ސްޕެނިޝް ލީގުގައި ވާދަވެރި ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑް އިތުބާރު އުފައްދައިފި އެވެ.
މި މެޗުން ބަލިވި ނަމަވެސް ސްޕެނިޝް ލީގުގެ ކުރީގައި ހަ ޕޮއިންޓްގެ ލީޑަކާއެކު އޮތީ ޗެމްޕިއަން ބާސެލޯނާ އެވެ. އެ ޓީމަށް 76 ޕޮއިންޓް ލިބިފައވާއިރު ދެ ވަނާގައިވަނީ 70 ޕޮއިންޓާއެކު އެތްލެޓިކޯ މެޑްރިޑެވެ. ރެއާލް މިހާރު އޮތީ 69 ޕޮއިންޓާއެކު ތިން ވަނާގަ އެވެ.
މި މެޗުން މޮޅުވުމުން ރެއާލް އަށް ލިބިފައިވާ އެންމެ ބޮޑު އިތުބާރަކީ މި ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ލިބުނު ހިތްވަރެވެ.
ޗެމްޕިއަންސް ލީގަކީ މި އަހަރުގެ ސީޒަނުގައި ތައްޓެއް ހޯދަން ރެއާލް އަށް މިހާރު އެންމެ ފަހި ފުރުސަތެއް އޮތް މުބާރާތް ވެސްމެ އެވެ.
ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ރޭގެ މެޗަށް ފަހު ބުނީ އަބަދުވެސް ބާސެލޯނާގެ މެޗަކީ ހާއްސަ މެޗެއް ކަމަށާއި ލިބުނު ކާމިޔާބީގެ ސަބަބުން އޭނާގެ ޓީމުގެ ރޫހު އިތުރަށް ރަނގަޅުވެއްޖެ ކަމަށެވެ.
މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑް ނެގީ ބާސެލޯނާ އެވެ. ޖެރާޑް ޕީކޭ ޖެހި ލަނޑުން ކުރި ލިބުނު ނަމަވެސް ކަރީމް ބެންޒެމާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ދެ ގޯލުން ރެއާލް ފަހަތުން އަރައި މޮޅުވިއިރު ބާސެލޯނާ ފެނުނީ ވަރަށް ބޮޑަށް ހާވިއާވެފައިވަނިކޮށެވެ.
ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ބާސެލޯނާގެ ފޯވަޑުންނަށް ނުހިފިދިޔަ މެޗުގައި ރޮނާލްޑޯ ހުރަސް ދަނޑީގައި ވެސް ޖެހި އެވެ. އަދި ގެރެތް ބޭލް ޖެހި ގޯލު ރެފްރީ ގަބޫލުނުކުރި އެވެ. އެއީ ޖޯޑީ އަލްބާ އަށް ފައުލްކުރި ބަލާފަ އެވެ. ކެޕްޓަން ސާޖިއޯ ރާމޯސް އަށް ރަތްކާޑު ދެއްކި މި މެޗުގައި ގިނަ އަދަދެއްގެ ކާޑު ދެ ޓީމަށް ވެސް ދައްކާފައިވެ އެވެ.