ފިނިޕޭޖް

ބިސްކޮލާޓާ އާއި ޓްވިޓަރު ދޫކޮށް ޓެޑްރީ އައިޑޮލްގެ ޖަޖަކަށް!

  • މިރޭގެ ތީމަކީ "ޓެޑްރީ ސްޕިޝަލް"
  • އައިޑޮލްގެ ރޭސް މިރޭ ގަދަ ހައެކަށް
  • "ނޯ އެލިމިނޭޝަން ޕަވާ" ބޭނުންކޮށްފާނެތަ؟

މޯލްޑިވިއަން އައިޑޮލްގެ ގާލާ ރައުންޑްގެ ހަ ވަނަ ޝޯ ރޭ ނިމިގެންދިޔައީ އިބްރާހިމް ހަމްދީގެ ހަނދާންތަކަށް ދިވެހިން ގަންބާލުމަށްފަހު އެވެ. ރޭގައި ހަތް ބައިވެރިން ވެސް ހުށަހަޅައިދިނީ ހަމްދީގެ ހިތްގައިމު ލަވަތަކެވެ. އެ ލަވަތަކަށް ޖަޖުންނާއި ބެލުންތެރިންގެ ފަރާތުން ވަނީ ރަނގަޅު ކޮމެންޓްތަކެއް ވެސް ލިބިފަ އެވެ. އެ ލަވަތައް ވަނީ ބަލައިގެންފަ އެވެ.

އެއަށް ފަހު ދެން މިއޮތީ އޮތީ އެއް ބައިވެރިޔަކު ޝޯއިން ކަޓުވާލުމެވެ. މިރޭގެ ހަތް ބައިވެރިން ހަ ބައިވެރިންނަށް މަދުވެގެންދާނީ އެވެ. ސުވާލަކީ ކޮން ބައިވެރިއެއްބާވަ އެވެ. މި ސުވާލުތަކަށް މިރޭ 10:30 ފަށާ ޝޯއިން ޖަވާބު ލިބޭނެ އެވެ. އިންތިޒާރު ކޮށްލާށެވެ. ޓީވީއެމްގެ އިތުރުން ލައިވް ސްޓްރީމްކޮށްގެން ވެސް ޝޯ ބަލައިލެވޭނެ އެވެ.

އިންތިޒާރުގެ ނިމުން ފޮނިކުރާނީ ފޮނިފޮނި ބިސްކޮލާޓާގެ ވާހަކަތައް ކިޔައިދެމުން ޓްވިޓަރުގައި ފޯރި ނަގައި އައިޑޮލްގެ ޝޯތައް ގަވާއިދުން ބަލަމުން އައި މަޝްހޫރު ފިލްމު ޑައިރެކްޓަރު ޓެޑްރީ މުހައްމަދު ނިޔާޒު އެވެ.

މިރޭގެ ތީމަކީ "ޓެޑްރީ ސްޕިޝަލް" އެވެ. މިރޭ ބައިވެރިން ހުށަހަޅައިދޭނީ ޓެޑްރީ ޑައިރެކްޓްކޮށްފައިވާ ލަތަކެވެ. އެގޮތުން ފިލްމް "އަމާނަތް" އަދި "ދެރިޔާ"ގެ ލަވަތައް މިރޭ އަޑުއިވިގެންދާނެ އެވެ.

ޓެޑްރީ މިރޭގެ ޝޯގައި ހާއްސަ ޖަޖެއްގެ ގޮތުގައި ބައިވެރިވާއިރު އޭނާ އަކީ މިގޮތަށް ސްޕެޝަލް ޖަޖެއްގެ ގޮތުގައި ޝޯގައި ބައިވެރިވާ ދެ ވަނަ ފަންނާނެވެ. ކުރިން ފެނިގެން ދިޔައީ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު އެވެ.

މިރޭ ލަވަތައް ހުށަހަޅައިދޭނީ ޑުއެޓް އަދި ތިން ބައިވެރިން އެކުގަ އެވެ. މީގެ އިތުރުން ހަތް ބައިވެރިން އެކުގައި ގުރޫޕް ލަވައެއް ވެސް ހުށަހަޅައިދޭނެ އެވެ.

ޓެޑްރީއަކީ މޯލްޑިވިއަން އައިޑޮލަށް ވަރަށް ފޯރި ހުންނަ މީހެކެވެ. ވަގުތު ހޯދައިގެން ވަރަށް ފޯރިއާއެކު ޝޯ ބަލާ މީހެކެވެ. ޓްވިޓާގައި ވެސް ވަރަށް ފޯރި އަރުވާލަ އެވެ. ބިސްކޮލާޓާ އާއި ސަބްމެރިން ހިފައިގެން ޝޯއަށް ވަގުތު ހުސްކޮށްލާ ޑައިރެކްޓަރެކެވެ. ޝޯގެ ބައިވެރިންނާއި ޝޯއާ ބެހޭގޮތުން ފާޅުގައި ކޮމެންޓްތައް ކުރާއިރު އެންމެ ފޯރިއާ އެކު މިކަމުގައި ވެސް އުޅޭ ފަންނާނަކީ މިއީކަން ފާހަގަކޮށްލެވެ އެވެ.

