަމެވެ. ތިމާއަށް ފެންނަ އިރު އެއީ ހަމަ ރަހުމަތްތެރި ކުދިންނަށް ވެދާނެ އެވެ. ތިމާ އެނބުރި ގެއަށްދާ ފަހުން އިތުރު ބަޔަކު ނާންނަ ކަމެއް ނޭނގެއެއް ނޫން ހެއްޔެވެ؟ ދަންވަރުގެ ވަގުތު ވުމުން ޝައިތާނާ ކުދިންގެ ބޮލަށް ސަވާރުވެގަންނާނެ އެވެ. ކޮންމެ ފަދަ ސަކަރާތެއްވެސް ޖަހާފާނެ އެވެ. ގިނަ ފަހަރަށް އެކަން ނިމޭނީ ވިހަ ވެގެންނެވެ. ކޮންމެސް އެއް ކުއްޖަކަށް އަނިޔާއެއް ވެގެންނެވެ.

ދެން އޮތީ އަމިއްލަ ގެއަށް ގެނައުމެވެ. ދަރިފުޅުގެ ރަހުމަތްތެރިން ގެއަށް ގެނައުމެވެ. އޭރަށް ހަމަގައިމުވެސް ތިމާއަށް ދަރިފުޅު އުޅޭނޫޅޭ ގޮތް ބެލޭނެ އެވެ. އެކަމަކު ހަމަ އެހެން ކުދިންގެ މައިންބަފައިންވެސް އެސުވާލުތައް އުފައްދާނެ ނޫން ހެއްޔެވެ؟

"ނޯ ސްލީޕް އޯވާސް" ހޯމް ރޫލްސް ގައި ގެޒެޓު ކުރޭ

އަބަދުވެސް މި ގަވާއިދު ގޭގައި ފެންނަ ހިސާބުގައި ތަންފީޒުކޮށްފައި ބަހައްޓާށެވެ. ސަބަބުތައް ދަރިފުޅަށް ވިސްނައިދޭށެވެ. އަބަދުވެސް ރީތިކޮށް މަޑުމަޑުން ދަރިފުޅަށް ވިސްނޭ ގޮތަށް ބުނެދީފިނަމަ ދަރިފުޅު ގަބޫލުކުރާނެ އެވެ. ރަހުމަތްތެރިންނާއެކު އުޅޭނީ ނިދުމުގެ ކުރިންކަން ބުނެދޭށެވެ. ގެއިން ބޭރު ގެއެއްގައި ނުނިދޭނެކަން އަންގައިދޭށެވެ.

ސްލީޕް އޯވާއަށް ދެވޭނީ އާއިލާ މީހެއްގެ ގެއަށެވެ. އެގެއެއްގައި އުޅޭ އެންމެނަށް ތިމާ އިތުބާރު ކުރާ ތިމާގެ މީހެއްގެ ގެއަށެވެ.