އަހުމަދު ރިލްވާން

ރިލްވާނާ ގުޅޭ އަޕްޑޭޓް: އަނެއްކާވެސް ސުވާލުތައް!

މިނިވަން ނޫހުގައި މަސައްކަތްކުރި ހުނަރުވެރި ނޫސްވެރިޔާ އަހުމަދު ރިލްވާން ވީނުވީއެއް ނޭނގި ގެއްލުނުތާ މިއަދަށް 604 ދުވަސްވީ އެވެ. މި ހުރިހާ ދުވަހު ރިލްވާން ވީނުވީއެއް ނޭނގި ގެއްލުނީ ކަމަށް ބުނަމުންދިޔަ ނަމަވެސް އިއްޔެ މި މައްސަލާގައި ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ދިން މައުލޫމާތުން ރިލްވާން ގެއްލުވާލީކަން މިއޮތީ ހާމަވެފަ އެވެ.

ރިލްވާން ގެއްލުވާލީ ކަމަށް މީގެކުރިން ވެސް އެތައް ބަޔަކު ތުހުމަތުކުރަމުން ދިޔަ ނަމަވެސް އެ ކަމެއް ފުލުހުން އިއްޔެއާ ހަމައަށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ. އިއްޔެ ފުލުހުން ރިލްވާންއާ ގުޅޭ ގޮތުން ހިއްސާކުރި މައުލޫމާތު ނުވަތަ ރިލްވާންއަށް ވީގޮތް ކަމަށް ބުނެ ދެއްކި ވާހަކަތަކުން އެތައް ބަޔެއްގެ ފިއްކަނޑުވާލި އެވެ. އެކުވެރި ނޫސްވެރިންތައް ޖަޒުބާތުގައި ޖެއްސި އެވެ. އާއިލާ މެންބަރުން ރޮއްވާލި އެވެ.

ރިލްވާން ގެއްލުނުތާ އެތައް ދުވަހެއްވީ ފަހުން މި މައްސަލާގައި ފުލުހުން ދިން ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި މައުލޫމާތުތަކުން އެތައް ސުވާލުތަކެއް މިވަނީ އުފެދިފަ އެވެ. ފުލުހުންގެ ތަހުގީގާމެދު މިވަނީ ސުވާލު އުފައްދާފަ އެވެ. މައްސަލާގައި ފުލުހުން ހިއްސާކުރި މައުލޫމާތުތާ ގުޅިގެން މީހުން ފާޅުކުރި ޝުއޫރުތަކަށް ބަލާލާއިރު މުޅިން ވެސް ވަނީ މި މައްސަލާގައި ފުލުހުން "ފަރުވާކުޑަ" ކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފަ އެވެ.

ސުއޭދަށް ރާއްޖެއިން ބޭރަށް ދެވިގެން ނުވާނެ

ރިލްވާންއަށް ފާރަލީ ސ. ހުޅުދޫ އަތިރިޔާގެ މުހައްދު ސުއޭދު ހައްޔަރު ކުރުމަށްފަހު ކޯޓުން ދޫކޮށްލައި، އޭނާ ރާއްޖެއިން ފުރައިގެން ދިޔުމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ގައުމީ ފެންވަރުގައި މިހާ ބޮޑު މައްސަލައެއްގައި އެންމެ ބޮޑަށް ތުހުމަތުކުރޭ މީހާ ފިލައިގެން ދިޔުން ގިނަ ބަޔަކަށް ގަބޫލެއް ނުކުރެވުނެވެ. ފުލުހުންނަށް އޭނާގެ ޕާސްޕޯޓް ނުހިފެހެއްޓޭނެތޯ ވަނީ ސުވާލު އުފައްދާފަ އެވެ.

ފުލުހުން ދެއްކި ސީސީޓީވީފުޓޭޖްތަކުން ފެންނަ ގޮތުގައި ސުއޭދު ދިޔައީ ރިލްވާންއަށް ވަރަށް ގަދައަށް ފާރަލަމުންނެވެ. އެނގި ޔަގީންވާ ކަމަކީ ރިލްވާންއަށް ވީގޮތް ސުއޭދަށް އެނގޭނެ ކަމެވެ. ސުއޭދު މިހާރުވީ ސީރިޔާގައި ކަމަށް ވާހަކަތައް ދެކެވޭއިރު އެކަން ވެސް ފުލުހުންނަށް ޔަގީން ކުރެވިފައެއް ނުވެ އެވެ. އަދި އޭނާ ހޯދައި ހައްޔަރުކުރުމަށް މަސައްކަތެއް ކުރާ ކަމަށް ވެސް ބުނެފައެއް ނެތެވެ. ސުއޭދު ހޯދަން ނެޓް ނޯޓިސް ނެރެފައިނެތުމަކީ ވެސް ގިނަ ބަޔަކު ކަންބޮޑުވާ މައްސަލައެކެވެ.

އާލިފު ހައްޔަރުކުރަން ޖެހޭ

ދެން މި މައްސަލާގައި އެންމެ ކުރިއަށް އަންނަ ނަމަކީ ހ. ހިލްޓަން އަހްމަދު އާލިފް ރައޫފް އެވެ. އޭނާއަކީ ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވި އިސްތަށި ފެނުނު ކާރުގެ ވެރި ފަރާތެވެ. އެތައް ބަޔަކު ސިއްސުވާލި ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް އަބްދުﷲ ޝަތީހްގެ އެންމެ ޖުމްލައަކުންނެވެ.

