ހަބަރު

އިންޑަސްޓްރިއަލް ވިލެޖް އަންނަ ޖުލައި 26ގައި ހުޅުވަން ނިންމައިފި

ސިނާއީ މަސައްކަތަށް ހިއްކާ އިންޑަސްޓްރިއަލް ވިލެޖް، އަންނަ ޖުލައި 26، މިނިވަން ދުވަހަށް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭ ހުޅަނގު ދެކުނު ސަރަހައްދުން ހިއްކާ ބިމަށް ނޫސްވެރިން ގެންގޮސް، މިއަދު ދެއްވި ޕްރެސްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ 4.5 ހެކްޓަރަށް އެ ބިން ހިއްކުމަށް ބޭރު ތޮށިގަނޑު ފަހަތައް ޖައްސައި، ޝީޓް ޕައިލް އެތެރެއަށް ޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެމަސައްކަތް އަންނަ މޭ މަހަށް ނިންމާލެވޭނެ ކަމަށެވެ.

"ޝީޓްޕައިލް އަދި ބިން ހިއްކުމުގެ މަސައްކަތަށް ފަހު ދެން ކުރާނީ މަގުތަކާއި ނަރުދަމާގެ މަސައްކަތް. އަޅުގަނޑުމެންގެ މިހާރުގެ އަމާޒަކީ މިއަހަރު މިނިވަން ދުވަހާއި ގުޅިގެން މިމަސައްކަތް ނިންމައި މިތަންހުޅުވަން. އެކަމަށް އެމްޓީސީސީއާ ގުޅިގެން މިދަނީ ވަރަށް ބާރަށް މިދަނީ މަސައްކަތް ކުރަމުން،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖްގެ ހިއްކާއިރު ފަޅުތެރެ ބެދިގެން ދާކަމަށާއި އެހެންކަމުން ކަޅުތުއްކަލާ ކޮޅާ ހިސާބަށް ދާން ބޭނުންވާ އުޅަނދުތަކަށް ހާއްސަ ނެރެއް ކެނޑުމުުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށެވެ. އަދި އެނެރުގެ މަސައްކަތައް ބޭނުންވާ ބޮޑު ހިލަ އަންނަ ހޯމަ ދުވަހު މާލެ އަންނާނެ ކަމަށާއި މޭމަހަށް އެކަން ވެސް ނިމޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މި މަޝްރޫއުގެ ތެރެއިން މާލޭގައި ހިންގާ ކޮންސްޓްރަކްޝަން ގެ މަސައްކަތް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރެވޭ އިރު ކުނި ކޮއްޓާއި ބޮޑެތި ގަރާޖު ނުވަތަ ވޯކްޝޮޕް ފަދަ ތަންތަން ވެސް އެސަރަހައްދަށް ބަދަލު ކުރާނެ ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓުން މިކަމަށް 159 މިލިއަން ރުފިޔާ ހަރަދުވާއިރު، އެ ހަރަދަކީ ސަރުކާރުން ކުރާ އިންވެސްޓްމަންޓެއް ކަމަށާއި މި ޕްރޮޖެކްޓު ނިމުމަށް ފަހު ބިން ކުއްޔަށް ދީގެން ހަތަރު އަހަރު ތެރޭގައި ފައިސާ އަނބުރާ ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.