ބޮލީވުޑް

ވިލިއަމް އާއި ކޭޓަށް އިންޑިއާއިން މަރުހަބާ ކިޔާނީ، ޝާހްރުކް އާއި އައިޝްވާރިޔާ

Apr 1, 2016
1

އިނގިރޭސި ވިލާތުގެ ޕްރިންސް ވިލިއަމް އާއި އަނބިކަނބަލުން ކޭޓް މިޑްލްޓަން މިމަހުގެ 10 ވަނަ ދުވަހު އިންޑިއާ އަށް ކުރައްވާ އިހްތިރާމްގެ ޒިޔާތަރަތެއްގައި ބޮލީވުޑްގެ އެންމެ ފުންނާބު އުސް ތަރިން މިދެކަނބަލުންނަށް މަރުހަބާ ކިޔުމަށް ބާއްވާ ހަފްލާއިން ފެނިގެންދާނެ އެވެ.

އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ވިލިއަމް އާއި ކޭޓް ބޮލީވުޑްގެ ޗެރިޓީ އިވެންޓެއްގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. މިހަފްލާއަށް މިދެކަނބަލުން ވަޑައިގެންނެވުމުން މަރުހަބާ ކިޔާނީ ސުޕަސްޓާ ޝާހްރުކް ޚާން އާއި ކުރީގެ މިސްވޯލްޑް އަދި މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއީ އެވެ.

މިހަފްލާ ތާޖް މަހަލް ހޮޓަލްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދެކަނބަލުންގެ ޝަރަފުގައި ބާއްވާ ކެއުމެއްގައި ބޮލީވުޑްގެ ތަރިންގެ ތެރެއިން އަމީތާބް ބައްޗަން، ސޯނަމް ކަޕޫރު، އަރްޖުން ކަޕޫރު ބައިވެރިވާނެ ކަމަށްވެ އެވެ. އަދި އިންޑިއާގެ މަޝްހޫރު ޕޮލިޓިޝަނުންނާއި ކްރިކެޓްކުޅުންތެރިންގެ އިތުރުން ވިޔަފާރިވެރިން ވެސް މިހަފްލާގައި ބައިވެރިވާނެ ކަމަށްވެ އެވެ.

ޝާހީ ދެކަނބަލުންގެ މިދަރުތުފުޅުގައި މުމްބައިގައި ހުންނަ ތާޖް މަހަލް ހޮޓަލަށް ޒިޔާރަތްކުރެއްވުމަށްވަނީ ހަމަޖެހިފަ އެވެ. ތާޖް މަހަލް ހޮޓަލަކީ 26/11 ގައި މުމްބައިއަށް ޓެރަރިސްޓް އެޓޭކް އަމާޒުކޮށް ދެވެނު ތަނެވެ. ވިލިއަމް އާއި ކޭޓް މިހަމަލާ ދެވެނު ވަގުތު ހޮޓެލްގައި ތިބި ގެސްޓުންނަށް އެހީތެރިވެދިން ސްޓާފުންނާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، މުމްބައިގައި ތިއްބަވާ ދުވަސްތަކުގައި މިދެކަނބަލުން ތިއްބަވާނީ ތާޖް ހޮޓަލުގައި ކަމަށްވެ އެވެ.

މީގެއިތުރުންވެސް މިދަތުރުފުޅުގައި ވިލިއަމް އާއި ކޭޓް އިންޑިއާގައި ހުންނަ އެންމެ ފާހަގަކޮށްލެވޭ ބިނާ ކަމަށްވާ ތާޖް މަހަލް އަށް ޒިޔާރަށްވެސް ކުރައްވާނެ އެވެ. މިދެކަނބަލުން ތާޖް މަހަލް އަށް ޒިޔާރަތްކުރައްވާ ދުވަހު އެތަން އާންމުންނަށް ބަންދުކުރާނެ ކަމަށްވެ އެވެ. ވިލައަމްގެ މަންމާފުޅު ޕްރިންސެސް ޑަޔާނާ ވެސް ވަނީ 1992 ވަނަ އަަހަރު ތާޖް މަހަލް ބައްލަވާލެއްވުމަށް އެކަނި ވަޑައިގެންފަ އެވެ.

