ބޭރު ކުޅިވަރު

ލިވަޕޫލާ އެއްވަރުގެ ޓޮޓެންހަމަށް ލީގު އުއްމީދު ފަނޑުވެއްޖެ

ލިވަޕޫލާ ބައްދަލުކޮށް 1-1އިން އެއްވަރުވެ އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާު ކުރުމުގެ ފުރުސަތު ޓޮޓެންހަމަށް ވަރަށް ބޮޑަށް ހަނިވެއްޖެ އެވެ.

ލިވަޕޫލްގެ ފިލިޕް ކޫޓީނިއޯ ލަނޑު ޖަހާފައިވަނިކޮށް، އެގެ 12 މިނިޓް ފަހުން ހެރީކޭން އެއްވަރުކޮށްދިން މެޗަށް ފަހު ޓޮޓެންހަމަށް ލިބިފައިވަނީ 62 ޕޮއިންޓާއެކު ދެ ވަނަ އެވެ. މިއީ އެއްވަނާގައިވާ ލެސްޓާ ސިޓީއަށްވުރެ ހަތަރު ޕޮއިންޓް މަދު އަދަދެކެވެ. ލެސްޓާ އަށް ޓޮޓެންހަމަށްވުރެ އެއްމެޗު ބާކީވެސް އެބައޮތެވެ.

ކޯޗު މައުރީސިއޯ ޕޮޗެޓީނީ ބުނީ ގެއްލުނީ މުހިންމު ތިން ޕޮއިންޓް ކަމަށާއި ނަމަވެސް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ލީގޫ ކާމިޔާބުކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

މި މެޗު އެއްވަރުވުމުން ލިވަޕޫލް އޮތީ 45 ޕޮއިންޓާއެކު ނުވަވަނާގަ އެވެ. ނަމަވެސް އެހެންޓީމުތަކަށްވުރެ ލިވަޕޫލް ކުޅެފައިވާ މެޗުގެ އަދަދު މަދެވެ. މިހެންވެ ފަސް ވަނަ އަށް ކުރިއަށް ޖެހުމުގެ ފުރުސަތު އެ ޓީމަށް ވަރަށް ތަނަވަހެވެ.

ނަމަވެސް ކޯޗު ޔާގެން ކްލޮޕް މެޗަށް ފަހު ބުނީ ބޮޑެތި ޓީމުތައް ބަލިކުރެވޭނީ މަދުފަހަރަކު ކަމަށާއި އެކަން ވިސްނައިގެން ކުޅެން ޖެހޭ ކަމަށެވެ. އޭނާ އިޝާރާތްކުރޫ ލީޑު ލިބިފައި އޮއްވައި ޓޮޓެންހަމް އެއްވަރުކުރުމުންނެވެ.