ބޮލީވުޑް

ޓީވީ ތަރި ޕްރަތިއުޝާ މަރުވެފައި އޮއްވާ ފެނިއްޖެ

Apr 2, 2016
1

ޓީވީ ސިލްސިލާ "ބަލިކާ ވަދޫ"ގެ އާނަންދީގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ ޓީވީ ތަރި ޕްރަތިއުޝާ ބެނެރްޖީ، ދަންޖެހިގެން މަރުވެއްޖެ އެވެ.

އުމުރުން 24 އަހަރުގެ ޕްރަތިއުޝާ ދަންޖެހިފައި ހުއްޓާ ފެނުނީ އިއްޔެގެ މެންދުރުގެ ވަގުތެއްގައި އޭނާ ދިރިއުޅެމުން އައި އެޕާޓްމަންޓުގަ އެވެ. ޕްރަތިއުޝާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށްވެ އެވެ.

މިވަގުތު ޕްރަތިއުޝާގެ ހަށިގަނޑު އޮތީ ކޮކިލާބޭން އަމްބާނީ ހޮސްޕިޓަލުގައި، ފުލުހުން މިމައްސަލަ ތަހުގީގު ކުރަމުން އަންނާތީ ބާއްވާފަ އެވެ.

މިހަބަރުތައް ގެނެސްދީފައިވާ ނޫސްތަކުގައިވާ ގޮތުން، ޕްރަތުޝްޔާ ދަންޖެހިގެން މަރުވެފައިވަނީ އޭނާގެ އަމިއްލަ ދިރިއުޅުމުގައި ހުރި މައްސަލަތަކުގެ ސަބަބުން ކަމަށްވެ އެވެ. އެގޮތުން މިފަހަކަށް އައިސް އޭނާގެ ލޯބިވެރިޔާ ރާހުލް ރާޖް ސިންގްއާ މައްސަލަތައް ޖެހިފައިވާ ކަމަށާއި އެކަމާ ޕްރަތިއުޝާ އިންނަނީ ވަރަށް ބޯގޮވާފައި ކަމަށް އޭނާގެ ގާތްފަރާތްތަކުން ވަނީ ބުނެފަ އެވެ.

ޕްރަތިއުޝާ އާއި ރާހުލް ވަނީ ސޮނީ ޓީވީއިން ދެއްކި ރިއަލިޓީ ޝޯ "ޕަވާ ކަޕްލް"ގައި ވެސް ބައިވެރިވެފަ އެވެ.

މިފަހަކަށް އައިސް ޓީވީ ބައެއް ތަރިންނާއި ދިމާވެގެން ޕްރަތިއުޝާ ވަނީ އޭނާ ވަރަށް އަވަހަށް ރާހުލްއާ ކައިވެނިކުރަން އުޅޭ ކަމަށް ބުނެފަ އެވެ. ނަމަވެސް "ޕަވާ ކަޕްލް" ނިމުމުން ރާހުލް ވަނީ ޕްރަތިއުޝާއާ ރުޅިވެފައި ކަމަށްވާއިރު، އޭނާ ވަނީ ޕްރަތިއުޝާ ކުރެން އެހެން މީހަކާ އެންގޭޖްވެގެން އުޅޭ ކަމަށް ބުނެފަ އެވެ. އަދި ވަރަށް އަވަހަށް އެކުއްޖާއާ ކައިވެނިކުރަން އުޅޭ ކަމަށް ބުނެފައިވާ ކަމަށްވެސްވެ އެވެ.
ޕްރަތިއުޝާއާ ރާހުލް ރުޅިވުމުން އޭނާގެ ހިތްހަލާކުވެގެން އެވާހަކަ ވަނީ ބައެއް އެކުވެރިންނާ ހިއްސާކޮށްފަ އެވެ.

ޕްރަތިއުޝާ ދަންޖެހިގެން މަރުވި ހަބަރާއެކު އޭނާގެ ގާތް ޓީވީ ތަރިން ވަނީ ކޮކިލާބެން ހޮސްޕިޓަލަށް ގޮސްފަ އެވެ. އަދި އޭނާގެ ގާތްފަރާތްތަކުން ވަނީ ޕްރަތުޝްޔާ ދަންޖެހިގެން މަރުވި ހަބަރު އެހީ ކުއްލި ޝޮކާއި ފުން ހިތާމަޔާއެކު ކަމަށް ބުނެފަ އެވެ. ބައެއް ޓީވީ ތަރިން ވަނީ ޕްރަތުޝްޔާ ދަންޖެހިގެން މަރުވެފައިވަނީ އަމިއްލައަށް ނޫންކަމަށާއި މީހަކު އޭނާ މަރާލީކަމަށް ބުނެފަ އެވެ.

ނޫސްތަކުގައިވާ ގޮތުން ޕްރަތިއުޝާ ދަންޖެހިފައި ހުއްޓާ އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ވެސް ލޯބިވެރިޔާ ރާހުލް އެވެ. އަދި ޕްރަތިއުޝާ ހޮސްޕިޓަލަށް ލުމަށްފަހު ރާހުލް ވަނީ އޭނާގެ ފޯނު ހިފައިގެން ގޮސްފަ އެވެ. އޭގެފަހުން ރާހުލްގެ ހަބަރެއްވެފައި ނުވާއިރު، އޭނާގެ ފޯނު މިހާރު ނިންވާލާފައިވާ ކަމަށްވެ އެވެ. އަދި ފުލުހުން މިހާރު އޭނާ ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ޕްރަތިއުޝާ "ބަލިކާ ވަދޫ" ޝޯ ދޫކޮށްލިފަހުން ދޭތެރެ ދޭތެރެއިން އޭނާގެ ވާހަކަތައް ވަނީ ނޫސްތަކުން ފެނިގެންގޮސްފަ އެވެ. އެގޮތުން މިފަހުން ޕްރަތިއުޝާ ވަނީ އޭނާ ދިރިއުޅެމުން އައި ގެއަށް ފުލުހުންގެ ޔުނިފޯމް އަޅައިގެން ތިބި ބަޔަކު ވަދެ އޭނާއަށް ބިރުދައްކައި ފޮށެން މަސައްކަތްކުރި ކަމަށް ބުނެ ފުލުހުންނަށް އެމައްސަލަ ރިޕޯޓްކޮށްފަ އެވެ. އަދި ޕްރަތިއުޝާގެ އުފަންދުވަސް ފާހަގަކުރުމަށް މުމްބައިގެ ރެސްޓޯރަންޓެއްގައި ޕާޓީއެއް ބޭއްވުމަށްފަހު ލާރި ނުދައްކައިގެން އެރެސްޓޯރަންޓުގެ ވެރިފަރާތުން ވަނީ ޕްރަތިއުޝާއާ ދެކޮޅަށް މައްސަލަވެސް ހުށަހަޅާފަ އެވެ.