ޑަޔާނާގެ އެދަތުރުފުޅުގެ ތެރެއިން ތާޖް މަހަލްގެ ކުރިމަތީގައި ހުންނަ ބެންޗެއްގައި އިށީންދެވަޑައިގެން އިންނަވަނިކޮށް ނަންގަވާފައިވާ ފޮޓޯފުޅު ވަނީ ދުނިޔޭގެ ނަން މަޝްހޫރު ނޫސްތަކުގެ ކަވަރު ޕޭޖުގައި ޖަހާފަ އެވެ.

"ވިލިއަމް ހުންނެވީ އިންތިހާއަށް ފަހުރުވެރިވެފައި އެބޭފުޅާގެ މަންމަގެ ހަނދާންތައް އެތަނަކަށް ޒިޔާރަތްކުރާ މީހުން އާކުރާ ތަނަކަށް ދިއުމުގެ ފުރުސަތު ލިބިވަޑައިގަންނަވާތީ. ޝާހީ ދެކަނބަލުން ތާޖް މަހަލް އަށް ޒިޔާރަތް މިކުރައްވަނީ މަންމާފުޅު ޑަޔާނާ އެތަނަށް ޒިޔާރަތްކުރިތާ 24 އަހަރު ފަހުން. މިދެކަނބަލުން ތާޖް މަހަލަށް ކުރާ ޒިޔާރަތުގައި މިރީތި ބިނާ ބައްލަވައި އާހަންދާންތަކެއް އެދެބޭކަލުންނަށްޓަކައި ރައްކާކުރަން ބޭނުންފުޅުވޭ. އަދި އިންޑިއާގެ ރައްޔިތުންނަށް މިފުރުސަތުގައި ޝުކުރު އަދާކުރައްވާ" ވިލިއަމް އާއި ކޭޓްގެ އިންޑިއާގެ ދަތުރުފުޅާ ބެހޭގޮތުން ކެމްބްރިޖްސްގެ ކޮމިއުނިކޭޝަން ސެކެޓްރީ ޖެސެން ނޯފް ވިދާޅުވެފައިވެ އެވެ.

މިދަތުރުފުޅުގައި ވިލިއަމް އާއި ކޭޓް ދިއްލީގައި ހުންނަ މަހާތްމާ ގާންދީގެ މަގުބަރާއަށް އިހްތިރާމްގެ ޒިޔާރަތެއްވެސް ކުރައްވާނެ އެވެ.

މީގެއިތރުންވެސް މިދެކަނބަލުން، ދުނިޔެއިން ނެތިގެންދިއުމުގެ ބިރު ހީވެފައިވާ ޖަނަވާރުތައް ހިމާޔަތްކުރުމުގެ ގޮތުން ކުރައްވަމުން އަންނަ ކަމެއްގެ ގޮތުން އައްސާމްގެ ކަޒިރަންގާ ނެޝަނަލް ޕާކަށް ޒިޔާރަތްކުރައްވާ އިންޑިއަން ވަން ހޯންޑް ރައިނޯސް އާއި ހިމާޔަތްކޮށްފައިވާ ސްވޭމްޕް ޑިއާ ބައްލަވައިލައްވާނެ އެވެ.

މިދަތުރުފުޅުގައި އިންޑިއާގެ އިތުރުން ބޫޓާނަށް ވެސް ވިލިއަމް އާއި ކޭޓް ޒިޔާރަތްކުރައްވާނެ އެވެ. ބޫޓާނަށް ކުރައްވާ ދަތުރުފުޅުގައި އެގައުމުގެ ރަސްގެފާނާއި ރާނީއާ ބައްދަލުކުރައްވާނެ އެވެ.