ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ޒިންމާދާރު ކުރުވަން މަސައްކަތްކުރާނީ އެހެން ޕާޓީތަކާ ގުޅިގެން ރައްޔިތުންގެ މަޖިލިސް ތެރެއިން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ގާނޫނު އަަސާސީގެ ހިމާޔަތުގައި ކަމަށް ބުނެ ޖުމްހޫރީ ޕާޓީއާ އެކު އެމްޑީޕީން މަސައްކަތް ފަށާފައި ވަނިކޮށް ސްރީ ލަންކާގެ "ނިއުސް ފަސްޓް" އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީގެ އިތުުރުން އަދާލަތު ޕާޓީ ވެސް މިހާރު ވަނީ ސަރުކާރުގެ ކޯލިޝަނުން ވަކިވެފައި ކަމަށާއި ރައީސް މިހާރު ހުންނެވީ ވަރަށް އުނދަގޫ ފައްތަރެއްގައި ކަމަށެވެ.
"... މި ދެ ޕާޓީ (ޖުމްހޫރީ ޕާޓީ އާއި އަދާލަތު) އަޅުގަނޑުމެންގެ އެމްޑީޕީ ގާތަށް އައީ ސަރުކާރު ޒިންމާދާރު ކުރުވަން، ގާނޫނު ހަދާ މަޖިލިސް ތެރޭގައި ގުޅިގެން މަސައްކަތް ކުުރުމަށް،" ރާއްޖޭގެ ސިޔާސީ މަސްރަހް މިހާރު އޮތީ ކިހިނެއްތޯ ސުވާލުކުރުމުން ނަޝީދު ވިދާޅުވި އެވެ.
ނަޝީދަކީ ރާއްޖޭގައި ޑިމޮކްރަސީގެ ޗެމްޕިއަންގެ ގޮތުގައި ބެލެވިފައި ވާއިރު، ގާނޫނު ހަދާ މަޖިލިސް ކޮންޓްރޯލްކޮށްގެން ކުރިއަށް ދާން ނިންމުމަކީ ރާއްޖެ ފަދަ ގައުމެއްގައި ޑިމޮކްރަޓިކް ގޮތްތޯ ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ އެކަމުގައި ޑިމޮކްރަސީއާ ހިލާފް އެއްވެސް ކަމެއް ނެތް ކަމަށެވެ. މިއީ ވަރަށް ހާމަކޮށް ބޮޑުކޮށް ކުރާ މަސައްކަތެއް ކަމަށާއި މިއީ ރާއްޖޭގެ ޑިމޮކްރަސީ ހަމަޔަކަށް އަޅުވަން "ވަރަށް ވަރަށް މުހިންމު" ކަމެއްް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މަސައްކަތް ކުރައްވަނީ ގައުމުގެ ރައްޔިތުންގެ ހެވާއި ލާބަޔަށް ވުރެ ބޮޑަށް އެމެރިކާ އާއި ޔޫރަޕްގެ ގައުމުތައް ރުއްސަން ކަމަށް ތުހުމަތުކުރާ ކަމަށާއި އެކަމަށް ދޭނެ ޖަވާބަކީ ކޮބައިތޯ ކުރި ސުވާލުގެ ޖަވާބުގައި ނަޝީދު ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމައުން ވަކިވެގަނެގެން ދިވެހިންނަށް ނޫޅެވޭނެ ކަމަށެވެ. ރާއްޖެ އަަންނަ ޓޫރިސްޓުންގެ 50 ޕަސެންޓަށް ވުރެ ގިނައީ ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކުން އަންނަ މީހުން ކަމަށާއި އެހެންވެ ޔޫރަޕާ އެކު ރަހްމަތްތެރިކަމުގެ ގުޅުން ބާއްވަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ބަލަންވީ މީހުން ދައްކާ ވާހަކަ އަށް ވުރެ ދިވެހިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވި އެވެ.