ބޮލީވުޑް

"އަޒްހަރު": އެރި ބާރުމިނުގައި ވެއްޓުނު ކެޕްޓަން!

Apr 3, 2016

ކްރިކެޓް، ދީން އަދި ލޯބި މިއީ އިންޑިއާގެ އެންމެ ކާމިޔާބު ކްރިކެޓް ކެޕްޓަން މުހައްމަދު އަޒްހަރުއްދީންގެ ހަޔާތުގެ އެންމެ މުހިންމު ތިން ކަންތަކެވެ.

ކުރީގެ އިންޑިއާގެ ކްރިކެޓް ޓީމްގެ ކެޕްޓަން އަޒްހަރުއްދީން އަކީ އެންމެ ކާމިޔާބު ކްރިކެޓް ކުޅުންތެރިޔާ އަށް ވުމުގެ އިތުރުން އެންމެ މައްސަލަވެސް ބޮޑު ކެޕްޓަނެވެ.

އިމްރާން ހާޝިމީ އަޒްހަރުއްދީންގެ ރޯލު ކުޅެފައިވާ "އަޒްހަރު"ގެ ޓްރެއިލާ އިއްޔެ މިވަނީ އާންމުކޮށްފަ އެވެ. ގާތްގަނޑަކަށް ތިން މިނިޓުގެ ޓްރެއިލާއިން އަޒްހަރުއްދީން ތަރިއެއްހެން އަރައިގެން ދިޔަ ގޮތާއި މެޗް ފިކްސިން ސްކެންޑަލްގެ ސަބަބުން އޭނާގެ ތަރި އޮއްސިގެން އައިގޮތް ފެނިގެންދެ އެވެ. މެޗް ފިކްސިންގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވުމާއިއެކު އެތައް ބައެއްގެ ނުރުހުމާއި ނަފްރަތާ ވެސް ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

"އަޒްހަރު"ގެ ޓްރެއިލާ:

މީގެއިތުރުންވެސް އޭނާގެ މައްސަލަ ބޮޑު އަމިއްލަ ދިރިއުޅުންވެސް ފެނިގެންދެ އެވެ. ކްރިކެޓްކުޅުމުގައި އަޒްހަރު ކާމިޔާބުވެގެން އައި އިރު ވަނީ ކުރީގެ މަޝްހޫރު ބަތަލާ އަދި މޮޑެލް ސަންގީތާ ބިޖްލާނީއާ ލޯބީގެ ގޮތުން ގުޅިގެން އުޅެފަ އެވެ. އޭރު އަޒްހަރުއްދީން ކައިވެންޏެއް ކޮށްގެން ހުރި ނަމަވެސް، ފުރަތަމަ އަންހެނުން ނައުރީން ވަނީ 1996 ވަނަ އަހަރު ސަންގީތާއާ ކައިވެނިކުރަން ވެގެން ވަރިކޮށްފަ އެވެ. އަދި އަޒްހަރުދީން އާއި ސަންގީތާ ހަމަ އެއަހަރު ކައިވެނިކޮށްފައިވާއިރު، 2010 ވަނަ އަހަރު ވަނީ ވަރިވެސްވެފަ އެވެ.

އަޒްހަރުއްދީންގެ ފުރަތަމަ އަންހެނުން ނައުރީންގެ ރޯލުން ފެނިގެންދަނީ ޕްރާޗީ ދޭސާއީ އެވެ. އަދި ސަންޖީތާ ބިޖްލާނީގެ ރޯލު ކުޅެފައިވަނީ ނަރްގިސް ފަކްރީ އެވެ. މިފިލްމުގައި ވަކީލެއްގެ ރޯލުން ލާރާ ދައްތާ ވެސް ފެނިގެންދާނެ އެވެ.

އަންނަ އަހަރުގެ މާޗް މަހުގެ 13ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މިފިލްމުގައި ފެނިގެންދާނީ 1990ގެ އަހަރުތަކުގެ ތެރޭގައި އިންޑިއާގެ ކްރިކެޓް ކެޕްޓަނަކަށް ހުރި މުހައްމަދު އަޒްހަރުއްދީން 2000 ވަނަ އަހަރު މެޗް ފިކްސިންގެ މައްސަލައެއް ފެންމަތިވުމުގެ ސަބަބުން އުމުރު ދުވަހަށް ކްރިކެޓް ކުޅުން އިންޑިއާގެ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން މަނާކުރުމުން ކަންތައް ވެގެންދާ ގޮތާއި އޭނާގެ އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަނަކަށް ހުރެގެން ހޯދާދީފައިވާ ކާމިޔާބީގެ ވާހަކަ އެވެ. މެޗް ފިކްސިން މައްސަލަ ހިނގިތާ 12 އަހަރު ފަހުން 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިންޑިއާގެ އަންދަރަޕްރަދޭޝް ހައިކޯޓުން ވަނީ އޭނާގެ މައްޗަށް އުމުރު ދުވަހު ނުކުޅެވޭނެގޮތަށް އިއްވި ހުކުމް ބާތިލްކޮށްފަ އެވެ.

ޓޯނީ ޑިސޫޒާ ޑައިރެކްޓްކޮށް އަދި ބަލާޖީ މޯޝަން ޕިކްޗާސް އާއި އެމްއެސްއެމް މޯޝަން ޕިކްޗާސް އިން ޕްރޮޑިއުސްކުރާ "އަޒްހަރު"ގެ ވާހަކަ އަންނަ އަހަރުގެ މާޗް މަހުގެ 13ވަނަ ދުވަހު ބެލުންތެރިންނާއި ހަމައަށް އަންނާނެ އެވެ.