ބޮލީވުޑް

އަންކިތާގެ ގެއިން ސުޝާންތު ބޭރުކޮށްލީތަ؟

Apr 2, 2016

ބޮލީވުޑްގެ ތަރި ސުޝާންތު ސިންގް ރާޖްޕުތް އާއި ޓީވީ ތަރި އަންކިތާ ލޯކަންޑޭ ރުޅިވިކަމަށް ދެކެވޭ ވާހަކަތަކަށް ހުއްޓުމެއް ނާދެ އެވެ. ދުވަހެއް ދުވަހަކަށް މިދެތަރިންގެ ދެމެދު އޮތް މައްސަލަ ގަނޑު ބޮޑު ކަމުގެ ވާހަކަ ކުރިފަޅަމުން އަންނައިރު، އަނެއްކާ ވެސް މިވަނީ އާ ވާހަކައެއް ކުރިފަޅާފަ އެވެ.

ސުޝާންތު އާއި އަންކިތާ ރުޅިވެއްޖެ ކަމަށް ދެކެވެމުން އަންނަ ވާހަކަތައް ވަރަށް ސާބިތުކަމާއެކު އަންކިތާ ދޮގުކޮށް އޭނާ ދެކެ އިންތިހާއަށް ލޯބިވާ ވާހަކަ މީޑިއާގައި ދެއްކިތާ މާގިނަ އިރުތަކެއް ނުވަނީސް މިވަނީ އަންކިތާ އާއި ސުޝާންތު އެކުގައި ދިރިއުޅެމުން އައި ބަންދްރާގައި ހުންނަ އެޕާޓްމަންޓުން ސުޝާންތު ނެރެލާފައިވާ ކަމުގެ އަޑުތައް އަރާފަ އެވެ.

ދެހާސް ނުވަވަނަ އަަހަރު ޒީޓީވީއިން ދައްކަން ފެށި "ޕަވިތްރަ ރިޝްތާ" ކުޅުނު ދުވަސްވަރު ލޯބީގެ ގޮތުން ގުޅުނު ސުޝާންތު އާއި އަންކިތާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހައަހަރުވީ ފަހުން މިދެމީހުންގެ ދެމެދުގައި މައްސަލަޖެހި މީގެ ހަފްތާއެއްހާ ދުވަސްކުރިން ރުޅިވެފަ އެވެ.

މިދެމީހުން ރުޅިވިފަހުން އަންކިތާ ސުޝާންތު ކުރެން އެދެމީހުން އެކުގައި ދިރިއުޅެމުން އައި އެޕާޓްމްންޓުން ނިކުންނަން އެންގުމުން ވަނީ އެތަނުން ނިކުމެ، މިހާރު ހުންނަ ކަމަށްވަނީ ޖުހޫގެ ހޮޓަލެއްގަ އެވެ.

ކުރިން މިދެމީހުންގެ އެކުގައި އުޅުނު އެޕާޓްމަންޓަކީ އަންކިތާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއް ކަމަށްވެ އެވެ.

އަންކިތާ އާއި ސުޝާންތު ރުޅިވި ކަމުގެ ވާހަކަދެކެވެން ފެށުމުން ނޫހަކަށް ފޮނުވި ޓެކްސްޓް މެސެޖެއްގައި ވަނީ އެކަމާ ގުޅޭ ގޮތުން މިވަގުތު ވާހަކަ ދެއްކެން ނެތް ކަމަށާއި އެއީ ހިތްހަމަޖެހޭ އިހްސާސްތަކެއް ނޫން ކަމަށް ބުނެފަ އެވެ. އަދި އަންކިތާ ވަނީ އޭނާއާ ސުޝާންތު ރުޅިވެއްޖެ ކަމަށް ދެކެވޭ ވާހަކައަކީ ތާކުންތާކު ނުޖެހޭ ދޮގު ވާހަކައެއް ކަމަށާއި އޭނާ އަބަދުވެސް ހުންނަނީ ސުޝާންތު އާއެކު ކަމަށް ބުނެފަ އެވެ.