އިސްލާމިކް ޔުނިވާސިޓީ

ޖުޑިޝަލް ސައިންސުން މަތީ ފެންވަރުގެ ކޯސްތައް މިއަހަރު ފަށާނަން: ޝަހީމް

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގައި މި އަހަރު ޖުޑިޝަލް ސައިންސަސްގެ ދާއިރާއިން މާސްޓާސް އާއި ޕީއެޗްޑީ ފެންވަރުގެ ކޯސްތައް ފަށާނެ ކަމަށް އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް ވިދާޅުވީ، ސަރަހައްދުގައި ހުރި އެންމެ ވަރުދަގަ އިސްލާމީ ޔުނިވާސިޓީއަށް އެ ޔުނިވާސިޓީ ހެދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އައިޔޫއެމްގެ ފުރަތަމަ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، ޔުނިވާސިޓީ ގާއިމު ކުރެވުނު ފަހުން ބައިނަލްއަގްވާމީ ފަސް ޔުނިވާސިޓީއަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކުރެވިފައިވާ ކަމަށެވެ. ޝަހީމް ވިދާޅުވީ، މި އަހަރުގެ ޖޫން މަހު އެ ޔުނިވާސިޓީން ފަށާ ސެމިސްޓާގައި އިސްލާމީ ޝަރީއަތާއި ގާނޫނުގެ އިލްމާއި ކީރިތި ގުރުއާނު އިލްމާއި އަގީދާގެ އިލްމުގެ އިތުރުން އެކި އެކި އިސްލާމީ ދާއިރާތަކުން މަތީ ކޯސްތަށް ފަށާނެ ކަމަށެވެ. ވަކިން ހާއްސަކޮށް ޖުޑިޝަލް ސައިންސަސްގެ ދާއިރާއިން މާސްޓާސް އާއި ޕީއެޗްޑީ ފެންވަރުގެ ކޯސްތައް މި އަހަރު ފަށާނެ ކަމަށް ވިދާޅުވި އެވެ.

"މިކޯސްތަކުގައި ކިޔަވައިދެއްވާނީ ރާއްޖެއާ ރާއްޖޭން ބޭރުގެ އާނިމުން، މި މަރުހަލާތަކުގައި ކިޔަވައިދެއްވާނެ ޕީއެޗްޑީ ފެންވަރުގެ އުސްތާޒުން ހޯދުމަށްޓަކައި އަލްއަޒުހަރު ޔުނިވަސިޓީ އާއި ސައުދީ އަރަބިއާގެ އެޑިއުކޭޝަން މިނިސްޓްރީއާ އެކު މިދަނީ މަޝްވަރާކުރެވެމުން،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، ސަރަހައްދުގައި ހުރި އެންމެ ވަރުގަދަ ޔުނިވާސިޓީއަށް އެ ޔުނިވާސިޓީ ހެދުމުގެ މަސައްކަތް ކުރަމުންދާއިރު އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އޮތީ ޖާގައިގެ ދަތިކަން ކަމަށެވެ. މިހާރު ހުރި އިމާރާތަކީ ޔުނިވާސިޓީއަށް އެންމެ އެކަށީގެންވާ އިމާރާތަށް ނުވުމުން ޔުނިވާސިޓީގެ އިމާރާތެއް އަޅަން ބިމެއް ބޭނުންވާ ކަމަށެވެ.

"ޔުނިވަސިޓީއަށް އިމާރާތެއް އަޅާނެ ޖާގަ އަވަސް ފުރުސަތެއްގެ ތެރޭގައި ބޭނުންވޭ، މިކަން ހާސިލްވެގެން ހިނގައްޖެނަމަ މި މަޝްރޫއުވެގެން ދާނީ ދިވެހިރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތާއި މުސްތަގުބަލައްޓަކައި ކުރެވޭނެ ވަރަށް މަތިވެރި ހިދުމަތަކަށް، ކުރިމަގުގެ ޖީލުތަކަށް ވާރުތަ ވެގެންދާނެ އިސްލާމީ މުހިންމު ތަރިކައަކަށް،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ އަމާޒަކީ ޔުނިވާސިޓީން ދަސްވެނިވާ ކޮންމެ ދަރިވަރަކީ ވެސް ޒަމާނަށް ހޭލުންތެރި އަރަބި ބަހާއި އިނގިރޭސި ބަސް ދަންނަ ބަޔަކަށް ހެދުން ކަމަށެވެ. މިހާރު ވެސް އެ ޔުނިވާސިޓީގައި 2000 އަށްވުރެ ގިނަ ދަރިވަރުން ދަނީ ތައުލީމު ހާސިލުކުރަމުންނެވެ. ޝަހީމް ވިދާޅުވީ އެ ޔުނިވާސިޓީގެ އަނެއް އަމާޒަކީ އެ އަދަދު 2020 ވަނަ އަހަރު އަންނައިރު 5000 އަށް އިތުރު ކުރުން ކަމަށެވެ.