ސްޕޭނުގެ އެންމެ ބޮޑު ދެ ބާރު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ މިރޭ ކުޅޭ މެޗަކީ ވަރަށް ހާއްސަ މެޗެކެވެ. މާލޭ ގަޑިން މިރޭ 11:30ގައި ފަށާ މެޗު އެންމެ ބޮޑަށް ހާއްސަވެފައިވަނީ ދެ ޓީމުގެ ކޯޗުންނަށެވެ. ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ އާއި ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން މިރޭގެ މެޗަށް ނުކުންނައިރު އެ ދެމީހުންނަށް މެޗު ހާއްސަވާ ސަބަބުތަކެއް އެބަހުއްޓެވެ.
2003 ވަނަ އަހަރުގެ ހަމަނުޖެހުން:
ޒިދާނާއި އެންރީކޭ އަކީ ކުޅުންތެރިންގެ ގޮތުގައި ވަރަށް ބޮޑަށް ކުރިމަތިލައިފައިވާ ދެ މީހުންނެވެ. 2003 ވަނަ އަހަރުގެ މި ދެ ޓީމުގެ މެޗުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލޮސް ޕުޔޯލްގެ މޫނުމަތީގައި ޒިދާން އުޅަބޮށިން ޖެހިކަމަށް އެންރީކޭ ޝަކުވާކުރުމުންނެވެ. އެއިރު ބާސެލޯނާގެ ކެޕްޓަން ބޭންޑްއަޅައިގެންހުރި އެންރީކޭ އާއ ޒިދާން ކުރިމަތިލުމުގައި ދެ މީހުން ވެސް ބަހުގެ ހަމަލާ ބަދަލުކުރި އެވެ. އަދި އެންރީކޭގެ މޫނުގައި އަތްއަޅާ ޒިދާން ކޮށްޕާލި މަންޒަރު ފެނިގެންދިޔަ އެވެ. މި ހާދިސާގައި ޒިދާނަށް ރީނދޫ ކާޑު ދެއްކި ނަމަވެސް ކާޑަކާ ނުލައި އެންރީކޭ ސަލާމަތްވި އެވެ. އެކަމަކު ކާޑެއް ދެއްކި ނަމަ ދެ ވަނަ ރީނދޫކާޑާއެކު އޭނާ އަށް މެޗާ ވަކިވާންޖެހުނީސް އެވެ. އެ ހާދިސާއަށް ފަހު އެންރީކޭ ޖެހި ގޯލުން މެޗު އެއްވަރުވީ ބްރެޒިލްގެ ރޮނާލްޑޯ ރެއާލް އަށް ލީޑުނަގާދީފައިވަނިކޮށެވެ.
ކުޅުންތެރިންގެ ގޮތުގައި ހޯދި ތަޖުރިބާ:
އިޓަލީގެ ޔުވެންޓަސްއިން ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ 46.6 މިލިއަން ޕައުންޑަށް ރެއާލް އަށް ބަދަލުވެ، ބާސެލޯނާއާ ދެކޮޅަށް ޒިދާން 11 ފަހަރު ކުޅެނެވެ. މީގެ ތެރެއިން ހަތަރު މެޗުން މޮޅުވިއިރު ހަތަރު މެޗު އެއްވަރުވެ، ތިން މެޗުން ބަލިވި އެވެ. އަދި ބާސެލޯނާ ކޮޅަށް ތިން ގޯލު ޖެހި އެވެ.
މިއާ ހިލާފަށް އެންރީކޭ އަކީ ވާދަވެރި މި ދެ ޓީމަށް ވެސް ކުޅުނު މަދު ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ އެވެ. 1991 ވަނަ އަހަރުން ފެށިގެން 1996 ވަނަ އަހަރާ ހަމަށް ރެއާލް ކުޅެ، އެންރީކޭ ވަނީ ބާސެލޯނާއާ ދެކޮޅަށް 11 މެޗު ކުޅެފަ އެވެ. މީގެ ތެރެއިން ތިން މެޗުން މޮޅުވިއިރު ހަތަރު މެޗުން ބަލިވެ، އަނެއް ހަތަރު މެޗުވީ އެއްވަރެވެ.
ފްރީ ޓްރާންސްފާއެއްގައި 96ގައި ބާސެލޯނާ އަށް ބަދަލުވެ، ރެއާލްއާ ދެކޮޅަށް އެންރީކޭ 18 މެޗު ކުޅެނެވެ. މީގެ ތެރެއިން އަށް މެޗުން މޮޅުވެ، ތިން މެޗުން ބަލިވީ އެވެ. އަނެއް ހަތް މެޗުވީ އެއްވަރެވެ.
މިހުރިހާ މެޗުތަކުގައި ބާސެލޯނާ ކޮޅަށް އެންރީކޭ ޖެހީ އެންމެ ގޯލެކެވެ. ރެއާލް ކޮޅަށް ފަސް ގޯލެވެ.