ބޮލީވުޑް

"ނީރްޖާ" އަށްފަހު ސޯނަމް ކުޅޭނެ ފިލްމެއް ނެތް

Apr 1, 2016

ޒުވާން ބަތަލާ ސޯނަމް ކަޕޫރު އެންމެފަހުން ފެނިގެން ގޮސްފައިވާ ފިލްމު "ނީރްޖާ" އަށް ވަނީ ބެލުންތެރިންނާއި ކްރިޓިކްސްއިން އިންތިހާއަށް ތައުރީފުކޮށްފަ އެވެ.

މިފިލްމުގެ ކާމިޔާބީ އާއެކު ސޯނަމް އިތުރު ފިލްމަކުން ފެނިގެންދާނެ އިރެއްގެ އިންތިޒާރުގައި އެތައް ބަޔަކު ތިބި ނަމަވެސް ސޯނަމް ވަނީ އޭނާ ދެން ކުޅޭނެ ފިލްމެއް ނެތް ކަމަށެވެ.

"ނީރްޖާ" ރިލީޒްވިތާ މަހަކަށް ވުރެން ގިނަ ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، ސޯނަމް އިތުރު ފިލްމެއް ކުޅެން ސޮއިކޮށްފައިނުވާއިރު، ކުޅޭނެ އާފިލްމެއް އަތުގައި ނެތުމުން ވަރަށް ހާސްވާ ކަމަށް ވެސް ސޯނަމް ވަނީ ބުނެފަ އެވެ.

"ނީރްޖާ" އަކީ 1984 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު ޕާކިސްތާނުގެ ކަރާޗީގައި ހައިޖެކްކުރި ޕޭން އޭމް ފްލައިޓް 73 ގެ ތެރޭގައި ޓެރަރިސްޓުންގެ ކިބައިން ޕަސިންޖަރުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި މަރާލި އުމުރުން އެންމެ 23 އަހަރުގެ އިންޑިއާގެ ފްލައިޓް އެޓެންޑެންޓް ނީރްޖާ ބެނޮތުގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

ނޫހަކަށް ދިން އިންޓަވިއެއްގައި ސޯނަމް ވަނީ އަންހެނުން ބާރުވެރި ރޯލުތަކުން ފެނިގެންދާ ފިލްމުތައް އުފެއްދުން މިފަހަކަށް އައިސް ގިނަވެފައިވީ ނަމަވެސް އަދިވެސް މުސާރަ ދިނުމުގައި ބަތަލާއިން މެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެފަ އެވެ.

އިތުރަށް ސޯނަމް ވަނީ އޭނާގެ ފިލްމު "ނީރްޖާ" އަކީ އަންހެއްނެއްގެ ހަޔާތުގެ ވާހަކައަކަށް ވެފައި އެފަދަ ފިލްމުތައް އަޅުވަން ލިބޭ ސްކްރީންތައް ވެސް އެހެނިހެން ފިލްމުތަކާ އަޅާ ބަލާ މަދުކަމަށް ބުނެފަ އެވެ. "ނީރްޖާ" އިންޑިއާ އާއެކު މުޅި ދުނިޔޭގައި ދައްކާފައިވަނީ 700 ސްކްރީނެއްގަ އެވެ.

ސޯނަމް އަށް ބައެއް ފިލްމުތަކުން މިހާރު ހުށަހެޅުންތައް ލިބިފައިވާ ކަމަށްވެ އެވެ. އަދި ދެންވެސް އޭނާ ކުޅޭނެ ކަމަށް ބެލެވެނީ ބަތަލާ މުހިންމު ރޯލަކުން ފެނިގެންދާނެ ފިލްމެއް ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.