އެންމެ މޮޅު ޑައިރެކްޓަރު ޓެޑްރީ!

މިރޭ އައިޑޮލުން ފެނިގެންދާ ޓެޑްރީއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޑައިރެކްޓަރު ކަމާމެދަކު ހިޔާލު ތަފާތުވާނެ މީހެއް ނުހުންނާނެ އެވެ. ގިނަ ފިލްމްތަކެއް ހަދާފައި ނެތް ނަމަވެސް އޭނާ އުފެއްދި ދެ ފިލްމަކީ ވެސް މިހާތަނަށް ރާއްޖޭގައި އުފެއްދި އެންމެ މޮޅު އަދި އެންމެ ކާމިޔާބު ދެ ފިލްމެވެ. އެންމެ ގިނަ އެވޯޑް ލިބުނު ދެ ފިލްމަަށް ވެސް އެ ދެ ފިލްމް ވާނެ އެވެ.

"އަމާނަތް" އަދި "ދެރިޔާ" ގެ އިތުރުން މަޝްހޫރިވި ޓީވީ ޑްރާމާ ސިލްސިލާ "ސަޅިބައިސާ" އަކީ ވެސް ޓެޑްރީގެ އުފެއްދުމެކެވެ. އޭގެއިތުރަށް "މަންމަ" އާއި "ދުންތަރި" އަކީ ވެސް ޓެޑްރީގެ ހާއްސަ އުފެއްދުންތަކެވެ.

ރޭގެ ޝޯގެ ކުރު ހަނދާނެއް

ރޭގެ ޝޯއަށް ބަލާލާއިރު ޝޯ ފަށައިދިނީ ލައިޝާ އަޑުން ކިޔައިދިން ފުރިހަމަ ލަވަޔަކުންނެވެ. ލައިޝާގެ ހުށަހަޅައިދިނީ "ރޭރޭ ދިވާނާ" އެވެ. ދެވަނައަށް ލަވަ ހުށަހަޅައިދިނީ ސޯދިގެވެ. ހުށަހަޅައިދިނީ "ސަހަރޯއެ މާފުދޭށޭ" އެވެ.

"ހިތާ ރޫހުން އަސަރުކުރަނީ" މި ހިތްގައިމު ލަވަ ހުށަހަޅައިދިނީ އިޝާން އެވެ. ފިޓްގާއީ ޒަލީފު ހުށަހަޅައިދިނީ، "މި ޒަހަރު ހިތާ" މި ލަވަ އެވެ. "ފަޒާއޭ ދިއްލެނީ ރޭރޭ" ހުށަހަޅައިދިނީ ރޮކްސްޓާ މުއައްޒިން އެވެ. ލޯބިލޯބި ކުޑަ ފިރިހެން ކުއްޖެއްގެ ފަހުރުވެރި ބައްޕަ ކަމަށްވާ ފާލިހު ރޭ ހުށަހަޅައިދިނީ "ވޭނީ ވާރޭ ވާރޭ" މި ލަވަ އެވެ. ޝޯ ނިންމާލީ ޝަލަބީ އެވެ. ޝަލަބީ ހުށަހަޅައިދިން ލަވައަށް ތިން ޖަޖުންގެ ފަރާތުން ސްޑޭންޓިން އޮވޭޝަނެއް ލިބުނެވެ. ޝަލަބީ ހުށަހަޅައިދިނީ "މަންމާ މިދޭ އިހްތިރާމް" މި ލަވަ އެވެ.

މޯލްޑިވިއަން އައިޑޮލްގައި "ނޯ އެލިމިނޭޝަން" ވަނީ އިއުލާންކޮށްފަ އެވެ. މި ބާރަކީ ޖަޖުންނަށް ލިބިދޭ ހާއްސަ ބާރެކެވެ. އެއް ފަހަރު ބޭނުންކުރެވޭ މި ބާރުގެ އެހީގައި ޖަޖުންނަށް ބައިވެރިޔަކު ޝޯއިން ވަކިވުން ހުއްޓުވޭނެ އެވެ. "ނޯ އެލިމިނޭޝަން ޕަވާ" ކޮންމެ ވަގުތަކު ވެސް ޖަޖުންނަށް ބޭނުން ކުރެވޭނެ އެވެ. މިރޭ ވެސް ފެނުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. ޝޯއަށް އިންތިޒާރު ކޮށްލާށެވެ.