ސީރިއާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ، އަލްގާއިދާއާ ގުޅުން އޮންނަ ނުސްރާ ފްރަންޓް ނުވަތަ ޖަބްހަތުއް ނުސްރާ އަށް އިޒްރޭލުން ސިއްރިއްޔާތުގައި އެހީވަމުންދާ ކަމަށް ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ އިއްޔެ ވިދާޅުވެއްޖެ އެވެ.
މި މަހުގެ 18 ވަނަ ދުވަހު އިޒްރޭލުން ސީރިއާ އަށް ވައިގެ މަގުން ދިން ހަމަލާއެއްގައި މަރުވި ހިޒްބުﷲ ހަނގުރާމަވެރިންގެ ހަ މީހަކާއި އީރާންގެ ޖެނެރެލަކަށް އިހްތިރާމް އަދާކުރުމަށް ލުބްނާންގައި ބޭއްވި އެއްވުމަކާ ދިމާކޮށް ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ނަސްރުﷲ ވިދާޅުވީ ހިޒްބުﷲ އޮތީ އިޒްރޭލާ ދެކޮޅަށް ކޮންމެ ވަގުތެއްގައި ވެސް ހަމަލާ ދޭން ތައްޔާރަށް ކަމަށެވެ.
"އިޒްރޭލާ ހަނގުރާމަކުރާކަށް ބޭނުމެއް ނޫން. މިއީ އަހަރެމެންގެ ނިކަމެތިކަމުން ބުނާ ވާހަކައެއް ނޫން. ހަނގުރާމަ ކުރާކަށް އަހަރެމެން ބިރެއް ނުގަނޭ،" ޝިއައީ ޖަމާއަތުގެ ލީޑަރު ވިދާޅުވި އެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ސީރިއާގެ ގޯލާންގެ އުސް ބިންތަކުގައި ހަރަކާތްތެރިވާ ޖަބްހަތުއް ނުސްރާގެ ހަނގުރާމަވެރިންނަށް އިޒްރޭލުން އެހީވާ ކަމަށެވެ.
"އެތަނުގައި ޓޭންކާއި ހުރިހާ ބާވަތެއްގެ ހަތިޔާރާ އެކު ޖަބްހަތުއް ނުސްރާގެ އެތައް ހާސް ހަނގުރާމަވެރިންނެއް އުޅޭ. އެ މީހުންނަށް ސީރިއާގެ އަލްގާއިދާ ގޮފިން އެހީވޭ ... ވައިގެ މަގުން ދޭ ހަމަލާތަކުން އިޒްރޭލުން ވެސް ދަނީ ހިމާޔަތް ދެމުން. އިޒްރޭލުގެ ބޯޑަރު އެ މީހުންނަށް ހުޅުވާލައި، އަނިޔާވާ މީހުންނަށް އިޒްރޭލުގެ ހޮސްޕިޓަލްތަކުގައި ފަރުވާ ދޭ،" ނަސްރުﷲ ވިދާޅުވި އެވެ.
އިޒްރޭލުން ހިޒްބުﷲ އަށް ހަމަލާ ދިނީ ހަނގުރާމައިގެ އުސޫލުތަކާ ހިލާފަށް ކަމަށާއި އެހެންވެ ދިފާއުގައި ކޮންމެ ވަގުތަކު ކޮންމެ ގޮތަކަށް ވެސް ހަމަލާ ދެވިދާނެ ކަމަށް ނަސްރުﷲ ވިދާޅުވި އެވެ. -- އަލްޖަޒީރާ