"އާލިފް ރައޫފް މި މައްސަލާގައި ހައްޔަރެއް ނުކުރޭ،"

ރިލްވާންގެ ޑީއެންއޭ އެ ކާރުން ފެނުނީމަ އެ ކާރާ ރިލްވާންގެ ގެެއްލުމާ ގުޅުމެއްވާކަން ޔަގީންވެފައިވާއިރު ވެސް ކާރުގެ ވެރި ފަރާތް ހައްޔަރުކުރެވިފައިނުވުމަކީ ރައްޔިތުން އިންތިހާއަށް ހައިރާންވި ކަމެކެވެ. އާލިފު ވެސް ފިލައިގެން ނުދާނެ ކަމުގެ އޮތީ ކޮން ޔަގީންކަމެއްބާވަ އޭ ވެސް ވަނީ ސުވާލު އުފައްދާފަ އެވެ.

ރިލްވާން ގެއްލުނު ރޭ ހުޅުމާލޭގައި ހިނގި އަދާޔާ ހިލާފު ކަމެއް ރައްޔިތު ބަޔަކު ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ. ކާރަކަށް މީހަކު ގަދަކުމުން އަރުވާ، ހަޅާލާ އަޑު އިވުނު މައްސަލައެކެވެ. އެތަނަށް ފުލުހުންނަށް ދެވުނުއިރު އެބުނާ ކާރެއް ނެތެވެ. އިއްޔެ ފުލުހުން ވަނީ ވަރަށް ޔަގީންކަމާއެކު އެ ކާރަށް އެރުވީ ރިލްވާން ކަަމަށް ބުނެފަ އެވެ. މިހާ ދުވަސްވީއިރު އެކަން ވެސް ފުލުހުން އަދި ޔަގީންކުރެވުމުން ހިތް ނުތަނަސްވުމަކީ ޖާއިޒު ކަމެކެވެ. އިއްޔެ ފުލުހުން ބުނީ އެ ކާރަށް އެރުވީ އަދި ހަޅޭލާ އަޑުއިވުނީ ރިލްވާން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އެކަމަށް ބާރު ދެނީ ރިލްވާންގެ މަންމަގެ ޑީއެންއޭ އެ ކާރު ތަރެއިން ފެނުނު އިސްތަށިން ލިބުމެވެ.

ވީޑިއޯ އާންމުކުރަން އެހާ ގިނަ ދުވަސް ބޭނުންވޭތަ؟

އިއްޔެ ފުލުހުން ވަނީ މީގެކުރިން ފުލުހުން ހާމަކޮށްފައިނުވާ ރިލްވާންގެ މަންޒަރުތަކެއް ދައްކާފަ އެވެ. އެއީ އެ ރޭ ރިލްވާން ހަރަކާތްތެރިވި ގޮތުގެ ވީޑިއޯއެކެވެ. ޔަގީންނެވެ. އެ ވީޑިއޯ އެއްކުރުން ވަނީ އުނދަގޫ ކަމަކަށެވެ. މާލޭގެ އެކި ސަރަހައްދުތަކުގައިވާ ސީސީޓީވީގެ ފުޓޭޖްތައް ނަގާ ރިލްވާން ޓްރޭސްކުރުން އެހާ ފަސޭހައެއް ނުވާނެ އެވެ. އެހެންނަމަވެސް 603 ދުވަސް ތަންކޮޅެއް ގިނަ ނޫން ހެއްޔެވެ؟ އެ ސުވާލަކީ އެންމެ ގިނަ މީހުން ފުލުހުންނަށް އަމާޒުކުރި ސުވާލެވެ.

މީގެ ދެ އަހަރު ކުރިން ހިނގާފައިވާ ކަމެއްގެ ވީޑިއޯތައް އާންމުކުރުން މިހާ ލަސްވެގެން ދިޔުމަކީ މީހުންގެ ޝަކުވާތަށް ފުލުހުންނަށް އަމާޒުވި ކަމެކެވެ. އެ ވީޑިއޯތައް އަމާޒުވީ ފުލުހުންނަށް ނުފޫޒުގަދަ ފަރާތެއްގެ ބާރު މީގެކުރިން އޮތުމުން ކަމަށް ތުހުމަތުކުރެވެ އެވެ. ނަމަވެސް އިއްޔެ ޝަތީހް ވިދާޅުވީ، މި މައްސަލާގައި އެއްވެސް ފަރާތެއް ނުފޫޒެއް ފުލުހުންނަށް އޮތް ކަމަށް ނުދެކޭ ކަމަށެވެ.

މައްސަލާގައި ތަހުގީގަށް ލިބުނު ކުރިއެރުންތައް ކަމަށް ބުނެ ފުލުހުން ހާމަކުރި މައުލޫމާތަކާ ގުޅިގެން އެތައް ބަޔަކު ފުލުހުންނަށް ފާޑުކިޔަމުންދާއިރު، މި މައްސަލަ މާބޮޑަށް ވެސް ލަސްވެފައިވާ ކަމަށް މީހުން ދެކެ އެވެ. މައްސަލަ ބަލަން ފެށުނީ އަދި ކިރިޔާ ކަމަށް ވެސް ހީވާ ދަރަޖައަށް ކަންތައްތައް މިވަނީ ގޮސްފަ އެވެ. ސުވާލަކީ މީގެކުރިން މި މައްސަލައަށް ބަޔަކު ނުފޫޒު ފޯރުވީ ހެއްޔެވެ؟